ސްޕެނިޝް ކޮޕާ ޑެލް ރޭ ގެ ފައިނަލްގެ ފަހު ޖާގަ އެތުލެޓިކް ބިލްބާއޯ ކަށަވަރުކޮށްފިއެވެ.

މި މުބާރާތުގެ ފައިނަލްގެ ޖާގަ ބިލްބާއޯއިން ކަށަވަރު ކޮށްފައިވަނީ ސެމީފައިނަލްގައި އެޓްލެޓިކޯ މެޑްރިޑާއި ބައްދަލުކޮށް ކުޅުނު ދެ ލެގް ހަތަރު ލަނޑު ސުން ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ކާމިޔާބުކޮށްގެންނެވެ.

މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަަމަ ލެގު ރަށުން ބޭރުގައި އެއް ލަނޑު ސުން ލަނޑުން ބިލްބާއޯ ކާމިޔާބު ކުރިއިރު ރޭ ކުޅުނު ދެވަނަ ލެގް އެ ޓީމު ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު ސުން ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އެތުލެޓިކޯއިންނެވެ.

ނަމަވެސް މިއާއެކު ވެސް އެ ޓީމަށް ބިލްބާއޯގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. އަދި ބިލްބާއޯއިންވަނީ މެޗުގެ 13 ވަނަ މިނެޓުގައި ލަނޑެއް ޖަހައި މި މެޗުގެ ލީޑު ނަގައިފައެވެ.

މިލަނޑު އެޓީމަށް ޖަހައިދިނީ ނީކޯ ވިލިއަމްސް ތަނަވަސް ކޮށްދިން ފުރުސަތެއްގައި އިނާކީ ވިލިއަމްސްއެވެ. އަދި ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ނީކޯ ވިލިއަމްސްވަނީ ބިލްބާއޯގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީ ލީޑު ފުޅާކޮށްފީފައެވެ.

މި މެޗުގައި ބިލްބާއޯއިން ކާމިޔާބު ކުރި ފަހު ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި ޖަހައިދިނީ ގޯކާ ގުރުޓޭޒާއެވެ. މި ލަނޑާއެކު ބިލްބާއޯއިން ދެ ލަގަށް ބަލާއިރު ހަތަރު ލަނޑު ސުން ލަނޑުގެ ލީޑެއް ނަގައި ފައިނަލްގެ ޖާގަ ގާތްގަނޑަކަށް ކަށަވަރުކުރިއެވެ. އަދި ރެފްރީގެ ފަހު ކަށިގަނޑާއެކު މިކަން އެ ޓީމުން ޔަގީންކުރިއެވެ.

މި ކާމިޔާބީއާއެކު ސެވީލްގެ އެސްޓާޑިއޯ ލަ ކާޓޫހާގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލްގައި ބައްދަލުކުރާނީ ބިލްބާއޯ އާއި ރެއާލް މަޔޯކާއެވެ.