13 Aug 2010, 09:31
14:30
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 24 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް މިއަހަރު ތެރޭ ފެށޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީގެ ނައިބު އަކްރަމް ކަމާލުއްދީން އިއްޔެ ވިދާޅުވީ ނ. މިލަދޫ އަކީ މިގޮތަށް ހަވާލުކުރެވޭ ފުރަތަމަ ރަށް ކަމަށާއި ނަމަވެސް މި އަހަރު ތެރޭގައި އިތުރު 24 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ފެށޭއިރު، އޭގެތެރޭގައި ފެނުގެ ނިޒާމް 10 ރަށެއްގައި އަދި ނަރުދަމާގެ މަސައްކަތް 13 ރަށެއްގައި ފެށޭނެ ކަމަށެވެ. އަކްރަމް ވިދާޅުވީ ބައެއް ފަހަރު ރަށްރަށުގައި ސަރުކާރުން މިފަދަ މަޝްރޫއުތައް ހިންގުމަށް ބަޔަކާ ހަވާލުކުރުމުން މަސައްކަތް ނުފެށި ލަސްވަމުންދާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށެވެ. ނަމަވެސް މިފަދަ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ކުރަން ފެށުމުގެ ކުރިން ކުރަންޖެހޭ ކިތަންމެ ކަމެއް ހުންނަ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.
ނ. މިލަދޫ ގައި 29.2 މިލިއަން ރުފިޔާގެ ނަރުދަމާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ، 100 ޕަސެންޓް ސަރުކާރު ކުންފުންޏެއް ކަމަށްވާ، ވޯކާސް ކޯޕަރޭޝަން ލިމިޓެޑާ އެވެ.