29 Feb 2024, 23:36
އަންނަ މަހު 'އަތޮޅު ދުވުން' ކުޅެގެން ލީޑާބޯޑުގެ އެއްވަނައިގަ ހިމެނޭ ފަރާތަކަށް ދެ މީހުންގެ އުމްރާ ދަތުރެއް ދިނުމަށް ނިންމާފައިވާ ކަމަށް އުރީދޫއިން މިއަދު ބުނެފިއެވެ.
އުރީދޫއިން ބުނީ، 'އަތޮޅު ދުވުން' ގޭމަކީ ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ރާއްޖޭގައި ތައްޔާރުކޮށްފައިވާ ފުރަތަމަ އެންޑްލަސް ރަނާ ގޭމް ކަމަށެވެ. މި ގޭމު އުރީދޫއިން ގުޅުވައިލީ އެ ކުންފުނީގެ އެންމެ ފުރަތަމަ އިޝްތިހާރު ކަމަށްވާ "ހަސަނަށް ފޯނެއް" އިޝްތިހާރާއެވެ.
އެގޮތުން މި ގޭމުގައި އުޅޭ ރާއީ، ހަސަނަށް ފޯނު ދޭންދުވެފައި ދަނީ ރައްޖޭގެ އުތުރުން ދެކުނަށެވެ. އުރީދޫއިން ބުނި ގޮތުގައި މި ގޭމުގައި ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށް ނުވަތަ ލެވެލެއް އަންލޮކް ވާނެއެވެ.
އަންނަ މަހުގެ އަޕްޑޭޓް މިރޭ 12:00 އިން ފެށިގެން ލިބޭއިރު އެޕަލް ސްޓޯރާއި ގޫގުލް ޕްލޭސްޓޯރު މެދުވެރިކޮށް މި ގޭމް ޑައުންލޯޑް ކުރެވޭނެއެވެ.

އަތޮޅު ދުވުން ގޭމުގައި އުޅޭ ރާއީ ---
އެއާއެކު، އުރީދޫއިން ބުނީ އަންނަ މަހު އެއްވަނައަށްދާ ފަރާތަކަށް އުމްރާ ދަތުރެއް ލިބޭނެ ކަމަށާއި މި ގޭމްގެ ތެރެއިން ބޯނަސް ޑާޓާގެ އިތުރުން މޫލީ ވައުޗާ ލިބުމުގެ ފުރުސަތު މާޗު މަހު ލިބޭނެ ކަމަށެވެ.
އަތޮޅުދުވުމުގައި ބާރަ ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާ ލެވެލްއެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެއެވެ. އެގޮތުން އަންލޮކްވާ ލެވެލް ކުޅެވޭނީ ހަމައެކަނި އެ މަހަކު ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.
މީގެއިތުރުން، އުރީދޫގެ ކަލަންޑަރުގައި ހިމެނޭ މަންޒަރުގައި ސިއްރު އާޓްވޯކެއް ހިމެނޭ ކަން ފާހަގަކޮށް އުރީދޫއިން ބުނީ މި އާޓްވޯކް 'އަތޮޅުދުވުމުން' ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
އުރީދޫގެ މިއަހަރުގެ ކަލަންޑަރާއި މި ގޭމް ތައްޔާރުކޮށްފައިވަނީ ލޫޕްކްރާފްޓުގެ ހުނަރުވެރި ޓީމަކުން ކަމަށް އުރީދޫއިން ބުނެއެވެ.
އަންނަ މަހު އަތޮޅުދުވުމުން ފެންނާނީ ނ.ލަންދޫއެވެ. ލަންދޫއަކީ ޒަމާނުއްސުރެ ގަލު ވަޑާމަށް މަޝްހޫރު ރަށެއް ކަމަށާއި ރާއްޖޭގައި އެންމެ ގިނައިން އުފެދޭ ކުޅައްވަށް ބޭނުންކޮށްގެން ތަކެތި ތައްޔާރުކުރާ ރަށް ކަމަށް އުރީދޫއިން ފާހަގަކުރިއެވެ.