03 Jun 2012, 12:54
ސްކޫލް ކުދިން ސިޔާސީ ކަންކަމުގެ ތެރެއަށް ނުވައްދަން ޓީޗަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަހީދު ހަސަން މަނިކު ގޮވާލައްވައިފި އެވެ.
މިމޭރުމުން އެމަނިކުފާނު ވާހަކަފުޅު ދެއްކެވީ ހއ. ދަތުރުފުޅުގައި ވަށަފަރަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ. މިއީ ދަރިވަރުން ސިޔާސީ ކަންކަމުގެ ތެރެއަށް ނުވެއްދުމަށް އެދިވަޑައިގެން ރައީސް ވަހީދު ވާހަކަފުޅު ދެއްކެވި ދެވަނަ ފާހަރެވެ.
ރައީސް ވަހީދު ވިދާޅުވީ ސްކޫލް ދާއިރާއަކީ ތަޢުލީމް ހާސިލް ކުރުމަށާއި ރަނގަޅު ތަރުބިއްޔަތެއް ދޭން އޮންނަ މާޙައުލެއް ކަމަށާއި ސްކޫލްގެ ތެރެއިން ދަރިވަރުންނަށް ދަސްކޮށްދޭން ވާނީ ރަނގަޅު އަހުލާގާއި ރީތި ނަމޫނާ ކަމަށެވެ. ޓީޗަރުންގެ ފަރާތުން ރީތި އަހުލާގާއި ރަނގަޅު ގޮތްތައް ދަރިވަރުންނަށް ނުފެންނަނަމަ، އޭގެ ސަބަބުން ވަރަށް ނޭދެވޭ އަސަރުތަކެއް ދަރިވަރުންނަށް ކުރަމުންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މުސްތަގުބަލްގެ ބިންގާ އަޅައިދޭ އެންމެ މުހިންމު މުއައްސަސާއަކީ، ސްކޫލްތައް ކަމަށާއި މުޖްތަމައުގައި ހިނގާ ތަފާތު ފިކުރީ ދެބަސްވުންތައް ސްކޫލްތެރެއަށް ނުވައްދަވައި، ސްކޫލަކީ ސިޔާސީ ކަންކަމުން ހިމާޔަތްކުރެވި، ދަރިވަރުންނަށް ރައްކާތެރިކަން ދެވިފައިވާ ތަނަކަށް ހެދުމަށް ރައީސް ވަނީ ޓީޗަރުންނަށް ގޮވާލެއްވެވި އެވެ.