އިންޑިއާގެ އިތުރުން ބޭރުގެ ގިނަ ބައެއްގެ މެދުގައި މަޤުބޫލު ނެށުންތެރިޔާ އަދި ފިލްމީ ތަރި ނޯރާ ފަތޭހީ މަޝްހޫރު ވޯނާ މިއުޒިކް ގްރޫޕާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ވޯނާ މިއުޒިކް ގްރޫޕަކީ، ބައިނަލްއަޤުވާމީ މިއުޒިކް އިންޑަސްޓްރީގައި ތިންވަނައަށް އެންމެ މަގުބޫލު މިއުޒިކް ކުންފުންޏެވެ. އެމެރިކާގެ މަލްޓިނޭޝަނަލް އެންޓަޓެއިންމަންޓު ކުންފުނި ވޯނާއަށް ނޯރާ ސޮއިކުރުމާ އެކު ނޯރާގެ ގްލޯބަލް މިއުޒިކް ކެރިއަރު އިޝްތިހާރުކޮށް އެމެރިކާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވޯނާގެ ޓީމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު މަގުފަހި ވެގެންދާނެއެވެ.

ބޮލީވުޑްގެ ބައެއް ފިލްމުތަކުން ނޯރާ ފެނިފައިވާއިރު އޭނާ ބޮޑަށް މަޝްހޫރުވެފައި ވަނީ ބޮލީވުޑްގެ 'އައިޓަމް ގާލް'ގެ ގޮތުގައެވެ. ފިލްމުތަކުގައި ނޯރާ ހުށަހަޅައިދީފައިވާ ލަވަތަކަކީ މިހާތަނަށް މިލިއަނުން ވިއުސް ލިބި ގިނަބައެއްގެ ތެރޭ ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ލަވަތަކެކެވެ.

އެމެރިކާގެ މިއުޒިކް ކުންފުނި ވޯނާއަށް ނޯރާ ސޮއިކުރި ކަމުގައި ވިޔަސް އޭނާ ކުރިން ސޮއިކޮށްފައިވާ އިންޑިއާގެ މަޝްހޫރު ފިލްމު ކުންފުނި ޓީ-ސީރީސްގެ މިއުޒިކް ގޮފީގައި މަސައްކަތް ކުރުމުގައި ދެމިހުންނާނެ ކަމަށް ވަނީ ބުނެފައެވެ.

ނޯރާ އާއި ވިދުޔަތު ފިލްމު "ކްރެކް"ގެ މަންޒަރެއްގައި-- ފޮޓޯ/ ޓެލެގްރާފްއިންޑިއާ

ބައިނަލްއަޤުވާމީ ފެންވަރުގެ މިއުޒިކް ކުންފުންޏަކަށް ސޮއިކުރިކަން އިއުލާނު ކުރަމުން ނޯރާ ބުނީ މި އެއްބަސްވުމަކީ އޭނާގެ މިއުޒިކީ ދަތުރުގައި ކެރިއަރަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ބައިނަލްއަޤުވާމީ ކެރިއަރުގެ އާ ފެށުމެއް ކަމުގައެވެ.

އިންޑިއާގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ނޯރާއަކީ މޮރޮކޯގެ އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. ނޯރާ އުފަންވީ ކެނެޑާގެ ޓޮރޮންޓޯގައެވެ. ނޯރާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި މަހުގެ 23ވަނަ ދުވަހު ރިލީޒްކުރި ފިލްމު "ކްރެކް"އިންނެވެ.