އިންޑިއާގެ މަގުބޫލު ފިލްމީ ތަރި ސަލްމާން ޚާންގެ އަމިއްލަ ކުރެހުންތަކެއްގެ ހިއްސާ އާޓް ކުންފުންޏެއް ކަމަށްވާ އާޓްފީއާ ގުޅިގެން ގަނެވޭނެކަން އެކްޓަރު އިއުލާނުކޮށްފިއެވެ.

އާޓްފީއާ ގުޅިގެން ފްރެކްޝަނަލް އޯނާޝިޕްއަކަށްވުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ ސަލްމާންގެ އާޓް ކަލެކްޝަން ޔުނިޓީ ސިލްސިލާގެއެވެ.

ފިލްމީ ދާއިރާގައި މަސައްކަތް ކުރުމުގެ އިތުރުން ސަލްމާން ޚާނަކީ ހިލޭ ސާބަހަށް މަސައްކަތް ކުރުމާއެކު ހުސް ވަގުތުގައި ކުރެހުމަށް ލޯބިކުރާ ފިލްމީ ތަރިއެއްވެސް މެއެވެ. އާޓްފީ މެދުވެރިކޮށް އާއްމުންނަށް ހިއްސާ ވިއްކުމަށް ހަމަޖެހިފައިވާ ކަލެކްޝަން އަކީ "ޔުނިޓީ1" އަދި "ޔުނިޓީ2"ގެ ނަމުން ނަންދެވިފައިވާ ކަލެކްޝަންއެކެވެ. މި ކަލެކްޝަންގެ ދަށުން ސަލްމާން އާއްމުންނަށް ދޫކޮށްލާފައިވާ ކުރެހުންތަކަކީ އިންޑިއާގެ މުޖުތަމައު ސިފަކޮށްދޭ ތަފާތުކަމާއި ލޯތްބާއި އިހުތިރާމު ދައްކުވައިދޭ ހިތްގައިމު ކުރެހުންތަކެކެވެ.

އާޓްފީއާ ގުޅިގެން ސަލްމާންގެ ކުރެހުންތަކުގެ ހިއްސާ އާއްމުންނަށް ގަނެވޭނެ މަގުފަހިވެގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި އޭގެ ޒަރީއާއިން އޭނާގެ ކުރެހުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނާ ހިއްސާ ކުރެވޭތީ ވަރަށް އުފާކުރާ ކަމަށް ސަލްމާން ވަނީ ބުނެފައެވެ.

ސަލްމާންގެ "ޔުނިޓީ1" އަދި "ޔުނިޓީ2" ކަލެކްޝަން ފްރެކްޝަނަލައިޒްކޮށް 10،000 ފްރެކްޝަންއަށް ބަދަލުކޮށް ފްރެކްޝަނަލައިޒްޑް އޯނާޝިޕް މެދުވެރިކޮށް ކޮންމެ މީހަކަށް ވެސް އޭގެ މިލްކުވެރިކަމުގައި ބައިވެރިވުމުގެ ފުރުސަތު އާޓްފީއިން ވަނީ ހުޅުވާލާފައެވެ.

ސަލްމާން ޚާންގެ ކަލެކްޝަންއަށް ލިބޭ ހުރިހާ ފައިސާއެއް ވެސް އެކްޓަރު ހޭދަކުރުމަށް ނިންމާފައި ވަނީ ހިލޭ ސާބަހަށް މަސައްކަތްކޮށްދޭ ޖަމާއާތްތަކަށް އެހީތެރިވުމަށެވެ. ސަލްމާން ޚާންއަކީ 2007ވަނަ އަހަރުން ފެށިގެން ބީންގް ހިއުމަންގެ ނަމުގައި އުފެއްދި ފައުންޑޭޝަންގެ ނަމުގައި އިންޑިއާގައި ތައުލީމު ހާސިލުކުރަން ބޭނުންވާ ފަރާތްތަކުގެ އިތުރުން ސިއްހީ ހިދުމަތް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފިލްމީ ތަރިއެކެވެ.