01 Mar 2024, 15:00
ކައުންސިލްތަކުގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުން ނުވަތަ ސިވިލް ސާވަންޓުންނަށް ތައުލީމު ހާސިލުކުރުމުން މަގާމާއި މުސާރައިގެ ކުރިއެރުން ލިބޭގޮތް ހަދަން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެ ކަން ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އާންމުންނަށް ސީދާ ރައީސާ ސުވާލުކުރެވޭ "ރައީސްގެ ޖަވާބު" ސިލްސިލާގެ މިއަދުގެ ޕްރޮގްރާމްގައި ނ. މަނަދޫ ކައުންސިލް އިދާރާގެ މުވައްޒަފެއްކަމަށްވާ، އެ ރަށު، ހޭޅި، ޢައްޒާ ޢަބްދުލްޣަފޫރު ވަނީ ލޯކަލް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައާ ޢިނާޔަތްތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
"އަޅުގަނޑުމެން ވެސް ކިޔެވީމާ އެ ކިޔަވާ އެއްޗަކަށް އަޅުގަނޑުމެންނަށް އެ ލިބެންޖެހޭ އިންކްރިމެންޓު ހޯދަން މި ކަމަށް ކިހިނެއްތޯއޭ،" އޭނާ ސުވާލުކުރިއެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން މާލޭ ސިޓީގެ މޭޔަރުކަން ވެސް ކުރެއްވި ރައީސް މުއިއްޒު ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކައުންސިލްތަކުގެ މުވައްޒަފުން ރެޔާއި ދުވާލުކުރާ ބުރަ މަސައްކަތް ވަރަށް ގާތުން ދެކެވަޑައިގެންފައިވާ ކަމަށެވެ. އަދި، އޭރު މާލޭގެ މޭޔަރަކަށް ހުންނަވައިގެން މުވައްޒަފުންގެ މުސާރައިގެ ކަންކަމުގައި އުޅުއްވުމުން އެ ކަމުގައި ހުރި ގާނޫނީ ހުރަސްތައް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހުން ކެޓަގަރައިޒްކޮށްފައި އޮންނަ ގޮތުން ކައުންސިލްތައް މި ވަނީ އެންމެ ދަށް ފަންތީގައި ކެޓަގަރައިޒްކޮށްފައި. އެހެންނަމަވެސް އަޅުގަނޑުމެންގެ ޕޭ ސްޓްރަކްޗާ ހެދުމުގެ ތެރޭގައި ތި ކަމަށް ހައްލެއް ގެންނަން އަޅުގަނޑު ބޭނުން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، އެހެން އޮފީސްތަކާ ހިލާފަށް ކައުންސިލްތަކުގައި މަސައްކަތްކުރާ ސިވިލް ސާވަންޓުންނަކީ އަބަދު ވެސް ޚިދުމަތްދޭންޖެހޭ ބައެއް ކަމަށެވެ.
"މި ކަމުގައި ގާނޫނީ އިޝޫސްތަކެއް މި އަންނަނީ. ސިވިލް ސާވިސްއާ އެލްޖީއޭއާ ދޭތެރޭގައި ވެސް ހިޔާލު އެއްގޮތް ނުކުރެވިފައި ހުރީ ގާނޫނީ އިޝޫސްތަކެއް ހުރީމާ،" ރައީސް ވިދާޅުވިއެވެ.
"މަޖިލީސް ތެރެއިން ހައްލުކުރަންޖެހޭ ބައެއް ގާނޫނީ މާއްދާތަކަށް ގެންނަންޖެހޭ އިސްލާހުތައް ވެސް ހުރި ކަމެއް މިއީ،"
ރައީސް ވިދާޅުވީ، ކައުންސިލަތަކުގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުންނަށް ވެސް ތައުލީމާ އެކު މުސާރައިގެ ކުރިއެރުން ލިބޭނެ ގޮތް ހައްދަވައިދެއްވަން މަޖިލީހުގެ ތެރެއިން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.