03 Jun 2012, 10:25
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރޭ މާލެ ވަޑައިގެންފި އެވެ.
ރައީސްގެ މިދަތުރުފުޅުގައި އެންމެ ފަހު މަންޒިލެއްގެ ގޮތުން ވަޑައިގަތީ އެއަތޮޅު ބާރަށަށެވެ. ބާރަށަށް އެމަނިކުފާނު ވަޑައިގަތީ އިއްޔެގެ ހަވީރުގެ ވަގުތެއްގަ އެވެ.
ރައީސް ބާރަށަށް ކުރެއްވި ޒިޔާރަތުގައި އެ ރަށު ރައްޔިތުންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ދިވެހި ދައުލަތުން މިއަދު ވަކި ޕާޓީއަކަށް ވަކި ކުލައަކަށް ތަފާތެއް ނުކުރައްވާ ކަމުގައި ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ދިވެހި ރައްޔިތުންގެ ހައިޝިއްޔަތުން ސަރުކާރުގެ ފަރާތުން ލިބެން ޖެހޭ ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބިގެންދާނެ އެވެ. އަދި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކީގައި ގާނޫނުން ރައްޔިތުންނަށް ލިބިދޭން ޖެހޭ ހައްގުތައް ލިބިދިނުމަށް ޓަކައި ސަރުކާރުން ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެ ކަމުގައި ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ބާރަށު ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކުގެ މައްޗަށް ވެސް އަލިއަޅުއްވައިލެއްވި އެވެ. އެގޮތުން އެ ރަށަކީ އެހެން ރަށްރަށާ ހިލާފަށް މަދިރީގެ އުނދަގޫ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެއްކަން ފާހަގަކުރައްވައި އެކަން ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވި އެވެ.
މީގެއިތުރުން ބާރަށުގެ ތަރައްގީއަށް ޓަކައި ސަރުކާރުން ކޮށްދެއްވުމަށް ނިންމަވާފައިވާ ކަންކަމުގެ މައްޗަށް ވެސް ރައީސް ބައްލަވައިލެއްވި އެވެ. އެގޮތުން އެރަށު ފާލަން އެޅުމާއި އެ ރަށު ސިއްހީ މަރުކަޒުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމާއި އެ ރަށުގައި ދަނޑުވެރިކަން ތަރައްގީކޮށް ކުކުޅު އާލާކުރުމުގެ މަސައްކަތަށް ސަރުކާރުން ދެއްވެން ހުރި އެހީތެރިކަމަކާއި އެއްބާރުލުން ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.