މި ދުވަސްވަރު އެންމެ ގިނައިން އިވޭ އެއް ވާހަކައަކީ މާވަހަރުގެ ވާހަކައެވެ. ބައެއް މީހުން މާވަހަރު ހޮވައިގެން އެއިގެ ފައިދާ ނަގަމުންދާ އިރު، އަނެއް ބަޔަކު ތިބީ މާވަހަރުގެ ފައިދާ ބަހާނެ ގޮތަކާ މެދު އެއްބަސްވުމަކަށް ނާދެވިފައެވެ. އަނެއް ބަޔަކަށް މާވަހަރަށް ނުވާ މާވަހަރު ވެސް ހޮވެނީ އެވެ. އެއީ މާވަހަރެއްތޯ ޔަގީންކުރުމަށް އެތައް ހަރަދެއް ވެސް ކުރަނީ އެވެ. އެހެންކަމުން މާވަހަރާ ބެހޭ ގޮތުން މައުލޫމާތު މުއްސަނދިކޮށްލުމަކީ ދުވަސްވަރާ ވަރަށް ވެސް މުނާސަބު ކަމެކެވެ.

މާވަހަރު ނުވަތަ އަންބަރަކީ ގޮންމާމަސް (ނުވަތަ ސްޕާމް ވޭލް)ގެ ހަޖަމުކުރާ ނިޒާމުން އުފައްދައި ބޭރުކުރާ، އަދި އުށާ ވައްތަރު ގޮތެއް ހުންނަ، ހުޅުހިފަނިވި ގަނޑު މާއްދާއެކެވެ. މާވަހަރު އެކުލެވިގެންވާ އަސްލު މާއްދާ އުފެދެނީ، ފިތްދިޔައެއްގެ ގޮތުގައި ގޮންމާމަހުގެ ގޮހޮރުގަ އެވެ. ގޮންމާމަސް ނުވަތަ މާވަހަރު މަހަށް ކިޔާ އިލްމީ ނަމަކީ "ފިޒޭޓާ މެކްރޯސެފެލަސް" އެވެ. މިއީ ބޮޑުމަހުގެ އާއިލާއަށް ނިސްބަތްވާ މަހެކެވެ.

މާވަހަރު މަހުގެ ކާނާއަކީ މާކަލަމަރި (ނުވަތަ ޖަޔަންޓް ސްކުއިޑް) އާއި ބުޅިކަލަމަރި (ކޮލޯސަލް ސްކުއިޑް) އާއި ބޯވަ އާއިލާގެ އެހެން ވެސް ބާވަތްތަކާއި ބައެއް ބާވަތުގެ މަޑި އަދި މަހެވެ. އާންމުކޮށް މާވަހަރު ނުކުންނަނީ މާވަހަރު މަހުގެ މާގެފިއްޔާއެކުގަ އެވެ. އެހެން ނަމަވެސް ބޮޑެތި މާވަހަރަކީ މާވަހަރު މަހުގެ ހޮޑެވެ. ސައިންސްވެރީން ބުނާ ގޮތުގައި، މާވަހަރު އުފެދެނީ މާވަހަރުމަހަށް ކެވޭ ހަރު އަދި ތޫނު ތަކެތި، އެއިގެ ހަޖަމުކުރާ ނިޒާމުގެ ތެރެއިން ބޭރުކޮށްލުމަށް އެހީތެރިވެދޭ އޮލަ އަދި ތަތް މާއްދާއެއްގެ ގޮތުގަ އެވެ. އަދި ހޮޑުގެ ގޮތުގައި މާވަހަރު ބޭރުކޮށްލާއިރު، މާވަހަރުގެ ގޮށްގޮށުގައި ހުންނަ ނިޔަފަތިތައް ގޮމަނިޔަފަތިތަކަކީ މި ގޮތަށް ކެވޭ ތޫނު އަދި ހަރު މާއްދާތަކެވެ.

