ތާއީދު ހޯދަން ބޭނުންވަނީ ރައްޔިތުން ހައްލައިގެން ނުވަތަ ރައްޔިތުންނަށް ބިރު ދައްކައިގެން ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ދާއިމީ ކޮމިޓީތައް ހަރުދަނާ ކުރަން މާލެ ސިޓީ ހޯލުގައި އިއްޔެ ބޭއްވި މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ރޭ ވިދާޅުވީ އެމްޑީޕީން ރައްޔިތުންގެ ތާއީދު ހޯދަން ބޭނުންވަނީ އާންމުން ހައްލައި ބިރުދައްކައިގެން ނޫން ކަމަށެވެ. އެމްޑީޕީން ބޭނުން ވަނީ ރައްޔިތުން ކައިރިއަށް ގޮސް، ރައްޔިތުން އެދޭ ގޮތަކީ ކޮބައިތޯ ބަލައިގެން ސަރުކާރެއް ހިންގާނެ ސިޔާސަތުތައް އެކުލަވާލައި އެ ސިޔާސަތުތަކަށް ރައްޔިތުން ދޭ ވޯޓުން ސަރުކާރެއް އުފެއްދުމަށެވެ.

ގައުމު ބިނާކޮށް ތަރައްގީ ކުރުމަށާއި އުމްރާނީ ތަރައްގީ ބޭނުންވާ ފަދައިން ސިޔާސީ ޕާޓީތަކުގެ އިންފްރާސްޓްރަކްޗާ ގާއިމްކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އެމްޑީޕީއާ އެއް ވަރަށް ޕާޓީ ބިނާ ކުރުމުގެ މަސައްކަތްކުރާ އެހެން އެއްވެސް ޕާޓީއެއް ނެތް ކަމަށް ވެސް ކުރީގެ ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ އިސް ލީޑަރު ވިދާޅުވީ ސިޔާސީ ޕާޓީ އުފެއްދުމުގެ ހައްގު ގާނޫނު އަސާސީން ލިބިދީފައި ނެތް ކަމަށް ރައީސް މައުމޫންގެ ސަރުކާރުން ބުނި ނަމަވެސް ފަހުން ގާނޫނު އަސާސީ އަލުން މުރާޖައާ ކުރުމަށްފަހު ކަމަށް ބުނެ، ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައިވަނީ ހަމަ އެ ގާނޫނު އަސާސީން ކަމަށެވެ.
“ފުރަތަމަ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ނޫ ގާނޫނު އަސާސީގެ ދަށުން ހުށަހެޅުމުން އެއިރުގަ ފެނިފައި އޮތީ އެގޮތަށް ތަން ނުދޭ ކަމަށް. ހަމަ އެ ގާނޫނު އަސާސީގެ ދަށުން އަޅުގަނޑުމެންނަށް އައިސް މުރާޖާ ކުރެއްވުމަށްފަހު ކަމަށް ވިދާޅުވެ ސިޔާސީ ޕާޓީ ހެދުމުގެ ހުއްދަ ލިބިގެން އައީ.” ނަޝީދު ވިދާޅުވި އެވެ.
އަދި ވިދާޅުވީ ގައުމެއް ބިނާކުރުމުގައި އެންމެ މުހިންމު އެއް މުއައްސަސާ އަކީ ސިޔާސީ ޕާޓީ ކަމަށާއި ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ހިންގުން ހަރުދަނާވާން ޖެހޭ ކަމަށެވެ. އަދި ވަކި ޕާޓީއަކަށް މީހަކު ގެންދަން ވީމާ މަގާމު އުފެއްދުމާއި އުވާލުން ބައެއް ޕާޓީތަކުގައި އޮންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"ގައުމަކަށް ބޭނުންވަނީ ހަމަ އެކަނި ކޮންކްރީޓް ތަރައްގީ ނޫން. އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ ހައްގަކީ އަބަދުވެސް ލިބިދީފައި އޮތް ހައްގެއް،" ކުރީގެ ރައީސް ވިދާޅުވި އެވެ.