ބޮލީވުޑްގެ ކާމިޔާބު ބަތަލާ ކްރިތީ ސެނޮންގެ އަމިއްލަ ފިލްމު ކުންފުނިން ގެނެސްދޭ ފުރަތަމަ ފިލްމު "ދޯ ޕައްތީ"ގެ ޓީޒާ އާއްމުންނަށް ދައްކާލައިފިއެވެ.

ދެ އަންހެނަކު ލީޑް ރޯލްއިން ފެންނާނެ މި ފިލްމަކީ ޚުދު ބަތަލާ ކްރިތީ ސެނޮން އާއި ކާޖޮލްގެ ވަރަށް ތަފާތު ރޯލްތަކެއް ދައްކުވައިދޭނެ ކްރައިމް ތުރިލާއެކެވެ.

އުތުރު އިންޑިއާގެ ފަރުބަދަމަތީ ރަށްތަކުގައި ބޮޑު ބައެއް ޝޫޓްކޮށްފައިވާ މި ފިލްމަކީ ބަތަލާ ކާޖޮލް ފުލުހެއްގެ ރޯލްއިން ބެލުންތެރިންނަށް ފެންނާނެ ފުރަތަމަ ފިލްމުވެސް މެއެވެ. ޒުވާން ޑައިރެކްޓަރު ޝަޝަންކާ ޗަތުރުވެދީ ޑައިރެކްޓް ކުރާ "ދޯ ޕައްތީ"ގެ ޓީޒާ އާއްމުންނަށް ދައްކާލާފައި ވީނަމަވެސް ފިލްމު ރިލީޒް ކުރާނެ ވަކި ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.

އިންޑިއާގެ ޤައުމީ އެވޯޑް ވެސް ހާސިލުކޮށްފައިވާ ބަތަލާ ކްރިތީ އާއި ކާޖޮލް އެންމެ ފުރަތަމަ މަސައްކަތް ކުރީ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމު "ދިލްވާލޭ"ގައެވެ.

ކްރިތީ ސެނޮން އާއި ކާޖަލް ފިލްމު "ދިލްވާލޭ"ގެ ޕްރޮމޯޝަން ހަފުލާއެއްގައި-- ފޮޓޯ/ ފޭސްބުކް
ކްރިތީ ފުރަތަމަ ފަހަރަށް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރާ މި ފިލްމަކީ މުޖްތަމައަށް ބޭނުން ހިފޭނެ ފަދަ ވާހަކަތަކެއް ސިނަމާ މެދުވެރިކޮށް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމުގެ ފެށުން ކަމަށް ކްރިތީ ވަނީ ބުނެފައެވެ.

ބްލޫ ބަޓަފްލައި ފިލްމްސްގެ ނަމުގައި މިދިޔަ އަހަރު ލޯންޗުކުރި ފިލްމު ކުންފުނީގެ އަމާޒަކީ އިންޑިއާގެ ރައްޔިތުންނަށް ބޭނުން ހިފޭނެ ފަދަ ހިތްގައިމު ބޭނުންތެރި އުފެއްދުންތަކެއް ސިނަމާއަށް ގެނެސްދިނުން ކަމަށް ކްރިތީ ވަނީ ފިލްމު ކުންފުނި އިފުތިތާހު ކުރަމުން ވެސް ބުނެފައެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ކަނީކާ ދިލޯން ކޯ ޕްރޮޑިއުސަރެއްގެ ރޯލް ކުޅޭ މި ފިލްމު ނެޓްފްލިކްސް މެދުވެރިކޮށް ޕްރިމިއާކުރަން ނިންމާފައި ވަނީ މި އަހަރުތެރޭގައެވެ.