ނ. މާފަރު ހިތްފަސޭހަގޭ، ހަސަން އަބޫބަކުރު، 65، މަރުވެފައި ވަނީ ގުދުރަތީ މަރަކަށްވުރެ ބޮޑަށް މީހަކު ގަސްތުގައި ދިން ހަމަަލާއަކުން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ސްޕެޝަލިސްޓް ކޮމާންޑްގެ ޑެޕިއުޓީ ހެޑް، މުހައްމަދު ރިޔާޒް ވިދާޅުވީ އަބޫބަކުރުގެ މަރުގެ ތަހުގީގަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި އެމައްސަލަ އާއި ގުޅިގެން 27 އަހަރުގެ މީހަކު ހައްޔަރުކޮށް ސުވާލު ކުރަމުން އަންނަ ކަމަށެވެ. ހައްޔަރުކުރި މީހާއާ ބެހޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އަބޫބަކުރުގެ މަރުގެ މައްސަލައިގެ އިތުރުން ހއ. ހޯރަފުށީ، ނޫރީގޭ، މުހަންމަދު އަރުހަމް، 16 މަރާލުމާ ގުޅިގެން ކުރަމުންގެންދާ ތަހުގީގަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ. ނަމަވެސް އެ މައްސަލަ އާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފަ އެއް ނުވެއެވެ.

ރިޔާޒް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ވަރަށް ގިނަ މީހުންނާއި ވާހަކަ ދެކެވި ވަރަށް ގިނަ ތަންތަނަށް ފުލުހުން ގޮސްފައިވާ ކަމަށާއި ތަހުގީގަށް ހުރަސް އެޅިދާނެތީ މައްސަލައިގެ އިތުރު ތަފްސީލު މިވަގުތު ހާމަކުރެވެން ނެތީ ކަމަށެވެ.

"ތަހުގީގަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފަ ވަނީ. ތަހުގީގާ ގުޅިގެން ވަރަށް ގިނަ މީހުންނާ ވާހަކަ ދެކެވި ވަރަށް ގިނަ ތަންތަނަށް ވަނީ ދެވިފަ. މައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތްތަށް ހައްޔަރު ކުރުމަށް މަސައްކަތް ކުރަމުން މިގެންދަނީ،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގަސްތުގައި މީހުން މެރުން ފަދަ ލާއިންސާނީ އަމަލުތައް ހިންގާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުންނަށް ލިބިގެންވާ ހުރިހާ ބާރެއް ބޭނުންކުރާނެ ކަމަށެވެ. އަދި އެއްވެސް ފަސްޖެހުމެއްނެތި އެފަދަ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މަސައްކަތް ކުރާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަރުހަމް މަރާލާފައި އޮއްވާ ފެނިފައި ވަނީ ކުއްލިއްޔާގެ އިރަށް އޮންނަ ދޮންހުރާ ގޯޅީގެ ޕާކްތެރެއިން މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 6:00 އެހާކަންހާއިރު އެވެ.

ރިޔާޒު ވިދާޅުވީ ޕާކުތައް މިހާރު ބޭނުންކުރެވޭ ގޮތާއި މެދު އިތުރަށް ވިސްނަން ޖެހިފައިވާކަމަށާއި ޕާކްތަކުގެ ބޭނުން ހިފެމުންދާ މިންވަރަށް ބަލައި ދިރާސާ ކުރުމަށް ފަހު އެތަންތަނާ މެދު ގޮތެއް ނިންމުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކާއި މަޝްވާރާ ކުރުމަށް ވިސްނަމުން އަންނަކަމަށެވެ.