ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ތައްޔާރުކުރާ ޕާޓީގެ އާ މެނިފެސްޓޯގައި އެމްޑީޕީ ސަރުކާރެއްގައި ހުށަހަޅާނެ ދައުލަތުގެ ބަޖެޓް ހިމެނުމަށް މަސައްކަތްކުރަމުންދާ ކަމަށާއި މެނިފެސްޓޯ އެކުލަވާލުމުގެ ކުރީން ގާތްގަނޑަކަށް 120000 މީހުނާ ހިޔާލު ބަދަލު ކުރުމަކީ މައިގަނޑު އަމާޒު ކަމަށް އެމްޑީޕީން ބުނެފި އެވެ.

މެނިފެސްޓޯ އެކުލަވައިލާ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު މަހްމޫދު ރާޒީ ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބަށް ތައްޔާރުކުރާ މެނިފެސްޓޯގައި ވެސް މައިގަނޑު ފަސް ވައުދެއް ހިމެނުމުގެ އިތުރުން ސިޔާސަތުތަކާއެކު ހިންގާނެ ޕްރޮގުރާމްތައް ހިމަނަން މަސައްކަތް ކުރާނެ ކަމަށެވެ.

"މި އުއްމީދު ކުރަނީ މެނިފެސްޓޯ އެކުލަވައިލެވި ނިމުނީމަ އޮންނާނެ ކަމަށް ރައްޔިތުން މަޖިލީހަށް ކޮންމެ އަހަރަކު ހުށަހަޅަންޖެހޭ ޕޮރްގުރާމް ބަޖެޓް. ދައުލަތުގެ ޕޮރްގުރާމް ބަޖެޓް އޮންނާނީ އެކުލަވާލެވި ނިމިފައި،" މަހްމޫދު ވިދާޅުވި އެވެ.

އެމްޑީޕީގެ މެނިފެސްޓޯ ނިމޭއިރު މަޝްރޫއުތަކަށް ހިނގާނެ ހަރަދާއި ފައިސާ ހޯދާނެ ގޮތްތަކާބެހޭ ގޮތުން މަޝްވަރާތައްކޮށް ހަރަދުތައް ވެސް އެނގިގެންދާނެ ކަމަށް އެނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރަށްރަށުގައި ހިންގާނެ ޕްރޮގްރާމްތައް ކަނޑައަޅާނީ ރަށްރަށަށް ގޮސް ހިންގާ ސާވޭތަކަށްފަހު ކަމަށާއި އެ މަސައްކަތް ކުރަން މިހާރު ބައެއް ރަށްތަކަށް އެމްޑީޕީގެ ވަފުދުތައް ދަތުރު ފަށާފައިވާ ކަމަށެވެ.

އެމްޑީޕީން ބުނީ މެނިފެސްޓޯ އެކުލަވައިލުމަށް އެ ޕާޓީގެ ވަފުދުތައް އައްޑު އަތޮޅާއި ފުވައްމުލަކާއި، ބ. އަތޮޅުގެ ދެ ރަށަކާއި ނ. އަތޮޅު ވެލިދޫގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

"އުއްމީދު ކުރަނީ އަންނަ ހަފުތާގައި އުތުރުގެ ރަށްރަށް ދެވޭނެ ކަމަށް،" މަހްމޫދު ވިދާޅުވި އެވެ.

އެމްޑީޕީން ކުރިން މެނިފެސްޓޯއެއް އެކުލަވާލާފައި ވަނީ ފަސް ވައުދެއްގެ މައްޗަށް ބިނާކޮށް އާންމުންގެ މަޝްވަރާއާ ހިޔާލު ހޯދައިގެނެވެ. އެ މެނިފެސްޓޯގައި ހިމެނޭ މައިގަނޑު ފަސް ވައުދަކީ އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމާއި ބޭސް ސިޓީއަށް ސަލާމް ޖެހުން ނައްތާލުމާއި ދަތުފަތުރުގެ ނިޒާމަކުން ގުޅާލުމާއި މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދަޮރުތައް ބަންދުކުރުމާއި ދިރިއުޅުމުގެ އަގު ތިރި ކުރުމެވެ.

އެމްޑީޕީގެ އިތުރުން ޕްރޮގްރޮސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިންވެސް އަންނަ ރިޔާސީ އިންތިހާބަށް ހުށަހަޅާނެ މެނިފެސްޓޯ އެކުލަވާލުމަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން ރައްޔިތުންނާއެކު މަޝްވަރާ ކުރަން ވަނީ ފަށާފަ އެވެ.