އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑީޑީ) އާއި އެ ޕާޓީގެ ނާއިބު ރައީސް އަލްހާން ފަހުމީ ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވައިފި އެވެ.

ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ރިޔާސަތު ބެލެހެއްޓެވި، ޓްރޭޑާސް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޑީޑީ އާއި އަލްހާންގެ އިތުރަށް އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު ވެސް ވަނީ ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވައިފަ އެވެ.

އެ ރަސްމިއްޔާތުގައި ޖުމްހުރީ ޕާޓީ އަށް ސޮއިކުރެއްވުމަށް ފަހު ޑީޑީ ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަކީ ސިޔާސީ ހަޔާތުގައި ހުޅުވާލެވުނު އާސަފުހާއެއް ކަމަށާއި އެމްޑީޕީގައި މަސައްކަތްކުރެއްވުމުގެ ހުރިހާ ދޮރުތަކެއް ބަންދުވުމަށް ފަހު، އަނެއްކާ ވެސް ގައުމަށް ހިދުމަތް ކޮށްދިނުމުގެ ރޫހުގައި މަސައްކަތް ކުރެވޭނެ ޕާޓީ އަކީ ޖުމްހޫރީ ޕާޓީ ކަމަށް ގަބޫލްކުރައްވާ ކަމަށެވެ.

"މިއަދު އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި އާ ސަހަފުހާއެއް ހުޅުވާލި. އަޅުގަނޑަށް ތާއިދު ކުރާ އަޅުގަނޑުގެ އެކުވެރިންނާއި ތިމާގެ އެންމެހާ ބޭފުޅުންނަށް ދޭން ބޭނުންވާ އެއް މެސެޖެކީ އަޅުގަނޑަކީ އަޅުގަނޑުގެ ސިޔާސީ ހަޔާތް ފެށުނީއްސުރެ ގައުމީ މަސްލަހަތު އިސްކޮށް ގައުމަށްޓަކައި މުޖުތަމައުއަށް ޓަކައި މަސައްކަތްކުރަމުން އައި މީހެއް. ނަމަވެސް މީގެ ކުރިން އަޅުގަނޑު މަސައްކަތް ކުރަމުން އައި ޕްލެޓްފޯމްގައި މަސައްކަތްކުރެވޭނެ ހުރިހާ ދޮރުތަކެއް ބަންދުކުރުމުން މިއަދު އަޅުގަނޑަށް އެންމެ ރަނގަޅު ޕާޓީއަކީ ޖުމުހޫރީ ޕާޓީކަން ގަބޫލްކުރެވޭތީ ޖުމްހޫރީ ޕާޓީއާ ގުޅުނީ،" ޑީޑީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީ އިން ވެސް އެމްޑީޕީ އިން ފެނުނު ކަހަލަ ޕާޓީގެ އަސާސީ ގަވާއިދުތަކާ ހިލާފަށް ކަންކަން ނިންމުމާއި އިސްލާމް ދީނަށް ފުރައްސާރަ ކުރާ އެއްވެސް ކަހަލަ ކަމެއް ހިނގާ ކަމުގެ އަލާމާތެއް ފެނިއްޖެ ނަމަ އެކަން ރަނގަޅުކުރުމަށް މަޑުނުކޮށް، ޕާޓީ ދޫކޮށްލައްވާފައި ވަޑައިގަންނަވާނެ ކަމަށެވެ.

އަލްހާނު ޖުމުހޫރީ ޕާޓީ އަށް ސޮއިކުރުއްވުމަށް ފަހު ކުރީގެ ރައީސް މައުމޫނަށާއި ކުރީގެ ރައީސް ނަޝީދަށް އަނެއްކާ ވެސް ވަނީ ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.

