28 Feb 2024, 16:14
ސްޕެނިޝް ކޮޕާ ޑެލް ރޭގެ ފައިނަލުން މަޔޯކާ ޖާގަހޯދައިފިއެވެ.
މި މުބާރާތުގެ ފައިނަލުން މަޔޯކާ ޖާގަހޯދީ ސެމީފައިނަލްގައި ރެއާލް ސޮސިއެޑާޑް އާއި ބައްދަލުކޮށް ކުޅުނު ދެ ލެގަށް ބަލާއިރު އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރު ވުމުން ކުޅުނު އިތުރު ވަގުތުގައިވެސް ނަތީޖާއަށް ބަދަލެއް ނައުމުން ޕެނަލްޓީ ޖަހައިގެން ފަސް ލަނޑު ހަތަރު ލަނޑުންނެވެ.
މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަަމަ ލެގްގައި މަޔޯކާގެ ދަނޑުގައި ކުޅެ ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. މި ދެ ޓީމުގެ މެދުގައި ރޭ ކުޅުނު ދެވަނަ ލެގްގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސޮސިއެޑާޑްއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔަބު ކުރެވިފައެއް ނުވެއެވެ.
ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށިތާ ފަސް ވަނަ މިނެޓުގައި މަޔޯކާއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖިއޮވާނީ ގޮންޒާލޭޒްއެވެ. މި މެޗުގައި ސޮސިއެޑާޑްއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ 71 ވަނަ މިނެޓްގައި މިކޭލް އަޔަރުޒަބާލް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މެޗުގެ ބާކީ އޮތް ވަގުތުކޮޅުގައި ލަނޑެއް ޖަހައި މެޗު ކާމިޔާބު ކުރެވޭތޯ ދެ ޓީމުން މަސައްކަތް ކުރި ނަމަވެސް އެކަން ވާގޮތެއް ނުވިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ އިތުރު ވަގުތުގެ ދެ ހާފު ކުޅުމެވެ. އަދި 120 މިނެޓްގެ ކުޅުމަށްފަހު ވެސް ނަތީޖާއަށް ބަދަލެއް ނައުމުން ނަތީޖާ ނެރުމަށްޓަކައި ޕެނަލްޓީއަށް ދާން ޖެހުނެވެ.
ޕެނަލްޓީ ޝޫޓް އައުޓްގައި ސޮސިއެޑާޑްއިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ އެ ޓީމަށް މި މެޗުގައި ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖަހައިދިން އަޔަރުޒަބާލްގެ ޕެނަލްޓީއެވެ. މަޔޯކާއިން ޖެހި ފަސް ޕެނަލްޓީ ވެސް ވަނީ އެ ޓީމުން ކާމިޔާބު ކޮށްފައެވެ.
މިއީ 2003 ވަނަ އަހަރު މަޔޯކާއިން މި މުބާރާތް ކާމިޔާބުކުރި ފަހުން ކޮޕާ ޑެލް ރޭގެ ފައިނަލުން އެ ޓީމަށް ޖާގަ ހޯދުނު ފުރަތަމަ ފަހަރެވެ. މި މުބާރާތުގެ ފައިނަލްގައި މަޔޯކާއަށް ބައްދަލުކުރަން ޖެހޭނީ އެތުލެޓިކް ބިލްބާއޯ އާއި އެޓްލެޓިކޯ މެޑްރިޑް ބައްދަލުކުރާ ސެމީފައިނަލް ކާމިޔާބު ކުރާ ޓީމަކާއެވެ. މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގް އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ބިލްބާއޯއެވެ.