28 Feb 2024, 22:45
ޣައްޒާ (28 ފެބްރުއަރީ 2024): ޣައްޒާގައި ޔަހޫދީ ސިފައިންނާއި ފަލަސްތީނުގެ މުޖާހިދުންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި ޔަހޫދީ ސިފައިންގެ އިސް ދެއޮފިސަރުން މަރުވެ އިތުރު ހަތް މީހަކު ވަރަށް ބޮޑަށް ޒަޚަމްވެއްޖެކަމަށް އިސްރާއީލުން އިއުތިރާފުވެއްޖެއެވެ.
އިސްރާއީލު ސިފައިން ނެރުނު ބަޔާނެއް ބުނާގޮތުން މަރުވި ދެ އޮފްސަރުންނަކީ އިސްރާއީލު ސިފައިންގެ ގިވާތީ ބްރިގޭޑްގެ އިސް ދެކޮމާންޑަރުންނެވެ. ޒަޚަމްވި ހަތް ސިފައިން ގެންގޮސް އެނދުމަތިކޮށްފައިވަނީ އިސްރާއީލުގެ ސުރުކާ ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށާއި ފާއިތުވި 24 ގަޑީއިރު ތެރޭގައި އިސްރާއީލު ސިފައިންގެ 47 މީހަކު ޒަޚަމްވެގެން އެނދުމަތިކޮށްފައިވާ ކަމަށްވެސް އެހޮސްޕިޓަލުން ބުނެއެވެ.
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތުން ނެރުނު ގުޅިފައިވާ ބަޔާނެއް ބުނާގޮތުން ރޭ ދަންވަރު ޣައްޒާގެ އުތުރުގައި ޔަހޫދީ ބާރުތަކާއި އެދެޖަމާއަތުގެ މުޖާހިދުންނާ ދެމެދުވަނީ ވަރުގަދަ ކުރިމަތިލުމެއް ހިނގައި ހަމަލާތައް ބަދަލުކޮށްފައެވެ.
މި ހަމަލާތަކުގައި ޔަހޫދީ ބާރުތަކުގެ ފަނަރައާއި ވިއްސާ ދެމެދު އަދަދެއްގެ މީހުން ބަޑީގެ ހަމަލާތައް އަރައިގެން ވެއްޓި އެމީހުންގެ ގައިން ލޭތައް ފައިބަމުންދާތަން ފެނުނުކަމަށާއި މަދުވެގެން ޔަހޫދީ ސިފައިންގެ ފަސްމީހުން މަރުވެފައިވާނެކަމަށް ޔަގީން ކުރެވޭކަމަށް އެބަޔާން ބުނެއެވެ. ނަމަވެސް އިސްރާއީލުން އިއުތިރާފުވެފައިވަނީ ދެ މީހުން މަރުވިކަމަށާއި ހަތް މީހުން ޒަޚަމްވިކަމަށެވެ.
އިސްރާއީލަކީ ފަލަސްތީނު މުޖާހިދުންގެ ހަމަލާތަކުގައި މަރުވެ އަދި ޒަޚަމްވާމީހުންގެ ހަގީގީ އަދަދު ސިއްރު ކުރުމުގެ ތާރީޚެއް އޮންނަ ގައުމެކެވެ. އާންމުގޮތެއްގައި އިސްރާއީލުން އިއުތިރާފުވަނީ މުޖާހިދުންގެ ހަމަލާތަކުގައި މަރުވެ އަދި ޒަޚަމްވާމީހުންގެ ތިންބައިކުޅަ އެއްބައަށް ކަމަށް އަލްޖަޒީރާގެ އަސްކަރީ މުހައްލިލު ރިޓަޔަޑް ޖެނެރަލް ފާއިޒް އައްދުވައިރީ ވިދާޅުވިއެވެ.
މުޖާހިދުންގެ ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ 570 މީހުން މިހާތަނަށް މަރުވެފައިވާކަމަށާއި 2800 މީހުން ޒަޚަމްވެފައިވާކަމަށް އިސްރާއީލުން ވަނީ ރަސްމީކޮށް އެއްބަސްވެފައެވެ. ރިޓަޔަޑް ޖެނެރަލް ފާއިޒް އައްދުވައިރީ ދެކެވަޑައިގަންނަވާ ގޮތުގައި މަރުވެ އަދި ޒަޚަމްވެފައިވާ އިސްރާއީލު ސިފައިންގެ އަދަދު މީގެ ތިންގުނައަށް އަރާނެއެވެ.
މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް އިސްރާއީލުގެ ހާހަކަށްވުރެ ގިނަ ސިފައިން ފަލަސްތީނުގެ ރައްދު ހަމަލާތަކުގައި މަރާލާފައިވާކަމަށް އިސްރާއީލުގެ މުސްތަގިއްލު މީޑީއާ ރިޕޯޓްތައް ބުނެއެވެ.