29 Feb 2024, 15:15
ޔުއޭފާ ވިމެންސް ނޭޝަންސް ލީގުގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިންއިން ހޯދައިފިއެވެ.
މިމުބާރާތުގެ ޗެމްޕިއަންކަން ސްޕެއިން އިން ހޯދާފައިވަނީ އަމިއްލަ ޤައުމުގެ ސެވީލްގައި ރޭ ކުޅުނު ފައިނަލްގައި ފަރަންސޭސިވިލާތާ ބައްދަލުކޮށް ދެ ލަނޑު ސުން ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕެއިން އިންނެވެ.
ސްޕެއިންއިން މީގެ ކުރިން 13 ފަހަރު ފަރަންސޭސީންނާ ބައްދަލުކޮށްފައިވާއިރު އޭގެތެރެއިން އެންމެ ފަހަރަކުވެސް މޮޅުވެފައެއް ނުވެއެވެ. ނަމަވެސް މިމެޗުގެ ފުރަތަމަ ކަށިގަނޑާއެކު މިމެޗުން މޮޅުވުމުގެ ފުރުސަތު ބޮޑީ ކޮން ޓީމަކަށްކަން ހާމަވިއެވެ. މިގޮތުން ސްޕެއިންއިން ވަނީ މެޗު ވަރަށް ފޯރިއާ އެކު ފަށައި ފަރަންސޭސި ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.
އެ މެޗުގައި ސްޕެއިންއިން ކަމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ޖަހައިދިނީ އައިޓާނާ ބޮންމާޓީއެވެ. މިއީ މިފަހަރުގެ ނޭޝަންސް ލީގުގައި އޭނާ ކާމިޔާބު ކުރި ހަތަރު ވަނަ ލަނޑެވެ.
މިމެޗުގައި ސްޕެއިން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ޖަހައިދިނީ މެރިއޮނާ ކަލްޑެންޓޭއެވެ. މިމެޗުގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ. ނަމަވެސް މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ހިފޭގޮތެއްނުވިއެވެ. އަދި ފަރަންސޭސި ޓީމުން ހަމަލާ އުފެއްދި ނަމަވެސް އެއިން އެއްވެސް ހަމަލާއެއް ސްޕެއިންގެ ގޯލަށް އަމާޒު ކުރެވިފައިނުވާކަން ފާހަގަވިއެވެ.
މިކާމިޔާބީއާއެކު ސްޕެއިންއިން މިވަނީ ވިމެންސް ނޭޝަންސް ލީގުގެ ފުރަތަމަ މުބާރާތް ކާމިޔަބު ކުރުމުގެ ޝަރަފު ހޯދައިފައެވެ. ސްޕެއިންއިންވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އިންގްލަންޑް ބަލިކޮށް ފީފާ ވިމެންސް ވާލްޑް ކަޕްގެ ތަށިވެސް އުފުލާލާފައެވެ. އަދި މިއާއެކު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް މުބާރާތާވެސް ސްޕެއިން ކުރިމަތިލާނީ ފޭވަރިޓުންގެ ގޮތުގައެވެ.
ސްޕެއިންއިންވަނީ އެޓީމު އެންމެ ފަހުން ކުޅުނު 20 މެޗުގެ ތެރެއިން 18 މެޗު ކާމިޔާބު ކޮށްފައެވެ. އަދި ފީފާ ވާލްޑް ކަޕާއި މިފަހަރުގެ ނޭޝަންސް ލީގުގައިވެސް ސްޕެއިން މުބާރާތް ނިންމާލާފައިވަނީ އެންމެ ގިނަ ލަނޑު ޖަހާފައިވާ ޓީމުގެ ގޮތުގައެވެ.