މާވަހަރު އެންމެ ގިނައިން ފެންނަނީ އެޓްލާންޓިކް މާކަނޑާއި ބްރެޒީލާއި މަޑަގަސްކަރަ އާއި ދިވެހިރާއްޖެ އާއި ސީނުކަރަ އާއި ޖަޕާނާއި އިންޑިޔާ އާއި އޮސްޓަރުލިޔާ އާއި ނިއުޒިލޭންޑާއި މަލައްކާ ޖަޒީރާގެ އައްސޭރި ފަށުންނެވެ. ދިވެހިރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ ގިނައިން މާވަހަރު ލައްގާ ރަށަކީ ތ. ކަޅުފަހަލަފުށި ކަމަށް ބުނެވެ އެވެ. މާވަހަރު ހޮވައި، މާވަހަރުގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރަނީ ބަހާމާސް ޖަޒީރާއިންނެވެ. އާންމުކޮށް މާވަހަރު ފެންނާނީ ކަނޑުމަތީގައި ފުޅަނދުވަމުން ދަނިކޮށެވެ. ނުވަތަ އައްސޭރި ފަށަށް ލައްގާފައިވަނިކޮށެވެ. ބައެއް ފަހަރު ބޮޑުމަހުގެ ބަނޑުތެރެއިން ވެސް މާވަހަރު ނެގޭމެއެވެ.

މާވަހަރު ހުންނަނީ ގަނޑުގަނޑުގެ ގޮތުގައި ތަފާތު ބައްޓަމަށް، އަދި ތަފާތު ސައިޒަށެވެ. މިހާތަނަށް 15 ގްރާމުން ފެށިގެން ގޮސް 50 ކިލޯގްރާމް އަދި އެޔަށް ވުރެ ބަރު މާވަހަރު ވެސް ދުނިޔޭގެ އެކި ހިސާބުތަކުގެ މީހުން ހޮވައިފައިވެއެވެ. މާވަހަރުމަހުން މާވަހަރު ބޭރުވާއިރު ހުންނާނީ މިލަ ހުދުކުލައެއްގައި ކަމަށް ވިޔަސް ބައެއް ފަހަރު ކަޅުކުލައިގެ ރޮނގުތަކެއް ވެސް ހުރޭމެއެވެ. ތާޒާ މާވަހަރު މަޑު ވާނެއެވެ. އެހެން ނަމަވެސް މާކަނޑުގައި ދަތުރުކުރަމުންދާއިރު ދުވަސްވަމުންދާ ވަރަކަށް، އިރުގެ އައްޔާއި އޮކްސިޖަންގެ ސަބަބުން ހަރުވެއެވެ. އަދި ގަދަ އަޅި ނުވަތަ ކަޅު ކުލަޔަށް ބަދަލުވެއެވެ. ތާޒާ މާވަހަރުގައި ވަރަށް ވަރުގަދަ މާގެފިލި ވަހެއް ހުންނާނެއެވެ. މާވަހަރު ދެނެގަތުމުގައި އެންމެ ބޮޑަށް ބަރޯސާވާން ޖެހެނީ ވެސް މާވަހަރުގެ ވަހަށެވެ.

