ފަރުކޮޅުފުށީގައި ސަރުކާރުން ގާއިމްކުރާ ބުޅާ ފެސިލިޓީގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.

ކައުންސިލުން ކުރި އިއުލާނުގައި ވަނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުމަށް އަންނަ އަންގާރާ އަދި ބުރާސްފަތި ދުވަހު މާލޭ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކޮށް ބިޑްހުށަހެޅުމަށް އެދޭ ކަމަށެވެ.

މައުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުމަށް އައުމަށް ކައުންސިލުން އެދިފައި ވަނީ 11:00ގައެވެ. އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

މާލޭގައި ބުޅާ ގިނަވެފައިވާއިރު، އޭގެ ސަބަބުން ސިއްހީ އެތައް މައްސަލަތަކެއް ވެސް ކުރިމަތިވެއެވެ. އެހެންވެ، ބުޅާތައް ބަލަހައްޓަން އެކަށޭނަ ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

މި ފެސިލިޓީއަކީ 24 ގަޑިއިރު ޚިދުމަތް ދޭ ފެސިލިޓީއެކެވެ. އަދި، މި ފެސިލިޓީގެ މަސައްކަތަކީ ސަރުކާރުގެ ހަފުތާ14ގެ ތެރޭ ހިމެނޭ ކަމެއް ކަމަށެވެ.

މާލޭސިޓީގެ މޭޔަރު އާދަމް އާޒިމް މީގެ ކުރިން ވިދާޅޫވީ މާލޭގައި ބުޅަލުގެ އާބާދީ މިހާރު އަންދާޒާ ކުރެވޭ ގޮތުގައި 3000އާ ހަމައަށް އަރާކަމަށެވެ.