ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ފުރޮޅުމަކަށް ގޮސް ރާއްޖެއަށް އައި ހަލަބޮލިކަމުން ސަލާމާތްވެވިދާނެ އުންމީދެއްގެ ގޮތުގައި އެންމެން ވެސް ދުށީ ރައީސް ވަހީދުގެ ސަރުކާރުގެ "އޯލް ޕާޓީ ޓޯކްސް" ނުވަތަ ވެރިކަން ބަދަލުވުމާ ހަމައިން އުފެދުނު ކޯޅުންތަކަށް ފިނިކަން ގެނައުމަށް ސަރުކާރުން އިއުލާން ކުރި ރޯޑްމެޕެވެ. އެއީ އިހުލާސްތެރި މަސައްކަތެއް ކަމަށް ބެލެވުނެވެ.

މަޑުމަތިރި ބޭފުޅެއް ކަމަށްވާ ބޮޑުފެންވަޅުގޭ އަހުމަދު މުޖުތަބާއާއެކު ފެށުނު މަޝްވަރާތަކުގައި މިހާތަނަށް ވަރަށް ގިނަ ފަހަރަށް ބެލިފައި ވަނީ އުންމީދުގެ "ހުޅުކޮޅު" ނިވެނީހެނެވެ. އަނެއްބައި ފަހަރު އުންމީދެއް އާވާން އުޅޭންހެންވެސް ހީވެ އެވެ. ކޮންމެފަހަރަކު ވެސް އައީ އެމްޑީޕީގެ ބޮޑާ ހޭކުމުގެ މައްސަލައެވެ. ވަކި ހިސާބެއްގައި އެމްޑީޕީންގެ ބޮޑާ ހޭކުން އެއްފަރާތްވެ އެޖެންޑާ ތަރުތީބަކަށް އެއްބަސްވެވުމުން އެއީ ރޯޑްމެޕް މަޝްވަރާތަކުގައި މިހާތަނަށް ފައިދާވި އެންމެ ރަނގަޅު ނަތީޖާ އެވެ.

މިހާތަނަށް ބޭއްވި މަޝްވަރާ ބައްދަލުވުންތަކަށްފަހު ވާހަކަތައް ވެރިރަށުން ބޭރަށް، ބަނޑޮސް ރިސޯޓަށް ގެންދިޔައީ ވާހަކަތައް އިތުރަށް "ރަނގަޅުކޮށްލަން" ކަމަށް ބެލެވެ އެވެ. އަދި އެއީ މިބާވަތުގެ މަޝްވަރާތަކުގައި އަމަލުކުރާ ގޮތެއް ވެސް މެއެވެ. ރޯޑްމެޕް މަޝްވަރާތައް މާލެއިން ބޭރުވުމުގެ މަގުމަތީގައި އެމްޑީޕީ އާއި ޕާޓީތައް އަދި ވިލިރަސްވެރިޔާގެ ކިބައިން އައި ވާހަކަތަކުން ބަނޑޮހުގައި ނަތީޖާއެއް ނެރެވިދާނެ ކަމަށް ބެލެވުނަސް ރިސޯޓު ރަށުގައި ތިން ދުވަހަށް ދެމިގެން ދިޔަ ވާހަކަތައް ނިންމާލަން ޖެހުނީ އުންމީދު ކުރިފަދަ އެއްވެސް ކަމެއް ހާސިލު ނުވެ އެވެ.

"އަޅުގަނޑުމެން އަނެއްކާވެސް އެޖެންޑާ ނަމްބަރު އެކަކުން ވާހަކަތައް ފަށާނީ، އެ ވާހަކަތައް ފަށަން އަޅުގަނޑުމެން ޖެހޭނީ މަޝްވަރާކުރަން، އަޅުގަނޑަށް ހީވަނީ މިފަދަ ކަމެއްގައި އަޅުގަނޑުމެންނަށް އަދިވެސް ވާހަކަ ދައްކަންވާވަރަށް ނުދެއްކެނީހެން،" ވިލަރެސްވެރިޔާ، މުޖުތަބާ ވިދާޅުވި އެވެ.

