އދ. މަޖިލިސް (3 މާޗް 2024) : ޣައްޒާގައި ކާބޯތަކެތި ބަހާ މަރުކަޒެއްގެ ކައިރީގައި ކާބޯތަކެތި ހޯދުމަށް ކިޔޫގައި ތިބި ފަލަސްތީނުގެ އާންމުންނަށް އިސްރާއީލުން ހަމަލާދީ 117 މީހުން ޝަހީދުކޮށް 760 މީހުން ޒަޚަމްކޮށްލި ގަތުލުއާންމު، އދ. ގެ ސަލާމަތީ މަޖިލީހުން ކުށްވެރިކޮށްފިއެވެ.

ސަލާމަތީ މަޖިލީހުން މި ޖަރީމާ ކުށްވެރިކޮށް ފާސްކުރި ގަރާރު ހުށަހަޅާފައިވަނީ އަރަބި ގައުމެއް ކަމަށްވާ އަލްޖަޒާއިރުންނެވެ. މި ޖަރީމާ ހިންގީ އިސްރާއީލުކަމަށް ވިޔަސް އެ ކަމުގެ ޒިންމާ އިސްރާއީލު އުފުލަންޖެހޭނެކަމަށް ބުނާ މާއްދާ، އެމެރިކާގެ ފިއްތުންތަކުގެ ސަބަބުން ވަނީ މި ގަރާރުން އުނިކޮށްފައެވެ.

ކާބޯތަކެތި ހޯދުމަށް ކިޔޫގައި ތިބި ފަލަސްތީނު އާންމުންގެ އެތައް ސަތޭކަ ބަޔަކަށް ބަޑިން ހަމަލާދީ އޭގެތެރެއިން އެތައް ބަޔަކު ޝަހީދުކޮށްލި ޖަރީމާ ހިންގީ އިސްރާއީލު ސިފައިންނެވެ. އެ ހަމަލާތަކުގައި ވަގުތުން 100 މީހުން މަރުވެ ހަތް ސަތޭކައަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ. އަދި ޒަޚަމްވި އިތުރު ބަޔަކު ފަހުން މަރުވުމާއެކު މަރުވި މީހުންގެ އަދަދު މިހާރު ވަނީ 117 އަށް އަރާފައެވެ. ޒަޚަމްވި މީހުންގެ އަދަދަކީ 760 އެވެ.

އިސްރާއީލުން މި ގަތުލުއާންމު ހިންގާފައިވަނީ ޣައްޒާގެ ދުއްވާރުއްނާބްލިސީ ކިޔާ ސަރަހައްދުގައެވެ. ޣައްޒާގައި އިސްރާއީލު ހިންގާ ގަތުލުއާންމުތައް ހުއްޓާލުމަށް ގޮވާލާ ތިން ގަރާރެއް އެމެރިކާއިން ވަނީ ސަލާމަތީ މަޖިލީހުގައި ވީޓޯކޮށްފައެވެ. މި ގަރާރުގައި ވެސް ގަތުލުއާންމުތައް ހުއްޓާލަން ގޮވާލިނަމަ އެމެރިކާ ވީޓޯ ކުރާނެ ކަމަށް އޮތީ ބެލެވިފައެވެ. އެހެންކަމުން މި ގަރާރުގެ ދެލިކޮޕީގައި ޣައްޒާގެ އާންމުންނަށް އިސްރާއީލުން ދޭ ހަމަލާތައް ހުއްޓާލުން ހިމަނާފައެއް ނުވެއެވެ.

ޣައްޒާގައި ކާބޯތަކެތި ބަހާ މަރުކަޒެއްގެ ކައިރީގައި ކިޔޫ ހަދައިގެން ތިބި މީހުންނަށް އިސްރާއީލުން ހަމަލާދީ އޭގެ ތެރެއިން 117 މީހުން މަރާލި މައްސަލަ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުންނާ އަދި ޔޫރަޕްގެ އިއްތިޙާދުން ވެސް ވަނީ ކުށްވެރިކޮށްފައެވެ.

ބްރެޒީލުން މި ޖަރީމާ ސިފަކޮށްފައިވަނީ ދެވަނަ ބޮޑު ހަނގުރާމައިގައި ހިޓްލަރު ހިންގި ފަދަ ލާއިންސާނީ އަމަލުތަކާ އެއްގޮތް ޖަރީމާއެއްގެ ގޮތުގައެވެ. މިކަން ތަހްގީގުކޮށް މިކަމުގެ ފަހަތުގައިވާ އިސްރާއީލު ސިފައިންނާއި އިސްރާއީލުގެ މަސްއޫލުވެރިން ބައިނަލްއަގްވާމީ އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރުމަށް ބްރަޒީލުގެ ޚާރިޖީ ވަޒީރު ގޮވާލެއްވިއެވެ.

ޔޫރަޕްގެ އިއްތިޙާދުން މި ޖަރީމާ ނަމެއްގައި ކުށްވެރި ކުރިނަމަވެސް ޔޫރަޕްގެ ގިނަ ގައުމުތަކަކީ އިސްރާއީލުން ޣައްޒާގެ އާންމުން މެރުމަށް ހިންގާ ގަތުލުއާންމުތަކަށް ވާގިވެރިވާ ގައުމުތަކެކެވެ. އަދި އިސްރާއީލު ހިމާޔަތްކޮށް އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދޭ ގައުމުތަކެއްކަމުން ޔޫރަޕުން އެ ޖަރީމާ ކުށްވެރިކުރުމަކީ ނަމެއްގައިކުރި ކަމެއްގެ ގޮތުގައި މުހައްލިލުން ސިފަކުރައްވައެވެ.