ހުސްވި މޭ މަހު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ހޮވި މޮޅު ކުޅުންތެރިޔާގެ މަގާމް އެޓީމުގެ ނައިޖީރިއާ ޑިފެންޑަރު ކިންގްސްލޭއަށް ލިބުނުއިރު، 21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ޑިފެންޑަރު ސަމާހު ހުސެއިން އަށް ލިބިއްޖެ އެވެ.

ހުސްވި މަހުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ކިންގްސްލޭ ހޯދި އިރު، އޭނަ ވަނީ މިސީޒަންގައި ނިއުއަށް ދެ ގޯލް ކާމިޔާބު ކޮށްދީފައެވެ.

ނިއުގެ ކޯޗް މުހައްމަދު ސިއާޒް (މޯހަން) ބުނީ، ދިރާގް ދިވެހި ލީގުގެ ފުރަތަމަ ބުރުގެ ކުޅުންނިމުނު އިރު ކިންގްސްލޭގެ ފަރާތުން ހިތްހަމަޖެހޭ ވަރުގެ މޮޅު ކުޅުމެއް ފެނިފައިވާ ކަމަށެވެ.

މީގެ އިތުރުން ނިއުގެ ޗެއާމަން އަލީ ވަހީދު ބަލަކް ވިދާޅުވީ، ސީނިޔާ ޓީމުގެ މޮޅު ކުޅުންތެރިޔަކަށް ކިންގްސްލޭ ހޮވުނު އިރު، ޖޫނިޔާ ޓީމުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ސަމާހަކީ ވެސް، ނިއުގެ ސީނިއާ ޓީމުން ޖާގަ ހޯދަމުން އަންނަ ޒުވާން މޮޅު ކުޅުންތެރެއެއް ކަމަށެވެ. އަދި ސަމާހް ވަނީ ހުސްވި އޭޕްރީލް މަހު ވެސް މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފައި ކަމަށް ބަލަކް ވިދާޅުވިއެވެ.

މިއަހަރުގެ ދިރާގް ދިވެހި ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނިމިފައި ވާއިރު، ލީގުގެ އެއް ވަނަ ނިއުރޭޑިއަންޓުން ހޯދާފައި ވަނީ ލީގުގެ ފުރަތަމަ ބުރުގައި އެޓީމް ކުޅުނު އެއް ވެސް މެޗަކުން ބަލި ނުވެއެވެ. އެގޮތުން ލީގުގެ ފުރަތަމަ ބުރުގެ އެއް ވަނާގައި ނިއު އޮތީ 17 ޕޮއިންޓާއެކު އެވެ.