29 Feb 2024, 23:23
އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ޑެންވާ ނަގެޓްސް އާއި ސެކްރެމެންޓޯ ކިންގްސް ބައްދަލުކުރި މެޗު ނަގެޓްސްއިން ކާމިޔާބުކޮށްފިއެވެ.
ޑެންވާގެ ބޯލް އެރީނާގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 117 ޕޮއިންޓު ހޯދައިގެންނެވެ. ސެކްރެމެންޓޯ ކިންގްސްއަށް ލިބުނީ 96 ޕޮއިންޓެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ނަގެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 32 ޕޮއިންޓު ހޯދައިދީ ތިން ރީބައުންޑް ނަގައިދީ ހަ އެސިސްޓް ދިން ޖަމާލް މަރީއެވެ.
އަދި ކިންގްސްއަށް އެންމެ ރަނގަޅު ކުޅުމެއް މި މެޗުގައި ދެއްކީ 13 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގައިދީ ހަތް އެސިސްޓް ދިން ޑޮމަންޓާސް ސަބޮނިސްއެވެ.
މި މުބާރާތުގައި މިނެސޯޓާ ޓިމްބާވުލްވްސް އާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރި މެޗު 110 ޕޮއިންޓުން ކާމިޔާބުކުރީ ޓިމްބާވުލްވްސްއެވެ
މީގެއިތުރުން ލޮސް އެންޖަލިސްއަށް ނިސްބަތްވާ ދެޓީމު ކަމަށްވާ ލޭކާސް އާއި ކްލިޕާސްގެ ކުރިމަތިލުން 116 ޕޮއިންޓު 112 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ލޭކާސްއެވެ.
މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ޑެލަސް މެވްރިކްސް އާއި ޓޮރޮންޓޯ ރެޕްޓާސް ބައްދަލުކުރި މެޗު 136 ޕޮއިންޓު 125 ޕޮއިންޓުން މެވްރިކްސް ކާމިޔާބު ކޮށްފައިވާއިރު އިންޑިއާނާ ޕޭސާސް އާއި ނިއުއޯލިއަންސް ޕެލިކަންސް ބައްދަލުކުރި މެޗު 123 ޕޮއިންޓު 114 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ޕޭސާސްއެވެ.