މުޖުތަބާ ވިދާޅުވާ ގޮތުގައި ހަ ޕާޓީ އެކުވެގެން 10 ފަހަރަށް ވުރެ ގިނައިން ބައްދަލުވެ ވާހަކަތައް ބާއްވާފައިވާއިރު އޭގެ ތެރެއިން ނަތީޖާއެއް ނުކުތީ ދެ އިށީނުމެއްގަ އެވެ. މާނައަކީ މިހާތަނަށް ކުރެވުނު މަޝްވަރާތަކުގައި އެއްޗެއް ހާސިލު ނުވެ އޮތުމެވެ. ވާހަކަތަކުން ނަތީޖާއެއް ނުނެރެވުމުގައި ސަބަބުތައް ވެސް އެބަހުއްޓެވެ. ސިޔާސީ މަޝްވަރާގައި ނަތީ ނެރުމަކީ އެހާ ފަސޭހަ ކަމެއް ވެސް ނޫނެވެ.

"އަބަދުވެސް އަޅުގަނޑުމެންނަށް މައްސަލަ މި ދިމާވަނީ އެމްޑީޕީން އެއްގަލަކަށް އަރަން ބޭނުން ނުވުން، އަސްލު އެމްޑީޕީއަކީ ހިޔާލުތަފާތުވާ ޕާޓީއަކީ އެބޭފުޅުން އެކަމަކު އެއްވެސް ކަމަކަށް އެއްބަސްވާކަށް ބޭނުމެއް ނުވޭ، އެ ލިސްޓުގައި [ހަމަނުޖެހުންތައް ހައްލުކުރަން އެކުލަވާލި ކަންތައްތަކުގެ ލިސްޓް] ހުރި ކަންތައްތަކަށް ވެސް އެބޭފުޅުން އެއްބަސްވެއެއް ނުލައްވާ، ވިދާޅުވަމުން ގެންދެވީ އެއީ ސީދާ އެމްޑީޕީއަށް އަމާޒުކޮށްގެން ހަދާފައި އޮތް އެއްޗެއް ކަމަށް. އެކަމަކު އެއީ ހުރިހާ ޕާޓީއަކުންވެސް [އަމަލު] ކުރާ ގޮތަށް ހަދާފައި އޮތް ލިސްޓެއް، އެމްޑީޕީގެ އިހުލާސްތެރިކަމެއް ނެތުން މީގައި މައްސަލައަކީ،" ވާހަކަތަކުގައި ބައިވެރިވެ ވަޑައިގަންނަވާ ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ ވިދާޅުވި އެވެ.

މަޝްވަރާތަކުގައި އިއްތިހާދުން ވެސް އަދި އެމްޑީޕީން ވެސް އެއްބަޔަކު އަނެއް ބަޔަކަށް އިތުބާރު ނުކުރުމުގެ މައްސަލަ ބޮޑެވެ. ދެބައި މީހުންނަށް ފެންނަ ގޮތް އޮތީ އެހާ ސާފުކޮށް ފެންނަ ފޮޓޯއެއްގެ ގޮތަކު ނޫނެވެ. މިއިން ދައްކައި ދެނީ ނަތީޖާއަކަށް ވާސިިލުވާން ހުރަސްތަކެއް ހުރުމެވެ. އިހުލާސްތެރިކަން ކުޑަވުމެވެ.

އެމްޑީޕީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަންނަވާ މަންދޫބު، ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު ވިދާޅުވި ގޮތުގައި މަޝްވަރާތަކުގައި ކަންކަން ހައްލު ކުރުމަށްޓަކައި އަމަލުކުރަން އެކުލަވާލި ލިސްޓުގައި ހިމެނޭ ބައެއް ކަންކަމުގެ ސަބަބުން ރާއްޖޭގައި ހިޔާލު ފާޅުކުރުން މާހައުލުން ހަނިވެގެން ހިނގައިދާނެ އެވެ. ހާމިދު ވެސް އަދި އެމްޑީޕީގެ އެހެން ބައިވެރިން ވެސް އެކަން ސިފަ ކުރަނީ އެޕާޓީގެ ސިޔާސީ ހަރަކާތްތައް ހުއްޓުވާލުމުގެ ބޭނުމުގައި ކޮށްފައިވާ ކަމެއްގެ ގޮތުގަ އެވެ.

