27 Feb 2024, 18:20
މި ފެށޭ ރަމަޟާންމަހު ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓަރޭޝަން (ޑީއެންއާރް)އިން އައިޑީ ކާޑު ދޫކުރާނީ ކޮންމެ ދުވަހަކު ދެ ގަޑިއިރަށް ކަމަށް އިޢުލާންކޮށްފިއެވެ.
ޑީއެންއާރުން ނެރުނު އިއުލާނެއްގައިވާ ގޮތުން ރޯދަ މަހު ރަސްމީ ދުވަސްތަކާއި ބަންދު ދުވަސްތަކުގައި ކާޑު ދޫކުރުން ހަމަޖެހިފައިވަނީ 09:30 އިން 11:30 އަށެވެ. ކާޑު ނެގުމަށް ކިއުބީއިން ނަންބަރެއް ނަގަން ޖެހޭނެ ކަމަށާއި ކިއުބީއިން ދޫ ކުރުމަށް ހަމަޖެހިފައިވަނީ 150 ނަންބަރުކަމަށް ޑީއެންއާރުން ނެރެފައިވާ އިޢުލާނުގައިވެއެވެ.
ކާޑު އެހެން ފަރާތަކުން ނަގާނަމަ ކާޑުގެ ވެރިފަރާތުން އެހެން ފަރާތަކާ ހަވާލުކޮށްދިނުމަށް އެދި ސިޓީއެއް ހުށަހަޅަންޖެހޭނެކަމަށެވެ. ކުރިން އުސޫލު އޮންނަ ގޮތުން ވެރިފަރާތް ނޫން އެހެން މީހަކަށް އައިޑީކާޑު ދުލެއް ނުކުރެއެވެ.
މީގެ އިތުރުން ރޯދަމަހުގެ ފަހު 10ގައި ސަރުކާރު ބަންދުކުރި ނަމަވެސް ޑީއެންއާރުން ތިން ދުވަހެއްގައި ޚިދުމަތް ދޭނެ ކަމަށް އިއުލާނުގައިވެއެވެ. އެއީ އޭޕްރިލް މަހުގެ އެއް ވަނަ ދުވަހާއި ތިން ވަނަ ދުވަހާއި އަށް ވަނަ ދުވަހުގައެވެ.
އެ ދުވަސްތަކުގައި ވެސް ޚިދުމަތް ދޭނީ ރޯދަމަހުގެ އެހެން ދުވަސްތަކުގައި ޚިދުމަތް ދިން ގަޑިތަކުގައެވެ.
ކާޑު ދޫކުރުން ހަމަޖެހިފައިވާ ގަޑިތަކުގެ އިތުރުން ކުއްލި ޙާލަތެއް މެދުވެރިވެގެން ކާޑު ނަގަން ޖެހިއްޖެނަމަ 7280368 އާ ގުޅުމަށް މިއަދު ޑީއެންއާރް އިން ނެރުނު އިޢުލާނުގައިވެ ބުނެފައިވެއެވެ. އައިޑީކާޑު ހެއްދުމަށް މިހާރު ހުށަހަޅަން ޖެހެނީ އޮންލައިން ކޮށެވެ.