މި ގޮތުން ތާޒާ މާވަހަރުގައި ހުންނާނީ ފަރުހަކި، މާގެފިލި ވަހެކެވެ. އެހެން ނަމަވެސް ގިނަ ދުވަސް ވާވަރަކަށް މާވަހަރުގެ ނުބައި ވަސް ކެނޑި، މީރު ބިމު ހުވަނދު ވަހަކަށް ބަދަލުވެއެވެ. އެހެން ނަމަވެސް ހުރިހާ މާވަހަރެއްގައި ދުވަނީ އެއް ވަހެއް ނޫނެވެ. ބައެއް މާވަހަރުގައި ބިމު ހުވަނދު ވަސް ދުވާއިރު، އަނެއް ބައި މާވަހަރުގައި ދުވާނީ މާގެފިލި ވަހެވެ. ބައެއް މާވަހަރުގައި ދުވާނީ ތެތް އަދި ފީ ލަކުޑި ވަހެވެ. މާވަހަރުގެ ފެންވަރުގެ ނިސްބަތުގައި މާވަހަރުގެ ވަސް ތަފާތުވާނެއެވެ. ތާޒާ (ކަޅުކުލައިގައި ހުންނަ އަދި ތަތްލަވާ) މާވަހަރު އަދި ފެންވަރުދަށް މާވަހަރުގައި ދުވާނީ ވަރަށް ވަރުގަދަ ނުބައި ވަހެކެވެ. ތެތް ގެރިގުއިގައި ދުވާ ޒާތުގެ ވަހެކެވެ. މިހެން މިކަން ހުރުމާ ވެސް އެކު ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ކޮންމެ މާވަހަރަކީ ވެސް ނަގާއިރު ވަރަށް ނުބައި ވަސް ދުވާ އެއްޗެކެވެ. އެހެން ނަމަވެސް ހަގީގަތަކީ މިއީއެއް ނޫނެވެ. އާންމު ގޮތެއްގައި ބަލާއިރު، ކުލަ އަލިކޮށް ހުންނަ މާވަހަރުގައި ދުވާނީ މީރު ވަހެވެ. ގިނަ ދުވަސް ވާ ވަރަކަށް މާވަހަރުގެ ދާނީ ފެންވަރު ރަނގަޅުވަމުންނެވެ. ހަމަ މިއާއެކު ކުރީން ދުވި ނުބައި ވަސް ދާނީ ކެނޑެމުންނެވެ. އަދި މީރު ވަސް ދާނީ ދުވަހެއް ދުވަހަށް ގަދަވަމުންނެވެ. ފެންވަރު ރަނގަޅު ހުދު މާވަހަރު ނުވަތަ ހުދަންބަރާއި ފެންވަރު ރަނގަޅު އަޅި މާވަހަރުގައި އާންމު ގޮތެއްގައި ހުންނާނީ ދެވިހިފާ ފަދަ މީރުވަހެކެވެ. މާވަހަރާ ބެހޭ ތަޖްރިބާކާރުން ބުނާ ގޮތުގައި މާވަހަރު ގިނަ ދުވަސްވާންދެން ފެނުގައި ބޭއްވުމަކީ މާވަހަރުގެ ފެންވަރު ދަށްވާކަމެކެވެ. މާވަހަރު އެންމެ ރަނގަޅީ ފެންހިއްކުމަށް ފަހު ސާފު ހުދު ފޮތިގަނޑެއްގެ ތެރޭގައި ބޭއްވުން ކަމަށް މިފަދަ ބޭފުޅުން ވިދާޅުވެއެވެ.

މާވަހަރުގެ އާންމުކޮށް ހުންނަނީ ހަތަރު ކުލައެވެ. އެއީ ހުދު، އަޅި، މުށި، އަދި ކަޅު ކުލައެވެ. ބައްޓަމަށް ބަލާއިރު، ފަތާކޮށް ވެސް، ކޮޑިކޮށް ވެސް، އަދި ވަށްކޮށް ވެސް މާވަހަރެއް އޮވެދާނެއެވެ. އާންމުކޮށް މާވަހަރު ހުންނަނީ މުޅީން ވަށް ނޫން ނަމަވެސް ވަށްގުޅައަށެވެ. ގޮނޑުދޮށުން ހޮވާ މާވަހަރު ގިނައިން ހުންނަނީ ބިސްބުރަށެވެ. މި ސިފަ ލިބެނީ ރާޅާ ތަޅަމުން، ގޭނެމުން އައުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ކަޅުކުލައިގައި ހުންނަ މާވަހަރު އާންމުކޮށް މަޑުވާނެއެވެ. އަދި ވިރޭ ތާރުގައި ހުންނަ ކަހަލަ ތަތްލަވާ ގޮތެއް ހުންނާނެއެވެ. އަދި ވަރަށް ގިނަ ފަހަރު ހަރުކޮށް އޮންނަ އިރު ވެސް އުށުގައި ހުންނަ ކަހަލަ ގޮތެއް ހުރެފައި ހުދު ފުށް ކަހަލަ ފަށަލައެއް ލެވިފައިވާނެއެވެ. އަދި ބައެއް ފަހަރު ހަރު ހިކި މަށިގަނޑެއް ފަދައިން ވެސް މާވަހަރެއް އޮވެދާނެއެވެ.