"އެބޭފުޅުން އެކުލަވާލި ލިސްޓުގައި ވެސް މި ހުންނަނީ ވަރަށް ހެއްވާ ކަންތައްތައް، އެކަހަލަ ކަންތައްތައް އަޅުގަނޑަށް ހީވަނީ އެއީ ހަމަ އަޅުގަނޑުމެންނަށް ސީދާ އަމާޒުކޮށްގެންހެން ކުރެވިފައި ހުރީ. އަސްލު މީގައި މައްސަލައަކީ އިދިކޮޅު ފަރާތަކުން [ހާމިދުގެ ނަޒަރުގައި އިދިކޮޅު ފަރާތަކީ މިވަގުތު ސަރުކާރާ އިއްތިހާދުވެފައިވާ ޕާޓީތައް] މީގެން އެއްވެސް ކަމަކަށް އެއްބަސް ނުވުން، އެހެންނޫނީ އަޅުގަނޑުމެން އިއްޔެ ކޮންމެވެސް ހަތަރު ކަމަކަށް އެއްބަސްވީމުސް،" ހާމިދު ވިދާޅުވި އެވެ.

ސަރުކާރުން ބޭނުން ވިޔަސް އިއްތިހާދު ޕާޓީތައް ބޭނުން ވިޔަސް ހިޔާލުފާޅު ކުރުމަށް ރާއްޖޭގައި އޮތް ފުރުސަތަކީ ހަނި ކުރެވޭނެ އެއެއްޗެއް ނޫނެވެ. އަދި އެމްޑީޕީ ރުހޭހާ ގޮތަކަށް ވެސް ކަންކަމެއް ނުވާނެ އެވެ. މަޝްވަރާއަށް އަމާޒުކޮށް އެމްޑީޕީން ބުނާ، މަޝްވަރާގައި ހިމެނޭ ހެއްވާ ކަންކަމަކީ ކޮބައިކަމެއް ވެސް ސާފެއް ނުވެއެވެ. ސާފުކޮށް ބަސް ނުބުނަންޏާ އިހުލާސްތެރިކަމާމެދު ސުވާލު ކުރަން އޮންނާނީ ޖާގަ ލިބިފަ އެވެ.

ހަފުތާ ބަންދުގައި އޮތް "ބަނޑޮސް ޓޯކް" އަށްފަހު ދެ ފަރާތުން ވެސް ދައްކަނީ އެއް ވާހަކަ އެކެވެ. އަނެއް ފަރާތުގެ އިހުލާސްތެރިކަމާމެދު ސުވާލު އުފައްދާ ދައްކާ ވާހަކަތަކެވެ. މިއިން އެއް ކަމެއް އެނގެ އެވެ. ދެބައި މީހުންގެ އިހުލާސްތެރިކަމާމެދުގައި ވެސް ސުވާލު އުފައްދާނެ ޖާހަ ހުޅުވިފައި އޮތް ކަމެވެ.

ވާހަކަތަކުގައި ޕާޓީއަކުން ބައިވެރިވެ ވަޑައިގެންނެވި ސިޔާސީ ތަޖުރިބާހުރި ބޭފުޅަކު ވިދާޅުވީ މަޝްވަރާތަކުގައި "ޖެއްސުން ކުރުމުގެ ރޫހެއް" ފެނިގެން ދިޔަ ކަމަށާއި އެއީ އެކަން ވާންޖެހޭނެ ގޮތް ނޫން ކަމަށެވެ.

