29 Feb 2024, 23:33
އިނގިރޭސި އެފް އޭ ކަޕްގެ ކުއާޓާ ފައިނަލުން ލިވަޕޫލް ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ކުއާޓާ ފައިނަލުން ލިވަޕޫލް ޖާގަހޯދީ ފަސްވަނަ ބުރުގައި ސައުތެމްޕްޓަން އާއި ރޭ ބައްދަލުކުރިމެޗު ތިން ލަނޑު ސުން ލަނޑުން ކާމިޔަބުކޮށްގެންނެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަަނީ ލިވަޕޫލްއިންނެވެ.
ނަމަވެސް ސައުތެމްޕްޓަންއިން ވަނީ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވަންދެން ލިވަޕޫލަށް މި މެޗުގައި ލަނޑެއް ޖެހުނަނުދީ ހިފަހައްޓާލަފައެވެ.
ލިވަޕޫލަށް މިހާރު ދިމާވެފައިވާ އަނިޔާގެ ގިނަ މައްސަލަތަކާ ގުޅިގެން މި މެޗުގައި ވެސް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕްވަނީ 21 އަހަރާއި އެއަށްވުރެ ހަގު އުމުރުގެ ހަ ކުޅުންތެރިން ފުރަތަމަ 11ގައި ހިމަނާފައެވެ.
އަދި ކަރަބާއޮ ކަޕްގެ ފައިނަލްގައި އެ ޓީމުގެ ޒުވާން ކުޅުންތެރިން ދެއްކި ކަހަލަ މޮޅު ކުޅުމެއް މި މެޗުގައި ވެސް ވަނީ މި ކުޅުންތެރިން ދައްކާފައެވެ.
މިގޮތުން މި މެޗުގެ ލީޑު ލިވަޕޫލުން ނަގައިފާވަނީ މެޗުގެ 44ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ލިވަޕޫލްގެ ސީނިއާ ޓީމަށް ފުރަތަމަ މެޗު ކުޅެމުންދިޔަ 18 އަހަރުގެ ޒުވާން ކުޅުންތެރިޔާ ލުއިސް ކޫމާސްއެވެ.
މި މެޗުގެ ދެވަނަ ހާފުގައި ވެސް ފެނުނީ ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެކެވެ. މެޗުގައި ލިވަޕޫލްގެ ދެވަނަ ލަނޑު މެޗުގެ 73ވަނަ މިނެޓުގައި ޖަހައިދިނީ ކޫމާސްގެ ބަދަލުގައި ދެވަނަ ހާފުގައި ކުޅެން އެރި ޖޭޑެން ޑޭންސްއެވެ.
އަދި އެ ޓީމުގެ ފަހު ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ޖަހައިދިނީވެސް ޑޭންސްއެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ޑޭންސްވަނީ މިއީ އޭނާގެ ހަޔާތުގައި މިހާތަނަށް އެންމެ އުފާވެރި ދުވަސް ކަމުގައި ފަހަގަ ކޮށްފައެވެ.
ޑޭންސް ހާމަކުރިގޮތުގައި އޭނާ އަންނަނީ ކުޑައިރުން ފެށިގެން ލިވަޕޫލް ކުޅޭ ތަން ބަލަމުންކަމަށާއި އަދި ކޮޕް އެންޑްއަށް ލަނޑު ޖެހުމަކީ ހުވަފެނެއް ހަގީގަތަކަށް ވުރެ ވެސް ބޮޑު ކަމެއް ކަމުގައެވެ.
މި މެޗުން މޮޅުވުމާއެކު ލިވަޕޫލް މިހާރު މިވަނީ އެފް އޭ ކަޕްގެ ކްއާޓަ ފައިނަލުން ޖާގަ ލިބިގެން ގޮސްފައެވެ. އަދި ކުއާޓާ ފައިނަލްގައި މި އަންނަ މަހު އެ ޓީމު ބައްދަލުކުރާނީ ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑާއެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލުން ޔުނައިޓެޑް ޖާގަ ހޯދައިފައިވަނީ ފަސްވަނަ ބުރުގައި ނޮޓިންހަމް ފޮރެސްޓާއި ރަށުން ބޭރުގައި ބައްދަލުކުރި މެޗު އެއް ލަނޑު ސުންލަނޑުން ކާމިޔާބު ކޮށްގެންނެވެ.
މި މެޗުގައި ޔުނައިޓެޑްގެ ހަމައެކަނި ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޖަހައިދިނީ ކަސެމީރޯއެވެ. ނަމަވެސް މިލަނޑު ގަބޫލް ކޮށްފައިވަނީ ވަރަށް ގިނައިރު ވީއޭއާރުން ބެލުމަށްފަހުއެވެ.