ފެބްރުއަރީ އަށް ވަނަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި މީހަކާމެދު ރަހުމްކުޑަ ގޮތަކަށް އަމަލުކުރި ކަމުގެ ތުހުމަތުގައި ފުލުހެއްގެ މައްޗަށް ދައުވާ ކުރަން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ދައުވާ ކުރަން އަދި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ޕީޖީއަށް ފޮނުވާފައި ވަނީ ސްޓާފް ސާޖަންޓް އަލީ އަހުމަދުގެ މައްޗަށެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ބުނީ ގދ. ފަރެސްމާތޮޑާ ގަނދަކޯޅިގޭ، މުހައްމަދު ނިޔާޒު ބިންމައްޗަށް ވެއްޓިފައި އޮއްވާ ސާޖެންޓް އަލީ އަހުމަދު ލާއިންސާނީ، ރަހުމްކުޑަ ގޮތަކަށް އަމަލު ކޮށްފައިވާކަން ތަހުގީގަށް ހޯދި ބަޔާންތަކާއި ލިބިފައިވާ ހެއްކާއި ގަރީނާތަކުން އެނގޭ ކަމަށެވެ.

އަދި ބުނީ ނިޔާޒު ބިންމައްޗަށް ވެއްޓިފައި އޮއްވާ ރުޅިވެރިކަމާއެކު އޭނާއާ ދިމާއަށް އަލީ އަހުމަދު ފައި ހޫރާލިކަން އެ އަލީ އަހުމަދުގެ ބަހުން އެނގޭ ކަމަށެވެ. އޭނާގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވީ އެހެންވެގެން ކަމަށެވެ.

"... މި ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ ބެލި ބެލުމުގައި ލިބުނު ވީޑިއޯއެއްގައި ފުލުހަކު އާއްމު މީހަކަށް ލާއިންސާނީ ގޮތަކަށް އަމަލުކުރާ މަންޒަރު ފެންނާތީ އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ޕޮލިސް ސްޓާފް ސާޖަންޓް އަލީ އަހުމަދުގެ މައްޗަށް ޖިނާއީ ކުށުގެ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފީމެވެ،" އިންޓެގްރިޓީ ކޮމިޝަންގެ ބަޔާނުގައި ވެއެވެ.

ފެބުރުއަރީ އަށް ވަނަ ދުވަހު އެމްޑީޕީގެ މުޒާހަރާ ރޫޅައިލުމުގައި ސިފައިންނާއި ފުލުހުން އާންމުންނަށް އަނިޔާކޮށްފައިވާކަމުގެ ގިނަ ތުހުމަތުތަކެއް ވަނީ ކުރެވިފަ އެވެ. އަދި އެދުވަހު އަމަލު ކުރެވިފައި ވަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ.