ކޯޅުން ބޮޑުވެ، ޚިދުމަތްތައް ދިނުމުގައި ގިނަ މައްސަލަތަކެއް ފެންމަތިވި، ގދ. ވާދޫ ކައުންސިލުގެ ހުރިހާ މެމްބަރުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން މިއަދު ސަސްޕެންޑުކޮށްފިއެވެ.

މިދިޔަ ޖެނުއަރީ މަހު އެލްޖީއޭއަށް ކައުންސިލުގެ މައްސަލަ ފާހަގަވުމުން، ވާދޫ ކައުންސިލާ ގުޅޭގޮތުން އެލްޖީއޭއިން ހެދި އިންކުއަރީގައި ޖުމްލަ 27 މައްސަލައެއް ފާހަގަކޮށްފައިވެއެވެ.

އޭގެ ތެރޭގައި ކައުންސިރުންގެ ފަރާތުން އިދާރާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާކުރާކަމުގެ މައްސަލައާއި ރަށުގައި އުޅޭ ބިދޭސީންނަށް ކައުންސިލް ރައީސް ބިރުދައްކާ މައްސަލައަކާއި، ކައުންސިލު އިދާރާގައި ބައިބައިވުން އުފެދިފައިވުމާއި، ވަކިވަކި މެމްބަރުންނާމެދު ކައުންސިލް ރައީސް ތަފާތުކުރުން ގެންގުޅުމުގެ މައްސަލަ ހިމެނެއެވެ.

ހަމައެއާއެކު ކައުންސިލަރުން ބޭއަދަބީ ބަހުރުވައިން ބައްދަލުވުންތަކާއި، މަސައްކަތުގެ މާހައުލުގައި ޒުވާބުކުރާ މައްސަލައާއި، ސެކްރެޓަރީ ޖެނެރަލް މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދައިނުކުރުމާއި އެކި މުވައްޒަފުންގެ މެދުގައި ތަފާތުކުރުމާއި ކުދިކުދި ކަންކަމުގައި މުވައްޒަފުންނަށް އިންޒާރުދޭ މައްސަލަ ހިމެނެއެވެ.

އަދި މާލިއްޔަތުގެ ގަވާއިދާއި ޚިލާފަށް ކައުންސިލުން ފައިސާ ބަލައިގަތުމުގެ މައްސަލައެއް ވެސް ހިމެނެއެވެ.

ޖުމްލަ 27 މައްސަލަ ފާހަގަވި އެލްޖީއޭގެ އިންކުއަރީއަށް ވާދޫ ކައުންސިލުން ޖަވާބުދާރީ ވާން ދިން ފުރުސަތުގައި ޖަވާބުދާރީ ވެފައިވެއެވެ.

އެއާއެކު އެލްޖީއޭއިން ނިންމީ، ވާދޫ ކައުންސިލުގެ އަމަލުތައް ހުރި ގޮތުގެ ސަބަބުން ލާމަރުކަޒީ ނިޒާމަށް ނުހަނު ގެއްލުން ލިބޭނެކަމަށް ފެންނަކަމަށެވެ.

އެހެންވެ، އެ އޮތޯރިޓީން ނިންމީ ވާދޫ ކައުންސިލް ރައީސް ޙަސަން ޢަބްދުﷲ އާއި މެންބަރު މުޙައްމަދު ޝިފާޤު، މުސާރައާއި އިނާޔާތްތައް ނުލިބޭ ގޮތަށް ތިން މަހަށް ސަސްޕެންޑުކުރުމަށެވެ.

އަދި ނައިބު ރައީސް ޙާޝިރު މުޙައްމަދާއި، މެންބަރު ސާރާ މުޙައްމަދު މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް ދެ މަސްދުވަހަށް ސަސްޕެންޑުކުރުމަށެވެ.

ހަމައެއާއެކު މެންބަރު މާރިޔަތު އިބްރާހީމަށް މުސާރައާއި އިނާޔަތް ނުލިބޭ ގޮތަށް އެއް މަސްދުވަހަށް ވަނީ ސަސްޕެންޑުކޮށްފައެވެ.