29 Feb 2024, 20:22
އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނަށް ފަސް ވަނަ އިޞްލާޙު ގެނައުމުގެ ބިލް ތަޞްދީޤުކުރުމަށް ދައުލަތުގެ ބަންޑާރަ ނާއިބު ލަފާދެއްވުމާއެކު ރައީސް މިއަދު މި ބިލް ތަޞްދީޤުކުރައްވައިފިއެވެ.
އެއާއެކު މި ފެށޭ މާޗު މަހުގެ 17ގައި ބާއްވަން ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބުގެ ތާރީޚު ވެސް މި ވަނީ ފަސްވެފައެވެ.
ބިލު ތަސްދީގުކުރެއްވިކަން ހާމަކޮށް ރައީސް އޮފީހުން މިރޭ ބުނީ ރޯދަމަހު މި އިންތިޚާބު ބޭއްވުމަކީ ރައީސް ވެސް ބޭނުންފުޅުވެވަޑައިގަންނަވާ ކަމެއް ނޫންކަމަށް މީގެ ކުރިން އެ މަނިކުފާނު ވިދާޅުވެފައިވާކަމަށެވެ.
އެހެންވެ އެ މަނިކުފާނު އެދިވަޑައިގަންނަވަނީ އިންތިޚާބު ރޯދައިގެ ކުރިން ބޭއްވޭނެ ގޮތެއް ވުމަށްކަމަށް ރައީސް އޮފީހުން ބުންޏެވެ. އަތޮޅު ތެރެއަށް ރައީސް ކުރައްވަމުން އަންނަ ދަތުރުފުޅުތަކުގައި ވެސް އެ މަނިކުފާނު ވިދާޅުވަނީ އިންތިޚާބު އޮންނާނީ މާޗު 17ގައި ކަމަށެވެ.
އެއިރު އެ މަނިކުފާނު އެ ފަދައިން ވިދާޅުވަމުން ގެންދެވީ މި ބިލު ތަސްދީގުކުރެއްވުމަށް ހުށަަހަޅައިފައިވަނިކޮށް، އެ ކަން ނުކުރައްވައި ފަސްކުރެއްވުމަށްފަހުގައެވެ.
ރޯދަ މަސް ނިމި، 10 ދުވަސް ފަހުން އިންތިޚާބު ބާއްވާ ގޮތަށް ގާނޫނު އިސްލާހުކޮށް، އެ ބިލު ތަސްދީގުކުރަން ރައީސް އޮފީހަށް ފޮނުވީ މި މަހު 12 ގައެވެ. އެކަމަކު، މިދިޔަ ހޯމަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގުނުކޮށް، އަނބުރާ މަޖިލީހަށް ފޮނުވާލައިފައެވެ.
އިއްޔެ އޮތް މަޖިލީހުގެ ޖަލްސާގައި ވަނީ އެ ބިލު އޮތް ގޮތަށް އަލުން ފާސްކޮށްފައެވެ.
ގާނޫނު އަސާސީ ބުނާ ގޮތުން، ރައީސް ތަސްދީގުނުކޮށް ބިލު އަނބުރާ ފޮނުވައިލި ނަމަވެސް ބަދަލެއް ނުގެނެސް ދެވަނަ ފަހަރަށް ފާސްކުރުމުގެ ފުރުސަތު މަޖިލީހަށް ލިބިދެއެވެ. އަދި، މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުން އެގޮތަށް ފާސްކޮށްފި ނަމަ، އެ ބިލެއް ތަސްދީގުކުރަން ޖެހޭނެއެވެ.
އެހެންވެ، އެ ބިލު ދެވަނަ ފަހަރަށް ފާސްކުރުމާއެކު ބިލު ތަސްދީގުކުރަން މަޖުބޫރުވެއެވެ.