ޤާހިރާ ( ޖޫން 3): މީހުން މެރުމާއި ދައުލަތުގެ މުދަލާއި ފައިސާ އަށް ޚިޔާނާތްތެރިވުމުގެ ކުށުގައި އުމުރަށް ޖަލަށް ލުމަށް ޤާހިރާގެ ޖިނާއީ ކޯޓުން ޙުކުމްކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކް ޙުކުމް ތަންފީޒު ކުރުމަށްޓަކައި އޭނާ މިސްރުގެ ތުއްރާ ޖަލުގައި ބަންދުކޮށްފި އެވެ.

މިސްރުގެ ދާޚިލީ ވުޒާރާއާ ޙަވާލާދީ އެޤައުމުގެ މިޑްލްއީސްޓް ނޫސްއެޖެންސީ ބުނި ގޮތުގައި ރޭގެ ވަގުތެއްގައި މުބާރަކް ޖަލަށްލައި އޭނާގެ ޙުކުމް ވަނީ ތަންފީޒު ކުރަންފަށައިފަ އެވެ. ޤާހިރާގެ ޖިނާއީ ކޯޓުން ހެލިކޮޕްޓަރުގައި މުބާރަކް ގެންދެވުނީ ތުއްރާ ޖަލަށެވެ. ނުރަސްމީ ހަބަރުތައް ބުނާ ގޮތުން މުބާރަކް ޖަލަށް ބަދަލު ކުރުމާ އެކު އޭނާ ހާލުކޮޅު ސީރިއަސްވެ، ހާޓްއެޓޭކެއް ޖެހިވަޑައިގަތެވެ. ނަމަވެސް އެކަން މުބާރަކްގެ އާއިލާ އިން ވެސް އަދި ރަސްމީ ފަރާތަކުން ވެސް ކަށަވަރެއް ނުކޮށްދެ އެވެ.

ޢުމުރުން 83 އަހަރުގެ މުބާރަކްގެ ޢުމުރުގެ ބާކީ ދެން ހޭދަކުރައްވަން ޖެހޭނީ ޖަލުގެ ކުޑަގޮޅިތަކުގައެވެ. މުބާރަކާ އެކު އުމުރަށް ޖަލަށްލުމަށް ޙުކުމްކުރި އޭނާގެ ދާޚިލީ ވަޒީރު ޙަބީބުލްޢާދިލީ ވެސް ޙުކުމް ތަންފީޒު ކުރުމަށްޓަކައި ތުއްރާޖަލަށް މިއަދު ގެންދާނެ ކަމަށް ޚަބަރުލިބެ އެވެ.

މުބާރަކްގެ ވެރިކަން ވައްޓާލުމަށް ޓަކައި މިސްރުގެ ރައްޔިތުން އުތުރިއަރައި މުޒާހަރާކުރަން ފެށުމުން މުބާރަކާއި އޭނާގެ ދާޚިލީ ވަޒީރުގެ އަމުރަށް ވަނީ ބަޑިޖަހައިގެން ވެސް މުޒާހަރާތައް މައިތިރުކުރުމަށް މިސްރުގެ ސަލާމަތީ ބާރުތަކަށް އަމުރުކުރައްވާފަ އެވެ. ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން މުޒާހަރާ ކުރި މިސްރު ރައްޔިތުންގެ ތެރެއިން 800 އަށް ވުރެ ގިނަ މީހުންމަރުވެފައިވެ އެވެ.

މިހާ ގިނަ ބަޔަކު މެރިކަން މުބާރަކާއި އޭނާގެ ދާޚިލީ ވަޒީރުގެ މައްޗަށް ސާބިތުވި ނަމަވެސް އެދެބޭފުޅުން މެރުމަށް ޤާހިރާގެ ޖިނާއީ ކޯޓުން ޙުކުމް ކޮށްފައިނުވާތީ މިސްރުގެ އިސްލާމީ ޚިޔާލުގެ ޖަމާއަތްތަކާއި މުބާރަކްގެ ވެރިކަން ވައްޓާލުމުގައި އިސްކޮށް ޙަރަކާތްތެރިވި އެކްޓިވިސްޓުންނާއި މަރުވި މީހުންގެ ޢާއިލާތަކުން ވަނީ މިއީ ވަރަށް ލުއި ޙުކުމެއް ކަމަށް ސިފަކޮށް މިޙުކުމާދެކޮޅަށް އަޑުއުފުލަންފަށާފަ އެވެ. މިގޮތުން އިއްޔެ މިސްރުގެ ބޮޑެތި ބައެއް ރައްރަށުގައި މުބާރަކްގެ މައްޗަށް ރިވޮލިއުޝަނަރީ ކޯޓަކުން އަލުން ޝަރީޢަތްކޮށް އޭނާއާއި އޭނާގެ އައުވާނުން ދަންޖައްސައި މެރުމަށް ގޮވާލައި މުޒާހަރާތައް ކޮށްފައިވެ އެވެ.

މުބާރަކާއި އޭނާގެ ދާޚިލީ ވަޒީރު ޢުމުރަށް ޖަލަށް ލުމަށް ޙުކުމްކުރި ނަމަވެސް މުޒާހަރާކުރި މީހުން މެރުމުގައި ޝާމިލްވި މުބާރަކްގެ އެހެން ޢައުވާނުންގެ ކުށެއްނެތް ކަމަށް ޙުކުމްކޮށްފައި ވާތީ މިސްރުގެ އިސްލާމީ ޚިޔާލުގެ ޖަމާއަތްތަކާއި މުބާރަކްގެ ވެރިކަން ވައްޓާލުމުގައި އިސްކޮށް ޙަރަކާތްތެރިވި އެކްޓިވިސްޓުންނާއި މަރުވި މީހުންގެ ޢާއިލާތަކުން ވަނީ މިޙުކުމާ މެދު މާޔޫސްވެފައިވާ ކަން ހާމަކޮށްފަ އެވެ.

މުބާރަކާއެކު ޝަރީޢަތް ކުރި އޭނާގެ ދެ ދަރިކަލުން ކަމަށްވާ ޢަލާއާއި ޖަމާލްގެ އިތުރުން މުބާރަކްގެ ރަޙްމަތްތެރިއެއް ކަމަށްވާ ޙުސައިންސާލިމްގެ މައްޗަށް އިއްވާފައިވަނީ ކުށެއް ނެތް ކަމުގެ ޙުކުމެކެވެ. އަދި މުބާރަކްގެ ދާޚިލީ ވަޒީރު ހަބީބުލްޢާދިލީގެ އިސްއެހީތެރިއެއްގެ މައްޗަށް ވެސް އިއްވާފައި ވަނީ ކުށެއްނެތް ކަމުގެ ޙުކުމެވެ. (އަލްޖަޒީރާ)