ތައުލީމީ އާ މަންޖު އަމާޒުވެފައި ވަނީ ގާބިލިއްޔަތުގެ މައްޗަށް ކަމަށާއި އާ މަންހަޖަކީ ވަރަށް ތަފާތު މަންހަޖަކަށް ވެގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އަހުމަދު އާސިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މަންހަޖަށް ގެންނަން ފެންނަ ބަދަލުތަކުގެ މައްޗަށް މަޝްވަރާ ކުރަން މިއަދު މާލޭގައި ފެށި މަސައްކަތުގެ ބައްދަލުވުން އިފްތިތާހު ކޮށްދެއްވުމަށް ދެއްކެވި ވާހަކަފުޅުގަ އެވެ.

ގައުމީ މަންހަޖަށް ޓީޗަރުން ހޭލުންތެރިކުރަން ފަސް ދުވަހަށް ކުރިޔަށް ގެންދާ ޕްރޮގްރާމްގެ ފަސް ވަނަ ބައްދަލުވުމުގައި މިނިސްޓަރު އާސިމް ވިދާޅުވީ މިއަދު ފެށުނު މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތަކަށްވާއިރު އެކަމަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން މިނިސްޓްރީން ދޭނެ ކަމަށެވެ.

"އާ މަންހަޖަކީ މިހާރު އަޅުގަނޑުމެން މިހާރު މި ބޭނުންކުރާ މަންހަޖާ ވަރަށް ތަފާތު މަންހަޖެއް، މި މަންހަޖު ބިނާ ވެފައި މިއޮންނަނީ މައިގަނޑު ގާބިލިއްޔަތުގެ މައްޗަށް ބިނާވެގެން،" ޑރ. އާސިމް ވިދާޅުވި އެވެ.

މިނިސްޓަރ އާސިމް ވިދާޅުވީ ތައުލީމީ މަންހަޖު އެކުލަވާލުންފަދަ ބޮޑު މަސައްކަތެއް ކުރާއިރު ސްކޫލުތަކާއި ޓީޗަރުނަށް ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށާއި އެފަދަ ކޮންމެ ގޮންޖެހުމަކަށް އެހީތެރިވެ ދެއްވާނެ ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީ އާއި އީޑީސީން އޮތީ އެކަމަށް ތައްޔާރަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު އަމަލުކުރާ މަންހަޖަކީ މީގެ 28 އަހަރު ކުރީގެ މަންހަޖެއް ކަމަށާއި ކުރީގެ މަންހަޖާ ދިވެހިންގެ ދިރިއުޅުމާއި ފުށުއަރާ ކަމަށެވެ.

"މިއަދު އަޅުގަނޑުމެންގެ އިޖުތިމާއީ އަދި އިގްތިސޯދީ ހާލަތު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފަ، އަދި މިހާރު މިވަނީ މުޖުތަމައުއަށް މިވަނީ އާ ޓެކްނޮލޮޖީތައް ތައާރަފްވެފަ،" އާސިމް ވިދާޅުވި އެވެ.

މާލޭގެ ދެ ސްކޫލަކާއި އަތޮޅުތަކުގެ ހަތަރު ސްކޫލެއް ބައިވެރިވާ މަޝްވަރާ ބައްދަލުވުމުގައި އެ ސްކޫލުތަކުގެ ޓީޗަރުންގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ކަމާއިބެހޭ ފަރާތްތައް ބައިވެރިވެ އެވެ. މި މަޝްވަރާތަކުގައި ޓީޗަރުންނަށް ދިމާވާ ދަތިތަކާއި ލިބުނު ކުރިއެރުމާއި ބެހޭގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލު ކުރާނެ އެވެ.