03 Jun 2012, 13:23
ފިރިހެން ދެ ވަނަ ޑިވިޝަންގެ ފަސް ޓީމާ އެކު، 32 ވަނަ ގައުމީ ބާސްކެޓް ބޯޅަ މުބާރާތް އަންގާރަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން ބުނެފި އެވެ.
ޒުވާނުންގެ މަރުކަޒުގެ ބާސްކެޓް ކޯޓުގައި ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ވާދަކުރާ ފަސް ޓީމަކީ ދިވެހި ސިފައިންގެ ކުލަބާއި ކުލަބް ވެލެންސިޔާ އާއި ޓީސީ ސްޕޯޓްސް ކުލަބާއި ޕޮލިސް ކުލަބް އަދި އެމްއެސް ހެލްޕިން ހޭންޑެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އަންގާރަ ދުވަހު ބައްދަލު ކުރާ ދެ ޓީމަކީ ސިފައިންގެ ކުލަބާއި ކުލަބް ވެލެންސިޔާ އެވެ. އަދި ދެ ވަނަ މެޗުގައި އަންނަ ބުދަ ބައްދަލުކުރާ ދެ ޓީމަކީ ޓީސީ ސްޕޯޓްސް އާއި ޕޮލިސް ކުލަބެވެ.
ބާސްކެޓް އެސޯސިއޭޝަނުން ބުނީ، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެއް ސެ މީފައިނަލަށް ދަތުރު ކުރާ ގޮތަށެވެ. އަދި އެ ހަތަރު ޓީމުގެ މެދުގައި ސެ މީ ފައިނަލްގެ ތިން މެޗެއް ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދަތުރު ކުރާ ގޮތަށެވެ.
މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.