އޭނާ ވިދާޅުވީ ރައީސް މައުމޫނާއި ރައީސް ނަޝީދަށް "އީމާންވެގެން" ގައުމުގެ ހާލަތު ވެސް ރަނގަޅުނުކުރެވޭނެ ކަމަށާއި އަދި ސިޔާސީ ކަންކަން ވެސް ރަނގަޅުކުރެވެން ނެތް ކަމަށެވެ. އަދި ވިދާޅުވީ އެ ދެ ބޭފުޅުން ވެސް މިހާތަނަށް މަސައްކަތްކުރައްވާފައި ވަނީ އެ ބޭފުޅުން ބޭނުންވާ ގޮތްތަކެއް ފެތުރުމަށް ކަމަށާއި ބޭނުން ވަނީ އާއިލީ ބޭފުޅުންނައި ގާތްތިމާގެ މީހުންގެ އެހީތެރިކަމުގައި ރާއްޖޭގެ ވެރިކަމުގެ ތަހުތުގައި ގިނަ ދުވަހަކަށް ވެޑުވި ތިއްބެވޭނެ ނިޒާމެއް ހޯދުމަށް މަސައްކަތް ކުރުން ކަމަށެވެ.

"އަޅުގަނޑު ދިވެހި ޒުވާނުންނަށް ދަންނަވާލަން ބޭނުން ވަނީ ރާއްޖޭގެ ސިޔާސީ ފިކުރު އުފައްދާ ދަމަހައްޓާ ބޭފޫޅުންނަށް ދަންނަވާލަން ބޭނުން ވަނީ އެންމެ ވާހަކެއް. އަޅުގަނޑުމެންނަކަށް ނެތޭ މިރާއްޖެ އަޅުގަނޑުމެން ގެންދަން އުޅޭ މަންޒިލާ ހަމައަކަށް ގެންދެވޭކަށެއް، އެއްވެސް ހާލެއްގައި ވަކިވަކި ފަރުދުންނަށް އީމާން ވެގެނެއް. އަޅުގަނޑު އީމާންވި މިލަފުޒު ބޭނުންކުރި ސަބަބަކީ ރައީސް މައުމޫން ކޮންމެ ކަމެއް ކުރެއް ވިޔަސް ތާއީދުކުރައްވާ ބޭފުޅުންނަށް އެގޮތް ރަނގަޅުވާނެ. ރައީސް ނަޝީދު ކޮންމެ ކަމެއް ކުރެއްވިޔަސް ތާއިދުކުރައްވާ ބޭފުޅުންނަށް އެކަން ރަނގަޅުވާނެ،" އަލްހާނު ވިދާޅުވި އެވެ.

ޝާހު ވިދާޅުވީ އެމްޑީޕީ ދޫކުރެއްްވުމަށް ފަހު އޭނާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ އެމްޑީޕީ އަށް ކުރިއެރުން ނާންނާތީ އާއި އެމްޑީޕީއަކީ މުސްތަގުބަލެއް ނެތް ޕާޓީއެއް ކަމަށް ފެންނާތީ ކަމަށެވެ.

"އެމްޑީޕީގެ މަސައްކަތަކީ އަބަދުވެސް ކޮންމެވެސް ތަނަކަށް މީހުން އެއްކުރަން މަސައްކަތް ކުރުން. އެކަން ނޫން އެހެންކަމެއް އެޕާޓީން ނުކުރޭ." ޝާހު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބުރާހިމް ވިދާޅުވީ އެ ޕާޓިއާ ގުޅިވަޑއިގެންނެވި ތިން ބޭޅުންނަށް އެ ޕާޓީގެ ތެރެއިން ޑިމޮކުރަސީގެ ނަމޫނާ ފެނިވަޑައިގެންނަވާނެ ކަމަށާއި ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ހިނގައިގެން ނުދާ ތަން ވެސް ފެނިގެން ދާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފުވައްމުލަކުން އަލަށް ޖުމުހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި 300 މެންބަރުންގެ ފޯމް ޖުމްހޫރީ ޕާޓިއާ ވަނީ ހަވާލުކޮށްފަ އެވެ.