62 ޑިގްރީގެ ހޫނުމިނުގައި، މާވަހަރު ރީނދޫ ކުލައިގެ ސަރުބީއަކަށް ބަދަލުވެއެވެ. އަދި 100 ޑިގްރީގެ ހޫނުމިނުގައި ހުދުކުލައިގެ އާތްވަކަށް ބަދަލުވެގެންދެއެވެ. މާވަހަރަކީ ފެނާއެކުވެ ގިރިނިމޭ އެއްޗަކަށް ނުވިޔަސް، އީތަރއާ އެކުވެ މާވަހަރު ގިރިނިމިގެންދެއެވެ.

މާވަހަރު ދެނެގަތުމުގައި ތިމާގެ ތަޖްރިބާއަކީ ވަރަށް މުހިންމު އެއްޗެކެވެ. މާވަހަރެއް ކަހަލަ އެއްޗެއް ފެނިއްޖެ ނަމަ، އެއީ މާވަހަރަކާ ގާތްކުރާ އެއްޗެއްތޯ އަމިއްލައަށް ވެސް ބެލިދާނެއެވެ. އެހެން ނަމަވެސް މިހެން ބަލާބެލުމުން އެކަނި އެއީ މާވަހަރެއް ކަން މުޅީން ޔަގީން ނުކުރެވިދާނެއެވެ. މާވަހަރެއްތޯ ޔަގީންކުރުމަށް ތިނޯހެއް އަލިފާނުން ދޮންކުރުމަށް ފަހު، އޭތީގައި ޖެއްސުމުން، އެ ހޫނު ތިނޯސް ޖެހޭ ތަން ވިރޭނެއެވެ. މި ގޮތުން ވިރިގެންދާ އޮލަ ތެޔޮ ދިޔައަށް ކަޅުކުލަ ނުވަތަ ރީނދޫ ކުލަ އަރާނެއެވެ. އަދި ގޮމަކަސްތޫރީގެ ވަސް ފަދަ މީރުވަހެއް ދުވާ ހުދު އާތްވަކަށް ބަދަލުވެގެން އަރައިގެންދާނެއެވެ.

އިރުމަތީގެ ގައުމުތަކުގައި މާވަހަރު ބޭނުންކުރަނީ ބޭހެއްގެ ގޮތުގައެވެ. ހާއްސަކޮށް، ފިރިހެނުންނަށް ޖިސްމާނީ ގޮތުން ކުރިމަތިވާ ބައެއް ކަހަލަ ބަލިކަށިކަމަށް ފަރުވާ ކުރުމުގައި މާވަހަރު ބޭނުންކުރެއެވެ. ހުޅަނގުގެ ގައުމުތަކުގައި އާންމުކޮށް މާވަހަރު ބޭނުންކުރަނީ މޮޅު ހުވަނދު ތައްޔާރުކުރުމުގައި އޭގެ ވަހުގެ ތަރާދު ހިފެހެއްޓުމަށެވެ. ހުވަނދު ނުވަތަ ސެންޓާއި އަތަރު އުފެއްދުމުގައި މިހާރު މާވަހަރުގެ ބަދަލުގައި މަސްނޫއީ މާއްދާތައް ބޭނުންކުރި ނަމަވެސް އަދިވެސް މޮޅު އަތަރާއި މޮޅު ހުވަނދު އުފެއްދުމުގައި ބޭނުންކުރާ އެންމެ މުހިންމު އެއް މާއްދާއަކީ މާވަހަރެވެ. އެހެންކަމުން މާވަހަރު ވެފައި ވަނީ ވަރަށް ވެސް އަގު ބޮޑު ގުދުރަތީ ހަދިޔާއަކަށެވެ.