"އެއްވެސް ކަމަކުން ކަމަކާ ނުލާ މަޝްވަރާތައް ހޫނު ކުރަން ބަޔަކު މަސައްކަތް ކުރި،" އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހޫނުވެފައިވާ ކަންތައްތަކެއް ފިނިި ކުރުމުގެ މަސައްކަތާ ހަވާލުވެފައި ބައެއްގެ ކިބައިން އެފަދަ ރޫހެއް ފެނުމަކީ ވެސް އިހުލާސްތެރި ކަމާމެދު ސުވާލު އުފެދުނު ކަމަށެވެ.

"އެއެއް ނޫން ކަންނޭންގެ ވާންވީ ގޮތަކީ، އެކަމަކު އެމްޑީޕީއަށް ވެސް ވިސްނެނީ މިއީ ތިމަންނަމެން ކުރާ ކަމެއް ހުއްޓުވަން އޮތް ކަމެކޭ، އެއީވެސް ރަނގަޅު ހިޔާލެއް ނޫން. ދެން އަޅުގަނޑުމެންގެ ތެރެއިން ވެސް އެބަހުރި މައްސަލަތައް، މިސާލަކަށް؛ މަގުސަދު ގެއްލޭ ކަހަލަ ބައެއް ކަންކަން ކުރުން. ގަސްތުގައި މީހުން ރުޅިއަރުވާ ޖެއްސުން ކުރުމުގެ ބައެއް ކަންކަން ދިޔަ،"

ބަނޑޮސް ޓޯކްގައި ވާހަކަތައް ހޫނުވެ ވިލަރަސްވެރިޔާ ވޯކްއައުޓް ކުރައްވަން އުޅުއްވުމަކީ ވެސް ރޯޑްމެޕް މަޝްވަރާތަކުގެ ބައިވެރިންގެ އިހުލާސްތެރި ކަމާމެދު ޝައްކުގެ ނަޒަރެއް ގެންގުޅެވިދާނެ ސަބަބެކެވެ. (މިފަދަ މަޝްވަރާތަކުގައި ވޯކްއައުޓް ކުރުމަކީ އާންމު ކަމެކެވެ) މަޝްވަރާ ކުރަން މޭޒުދޮށަށް ދަނީ ރަނގަޅު ނިޔަތާއެކު އެވެ. މިއަކީ އެމްޑީޕީގެ ކަމެއް ވެސް ނޫނެވެ. މިއަކީ އިއްތިހާދުވެފައިވާ ޕާޓީތަކުގެ ކަމެއް ވެސް ނޫނެވެ. މިއީ ގައުމީ މައްސަލައެކެވެ. ޖެއްސުންކޮށް އެއްބަޔަކު އަނެއް ބަޔަކަށް ކަންކަން ބޮލުގައި އަޅުވައިގެން ރޯޑްމެޕް މަޝްވަރާތަކުގައި ރާއްޖޭގައި ހިންގާ ހަމަނުޖެހުންތައް ހުއްޓުވަން ކޮށްދެވޭނެ ކަމެއް އޮންނާނެ ކަމަށް ނުފެނެ އެވެ.

އދ. ގެ މީޑިއޭޝަން އެކްސްޕާޓް އީވް މޮނެޓް ވިދާޅުވާ ވާހަކައެއް އޮވެއެވެ؛ މަޝްވަރާ ތަކުގައި ކުރަންޖެހޭ ކަމަކީ ހިޔާލު ތަފާތުވާ މައްސަލަތަކުގައި ވަރުގަދަ އަށް މަޝްވަރާ ކުރުމެވެ. ކޮންމެވެސް ސިފައެއްގައި އެއްބަސް ވެވެންދެނެވެ. އެއާ ހިލާފަށް ރޯޑްމެޕް މަޝްވަރާތަކުގައި މިހާތަނަށް ތަކުރާރުވެފައި ވަނީ މަޝްވަރާގެ ބަދަލުގައި ޖެއްސުން ކުރުމެވެ. ބައްދަލުވުމަށް ވަޑައިގަންނަވަނީ ޖެއްސުން ކުރައްވަމުންނެވެ. ބައްދަލުވުމުން ނުކުމެ ވަޑައިގަންނަވަނީ ޖެއްސުމުގެ ބަސްތައް ވިދާޅުވަމުންނެވެ.