28 Feb 2024, 17:22
އިންތިޚާބުތައް ރޯދަ މަހު ނުބޭއްވޭނެ ކަމަށް ކަނޑައަޅާ ބިލް ރައްޔިތުންގެ މަޖިލީހުން ދެވަނަ ފަހަރަށް ފާސްކުރި ނަމަވެސް، އެ އިންތިޚާބު އޮންނާނީ ރޯދަ މަހުގެ ހަތް ވަނަ ދުވަހަށްވާ މާޗު 17ގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
ރައީސް އަތޮޅުތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ނ. ހޮޅުދުއަށް ވަޑައިގެން އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ މަސައްކަތަށް ހުރަސް އަޅަން ވަކި ފަރާތަކުން އޯޑަރު ދިނުމުން، އެގޮތަށް ބަޔަކު އަމަލުކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންނަކަށް މި ވާނުވާ އޮޅިފައެއް ނެތް. ރައްޔިތުންނަށް ވެސް އޮޅިވަޑައިގެން ނުވާނެ މިކަންކަން. މި ފެންނަމުންދާ މަންޒަރުތަކަށް ޣާފިލުކަން މަތީގައި ޣާފިލުވެ ތިބުމަކީ އަޅުގަނޑުމެންގެ އަމިއްލަ ނަފުސަށް އޮޅުވާލާ އޮޅުވާލުމަކަށް ވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި މިހާރި ކަންކަން ގޮސްފައިވާ ހިސާބަކީ ދައުލަތުގެ ތިން ބާރު އޮންނައިރު، ޝަރުއީ ދާއިރާގެ މައްޗަށް މަޖިލީހުން ބާރު ހިންގާ މަންޒަރު ފެންނަ ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުން އަމުރެއް ނެރުނަސް މަޖިލީހުން އެ އަމުރަށް ގަދަރު ނުކުރާ ކަމަށް އެ މަނިކުފާނު ތުހުމަތު ކުރެއްވިއެވެ.
އެއީ ރައްޔިތުން ދެކެން ބޭނުންވާ މަންޒަރެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މަޖިލިސް އިންތިޚާބުގައި ވޯޓު ދިނުމުގައި، ރައްޔިތުން ބޭނުންވާ ފަދަ ގައުމެއް ބިނާ ކުރުމުގެ ނިންމެއް ނިންމަން ޖެހޭނެ ކަމަށެވެ.
"އެ ބައެއްގެ މައްޗަށް ބާރުގަދަ އެހެން ބަޔަކު އަންގާ އެންގުމަކަށް އޮޕަރޭޓު ކުރާ، ބޭނުން ގޮތަކަށް ވޯޓު ދިނުމުގައި ތަބާވާ އަޅުންތަކެއް ގޮތުގައި ތިބޭ މެންބަރުންތަކެއް މަޖިލީހަށް ވެއްދުމަކީ އެއީ މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނުނު މަންޒަރު ތަކުރާރުވެ، ދުވަހަކު ވެސް ރާއްޖެއަށް އަނބުރާ ދެން އިޔާދަ ނުކުރެވޭނެ ހިސާބަށް އަޅުގަނޑުމެންގެ ގައުމުގެ ކަންކަން ދާނެ ކަމަކަށް،" ރައީސް ވިދާޅުވިއެވެ.
އެހެންވެ، ގައުމުގެ މުސްތަގުބަލު ބިނާ ކުރުމަށް ޓަކައި ވަރަށް މުހިންމު ޒިންމާއެއް އަދާކުރަން ޖެހޭ ދުވަސް ކައިރިވެފައިވާ ކަމަށާއި، 17 މާޗުގައި އޮންނަ އިންތިޚާބުގައި މުސްތަގުބަލަށް ރަނގަޅު ނިންމުމެއް ނިންމުމަށް އެ މަނިކުފާނު އެދިވަޑައިގަތެވެ.
މީގެ އިތުރުން، ރައްޔިތުން ބޭނުންވާ ގޮތަށް، ރައްޔިތުން އެދޭ އަމާޒަށް ވާސިލުވުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ރައްޔިތުން އެކުގައި ތިބޭނެ ކަމުގެ ޔަގީން ކަން އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
ރޯދަ މަސް ނިމި، 10 ދުވަސް ފަހުން އިންތިޚާބު ބާއްވާ ގޮތަށް ގާނޫނު އިސްލާހުކޮށް، އެ ބިލު ތަސްދީގުކުރަން ރައީސް އޮފީހަށް ފޮނުވީ މި މަހު 12 ގައެވެ. އެކަމަކު، މިދިޔަ ހޯމަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގުނުކޮށް، އަނބުރާ މަޖިލީހަށް ފޮނުވާލައިފައެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ވަނީ އެ ބިލު އޮތް ގޮތަށް އަލުން ފާސްކޮށްފައެވެ.
ގާނޫނު އަސާސީ ބުނާ ގޮތުން، ރައީސް ތަސްދީގުނުކޮށް ބިލު އަނބުރާ ފޮނުވައިލި ނަމަވެސް ބަދަލެއް ނުގެނެސް ދެވަނަ ފަހަރަށް ފާސްކުރުމުގެ ފުރުސަތު މަޖިލީހަށް ލިބިދެއެވެ. އަދި، މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުން އެގޮތަށް ފާސްކޮށްފި ނަމަ، އެ ބިލެއް ތަސްދީގުކުރަން ޖެހޭނެއެވެ.
އެހެންވެ، އެ ބިލު ދެވަނަ ފަހަރަށް ފާސްކުރުމާ އެކު ބިލު ތަސްދީގުކުރަން މަޖުބޫރުވާނެއެވެ.
ރައީސް މީގެ ކުރިން އެ ބިލު އަނބުރާ ފޮނުވައިލެއްވީ އެ ބިލުގައި، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ތަޢާރުޟުވާ ކަންކަމާއި، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެމަތީން އިންތިޚާބުތައް ބޭއްވުމާއި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރަސްއެޅިދާނެ ފަދަ އިޖްރާއާތުތައް ކަނޑައަޅާފައިވާކަން ދައުލަތުގެ ބަންޑާރަނާއިބު ފާހަގަކުރައްވައި، އެ ކަންކަން އިޞްލާޙުކުރެއްވުމަށްޓަކައި ބިލަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ރައީސަށް ބަންޑާރަނައިބު ލަފާދެއްވާފައިވާތީއެވެ.