01 Mar 2024, 23:27
ހުޅުމާލެ ފޭސް އެކެއްގައި ގާއިމުކޮށްފައިވާ މަސް މާރުކޭޓު ހިންގާނެ ފަރާތެއް ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އިއުލާނުކޮށްފިއެވެ.
އެކަމާ ގުޅިގެން އެޗްޑީސީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މަސްމާރުކޭޓު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 9:30 އިން 11:00 ގެ ނިޔަަލަށް ފޯމު ހުށަހެޅޭނެ ކަމަށެވެ.
އެޗްޑީސީއިން ބުނީ މަސް މާރުކޭޓު ކުއްޔަށް ދޫކުރަނީ ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރު ނެގުމަކުން ކަމަށެވެ.
އެއަށްފަހު 11:00ގެ ނިޔަލަށް ދޫކޮށްފައިވާ ޓޯކެން ނަންބަރުތަކަށް ފޯމު ބަލައިގަތުމަށް ފަހު ހުޅުމާލެ، އުމަރު ޒާހިރު އޮފީސް ބިލްޑިންގެ ހަވަނަ ފަންގިފިލާގައި ގުރުނެގުން އޮންނާނެ ކަމަށް އެޗްޑީސީއިން ބުނެއެވެ.
އެޗްޑީސީއިން ބުނީ މިކަމާ ގުޅުން ހުރި އެހެނިހެން މައުލޫމާތު ހޮޓްލައިން ނަމްބަރު 1516 އަށް ގުޅައިގެން ލިބޭނެ ކަމަށެވެ. އަދިwww.hdc.mvއާއިproperties.hdc.mvއިން ވެސް ލިބޭނެ ކަމަށް އެޗްޑީސީއިން މައުލޫމާތުދެއެވެ.