13 Aug 2010, 09:24
14:24
ހިޔާލު އެއްގޮތްވާ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން އަދާލަތު ޕާޓީ އާއި ޑީއާރްޕީއާ މެދުގައި މަޝްވަރާކޮށްފައިވާ ކަމަށް ޑީއާރްޕީން ބުނެފި އެވެ.
ޑީއާރްޕީގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްރަޝީދު ނާޒިފް ވިދާޅުވީ، އާދަލަތު ޕާޓީގެ އޮފީހުގައި ޑީއާރްޕީ އާއި އަދާލަތު ޕާޓީގެ އިސްވެރިންގެ ބައްދަލުވުމެއް އިއްޔެ މެންދުރު ބާއްވާފައިވާ ކަމަށެވެ. އެއްގަޑިއިރަށް ކުރިއަށްދިޔަ އެ ބައްދަލުވުމުގައި އަދާލަތު ޕާޓީގެ ފަރާތުން އެ ޕާޓީގެ ރައީސް އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ އާއި މިނިސްޓަރު އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒް އައްޝައިޚް މުޙައްމަދު ޝަހީމު އަލީ ސައީދު ބައިވެރިވެޑައިގެންނެވި ކަމަށް ނާފިޒު ވިދާޅުވި އެވެ. އަދި ޑީއާރްޕީގެ ފަރާތުން އެޕާޓީގެ ލީޑަރު އަހްމަދު ތަސްމީން އަލީގެ އިތުރުން ދެ ޑެޕިއުޓީ ލީޑަރުން ކަމުގައިވާ ޢަލީ ވަޙީދާއި އިލްހާމު އަޙްމަދު ވެސް ބައިވެރިވެވޑައިގެންނެވި ކަމަށް ނާފިޒް ވިދާޅުވި އެވެ.
ނާފިޒް ވިދާޅުވި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އެ ބޭފުޅުން ވާހަކަ ދައްކަވާފައި ވަނީ ފާއިތުވި ދުވަސްތަކުގައި ސަރުކާރާ އިދިކޮޅު ޕާޓީތަކާ ދެމެދު ކުރިއަށްދިޔަ ސުލްހައިގެ ވާހަކަތަކާ ގުޅޭ ގޮތުން. އަދި ކުރިއަށް އޮތް ތަނުގައި ދެ ޕާޓީގެ ހިޔާލު އެއްގޮތްވާ ކަންކަމުގައި މަޝްވަރާކޮށް، މަސައްކަތްކުރުމާ ގުޅޭ ގޮތުން ވެސް އެ ބޭފުޅުން ވާހަކަ ދެއްކެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ބައްދަލުވުމާ ގުޅޭ ގޮތުން އަދާލަތު ޕާޓީގެ ވެބްސައިޓުގައި ބުނެފައި ވަނީ، ސިޔާސީ ހުރިހާ ޕާޓީތަކެއްގެ މެދުގައި އެކުވެރިކަމާ އެކު މަސައްކަތް ކުރުމުގެ މުހިއްމު ކަމުގެ މައްޗަށް އެ ބައްދަލުވުމުގައި ވާހަކަ ދެކެވުނު ކަމަށެވެ. އަދި ޑީއާރުޕީ އަކީ އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށް ވެފައި މަޖިލީހުގައި ތަމްސީލުވަމުންދާއިރު ޤައުމަށް އެންމެ ފައިދާ ހުރި ގޮތްތަކަށް ބުރަވުމާއެކު މަޖިލީހުގެ މަސައްކަތްތައް ގެންދިއުމަކީ އެންމެ މޮޅުގޮތް ކަމުގައި އަދާލަތުން ހުށަހެޅި ކަމަށް ވެސް ބުނެފައިވެ އެވެ.
ޢަދާލަތު ޕާޓީގެ މި ބައްދަލުވުމަކީ ޤައުމުގައި ޞުލްޙަ މަސަލަސްކަން ގާއިމުކުރުމަށް މަސައްކަތްކުރުމުގެ ނިޔަތުގައި ސިޔާސީ ޕާޓީތަކުގެ މެދުގައި ބާއްވަމުން ގެންދާ ބައްދަލުވުންތަކުގެ ތެރެއިން އެއް ބައްދަލުވުން ކަމަށްވެސް އެ ޕާޓީން ބުނެ އެވެ.