ސްޕެނިޝް ލަލީގާގެ ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާއި ވެލެންސިއާ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ވެލެންސިއާގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިި މެޗުގައި ގިނައިރު ރެއާލުން ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފައްދާފައިވަނީ ވެލެންސިއާއިންނެވެ.

މެޗުގެ 27 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހޫގޯ ޑޫރޯއެވެ. މިއީ އޭނާ މި ސީޒަންގައި ކާމިޔާބުކުރި 12 ވަނަ ލަނޑެވެ. މި ލަނޑު ޖެހިތާ ތިން މިނެޓު ފަހުން ވެލެންސިއާއިން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރޯމަން ޔަރެމްކުޗެވެ. މި ލަނޑާއެކު ވެެލެންސިއާއިން ހަމަޖެހިލިއިރު ރެއާލުން އިތުރު ޕްރެޝަރަށް ވެއްޓިގެންދިޔަ ތަން ފާހަގަ ކޮށްލެވުނެވެ.

ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވިނީޝިއަސް ޖޫނިއާ ލަނޑެއް ޖަހައި ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކުރިއެވެ. މެޗުގައި ރެއާލުން އެއްވަރު ކުރި ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް ވިނީޝިއަސް ޖޫނިއާއެވެ.

މެޗުގެ އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި ރެއާލަށް މި މެޗު ކާމިޔާބު ކުރެވުނު ކަމަށް ހީވި ނަމަވެސް ޖޫޑް ބެލިންހަމް ވެލެންސިއާގެ ގޯލަށް ބޯޅަ ވައްދާލި ހުރަސް ނެގުމުގެ ކުރިން ރެފްރީ ވަނީ މެޗު ނިމުނު ކަމަށް ކަށިގަނޑު ފުމެފައެވެ. އެހެންވެ، އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. މި ކަމާ ގުޅިގެން ރެއާލްގެ ކުޅުންތެރިން ރެފްރީ ވަށާލައި ހިތްހަމަ ނުޖެހުން ފާޅުކުރުމުގެ ތެރޭގައި ބެލިންހަމަށް ވަނީ ރަތްކާޑު ވެސް ދައްކާފައެވެ.

މެޗު އެއްވަރުވުމާއެކު ރެއާލުން މިހާރު ވަނީ ލީގުގައި ބަލިނުވެ 21 މެޗު ހަމަކޮށްފައެވެ. އެ ޓީމު މި ވަގުތު އުޅެނީ 27 މެޗުން ލިބިފައިވާ 66 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓްގެ ލީޑަކާ އެކުއެވެ.

ނަމަވެސް މި ހަފުތާގައި ޖިރޯނާ ކުޅޭ މެޗު އެ ޓީމަށް ކާމިޔާބު ކުރެވިއްޖެނަމަ މި ފަރަގު ހަތަރު ޕޮއިންޓަށް ކުޑަވެގެންދާނެއެވެ. މެޗުން ލިބުނު ޕޮއިންޓާ އެކު ވެލެންސިއާ އުޅެނީ 37 ޕޮއިންޓާ އެކު ތާވަލުގެ ނުވަވަނައިގައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުން ވެލެންސިއާ އަމިއްލަ ދަނޑުގައި ކުޅެ ބަލިވެފައެއް ނުވެއެވެ.