އަކްރާ ( ޖޫން 3): ހުޅަނގު އެފްރިކާގެ ޤައުމެއް ކަމަށްވާ ގާނާގެ ވެރިރަށް އަކްރާގައި މަތިންދާބޯޓަކާއި ބަހެއް ޖެހުމުގެ ސަބަބުން 10 މީހުން މަރުވެއްޖެ ކަމަށް އެޤައުމުން ބުނެފިއެވެ.

ގާނާގެ ސިވިލްއޭވިއޭޝަނާ ބެހޭ މަސްއޫލުވެރިއަކު ވިދާޅުވި ގޮތުގައި ކާގޯ މަތިންދާބޯޓަކާއި ބަހެއް ޖެހުނީ އަކްރާ އެއަޕޯޓަށް ބޯޓުޖެއްސުމަށް ޓަކައި ރޭގެ ވަގުތެއްގައި ބޯޓު ތިރިކުރަމުންދަނިކޮށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. މިއީ ޕައިލެޓް، ބޯޓު ތިރިކުރި ގޮތަކުން ދިމާވި މައްސަލައެއްކަން ނޫނީ ބޯޓަށް ކުރިމަތިވި ފަންނީ މައްސަލައެއްކަން އަދި ސާފުނުވާކަމަށް ގާނާގެ މަސްއޫލުވެރިޔާ ވިދާޅުވެ އެވެ.

މަންޒަރުދުށް މީހުން ބުނާ ގޮތުން އެއަޕޯޓަށް ބޯޓު ތިރިކުރުމުން ދަނިކޮށް ފުރަތަމަ ބޯޓު ޖެހުނީ އެއާޕޯޓުގެ ފެންސުގަ އެވެ. އެ ސަރަޙައްދުން ދަތުރުކުރި ބަހެއްގައި ޖެހުނީ އެ އަށް ފަހު އެވެ. އެ ޙާދިސާގައި ބޯޓުގެ ދެ ޕައިލެޓާއި ފަޅުވެރިންގެ ހަތަރު މީހުން ސަލާމަތްވި އެވެ. ނަމަވެސް ބަހުގައި ތިބި އެންމެން މަރުވި އެވެ.

ވެއްޓުނު މިބޯޓު ދަތުރުކުރަމުން އައީ އަވައްޓެރި ނައިޖީރިޔާގެ ވެރިރަށް ލާގޮސް އިން ފުރައިގެންނެވެ. މިބޯޓަކީ ނައިޖީރިޔާގެ އެލައިޑް އެއަރގެ ބޮއިންގް 727 މަރުކާގެ ބޯޓެއް ކަމަށް ވެސް ޚަބަރު ލިބެ އެވެ. (އަލްޖަޒީރާ)