03 Jun 2012, 13:21
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހއ. އަތޮޅުގެ ބައެއް ރަށްރަށަށް މިދިޔަ ހަފްތާ ބަންދުގައި ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނަށް ހުރަސްއެޅި 15 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރައީސް ވަހީދުގެ ދަތުރުފުޅަށް ހުރަސްއަޅައިގެން 31 މީހަކު ހައްޔަރުކުރި ކަމަށާއި ނަމަވެސް މިހާރު ބަންދުގައި ތިބީ އޭގެ ތެރެއިން 15 މީހުން ކަމަށެވެ. އެގެތެރޭގައި ހިމެނެނީ ހޯރަފުށިން ހައްުޔަރުކުރި ހަތަރު މީހަކާއި އިހަވަންދޫން ހައްޔަރުކުރި 14 މީހުންނެވެ. ނަމަވެސް އިހަވަންދޫން ހައްޔަރުކުރި އެންމެން ވެސް މިހާރު ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
ރައީސް ވަހީދުގެ ދަތުރުފުޅާ ގުޅިގެން ދިއްދޫން ހަތް މީހަކު ހައްޔަރުކުރި އިރު މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ ފަސް މީހުންނެވެ. އަދި ބާރަށަކުންނާއި ކެލައިން ހައްޔަރުކުރި މީހުންގެ ތެރެއިން އެއިން ކޮންމެ ރަށަކުން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ އޮފިޝަލް ވިދާޅުވީ އެ އެންމެން ވެސް ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަށް މަސައްކަތް ކުރުުމުންނާއި މުޖުތަމައުގެ އާއްމު މިންގަނޑުތަކާ ހިލާފުވުމުންނާއި އެ ރަށްރަށުގައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރުމުން ކަމަށެވެ.
"ރައީސްގެ ދަތުރުފުޅާ ގުޅިގެން އެ ރަށްރަށުގައި ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރުމުން މި އެންމެވެސް ވެސް މިހައްޔަރުކުރީ،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
ރައީސްގެ ދަތުރުފުޅަށް ހުރަސްއެޅުމަށް މަސައްކަތް ކުރި މީހުންގެ ތެރޭގައި ބައެއް ރަށްރަށުގެ ކައުންސިލް މެންބަރުން ވެސް ހިމެނިވަޑައިގެންނަވަ އެވެ.