03 Jun 2012, 12:23
ލ. މާވަށު ކުރީގެ ކައުންސިލަރަކު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެ ރަށު އިންޖީނުގޭގައި ވަޒީފާ އަދާކުރި މުވައްޒަފަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާ މައްސަލައެއް އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހުށަހަޅައިފި އެވެ.
އޭސީސީ އިން ބުނި ގޮތުގައި މާވަށު ރކ. ކޮމިޓީ އާއި އެ ރަށުގެ ވެރިންނާ މަޝްވަރާ ކުރުމެއް ނެތި މާވަށުގެ ކުރީގެ ކައުންސިލަރަކަށް ހުރި އެ ރަށު ސަންދާނު، ވަލީދު ޒަކަރިއްޔާ 2000ރ.ގެ އެލަވަންސެއް އެ ރަށުގެ އިންޖީނުގޭގައި މަސައްކަތް ކުރި މުވައްޒަފަކަށް ދެމުން ގެންދިޔަތާ ތިން މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ބުނެ، އެކޮމިޝަނަށް ހުށަހެޅި މައްސަލައެއް އިތުރަށް ބެލި ބެލުމުން މާވަށު އިންޖީނުގޭ މުވައްޒަފަކަށް 2009 ވަނަ އަހަރުގެ އެޕްރީލް މަހާއި މެއި މަހު، މަހަކު 2،000 ރުފިޔާގެ ރޭޓުން އިތުރަށް ކުރި މަސައްކަތުގެ އެލަވަންސްގެ ގޮތުގައި ދީފައިވާ ކަމަށެވެ.
އޭސީސީ އިން ބުނީ، އިންޖީނުގޭގައި މަސައްކަތް ކުރި މުވައްޒަފަށް އެ ފައިސާ ދީފައި ވަނީ، އޭނާ އިންޖީނުގޭގައި ކުރި ބޮޑެތި މަސައްކަތްތަކަށް ކަމަށް ކުރީގެ ކައުންސިލަރު ޒަކަރިއްޔާ ބުންޏަސް، އެކަން ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.
އޭސީސީ އިން ބުނި ގޮތުގައި ރައްޔިތުންގެ އެއްވެސް ބަހެއް ނެތި ރައްޔިތުންގެ ފައިސާ ހަރަދުކޮށް އެ ފައިސާ ދީފައި ވަނީ ވަލީދު ޒަކަރިއްޔާގެ އަމިއްލަ ނިންމުމެއްގެ މައްޗަށް ކަމަށާއި 2009 ވަނަ އަހަރުގެ އެޕްރީލް މަހާއި މެއި މަހު، މަހަކު 2،000 ރުފިޔާގެ ރޭޓުން އިންޖީނުގޭގައި މަސައްކަތްކުރި މުވައްޒަފަށް ފައިސާ ދިނުމަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަލީދު ޒަކަރިއްޔާ މީހަކަށް ނާޒާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.
އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ހުށަހަޅާފައި ވަނީ ކޮރަޕްޝަންސް ހުއްޓުވުމާއި މަނާކުރުމާ ބެހޭ ގާނޫނުގެ ދަށުން ކަމަށެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ކުރީ ކޮޅު މާވަށު ކައުންސިލަރަކަށް ހަމަޖެއްސެވި ވަލީދު ޒަކަރިއްޔާ ރައްޔިތުންގެ މާލިއްޔަތަށް ގެއްލުންވާ ފަދަ ގޮތަކަށް އަމަލުކޮށްފައި ވާތީ ގެއްލުމުގެ ބަދަލުގައި 4،000 ރުފިޔާ އޭނާގެ އަތުން ހޯދައިދިނުމަށް ވެސް އޭސީސީން ވަނީ އެދިފަ އެވެ.