ރައްޔިތުންގެ މަޖިލީހަށް ހޮވަންވާނީ އަމިއްލަ ޕާޓީގެ މަސްލަހަތާއި، އާއިލީ މަސްލަހަތު އިސްކުރާ ކެންޑީޑޭޓެއްގެ ބަދަލުގައި، ގައުމާއި ރަށާއި ދާއިރާގެ ތަރައްގީ އިސްކުރާ ކެންޑީޑޭޓަކު ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިހާރު ށ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ކަނޑިތީމަށް ވަޑައިގެން އެ ރަށުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަޖިލީހަކީ ސަރުކާރުން ބޭނުންވާ ކަންކަން ފަހިކޮށްދޭ މަޖިލީހަކަށް ވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ށ. ކަނޑިތީމަށް ވަޑައިގަތުން -- ސަން ފޮޓޯ/ މޫސާ ނަދީމް

އެ ފަދަ މަޖިލީހެއް ހޮވައިދިނުމަކީ ރައްޔިތުންގެ އަތްމައްޗަށް ލިބޭ ބާރެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުން އެ ކަމާ މެދު ވިސްނައި، އެ ފަދަ ނިންމުމެއް ނިންމުން މުހިންމު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"ވިސްނައިވަޑައިގެން މި މުހިންމު މަސައްކަތްތައް ކުރެވޭނެ ގޮތަށް މަޖިލީހަށް މެމްބަރުން ހޮއްވަވައިދެއްވުމަށް،" ރައީސް ވިދާޅުވިއެވެ.

ރަައީސް ވިދާޅުވީ ތަރައްގީވެފައިވާ އެހެން ގިނަ ގައުމުތަކުގައި އެހެން ޕާޓީތަކުގެ މެމްބަރުން މަޖިލީހުގައި ތިބި ނަމަވެސް ގައުމަށް ތަރައްގީ ލިބޭނަމަ ސަރުކާރަށް އެއްބާރުލުންދޭ ކަމަށެވެ.

ނަމަވެސް ރާއްޖޭގައި އެ ހާލަތު ތަފާތުކަމަށާއި، އަދި އެ ފަދަ ނިޒާމެއް އޮތުމާ ގާތަށް ވެސް ނުދާކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގައި އަދި އެ ހިސާބާ ގާތަށް ވެސް ނުދޭ. މާ ބޮޑަށް ސިޔާސީވެފައި މި އޮންނަނީ. ޕާޓީ ލައިނުން، އަދި އަމުުދުން މިހާރުގެ އިދިކޮޅު ޕާޓީ ވަރަށް ބޮޑަށް ޕާޓީ ލައިން ނަގަނީ ކަންކަމުގައި. ތަރައްގީގެ ވިސްނުމެއް ނޫން، ގައުމަށް ފައިދާހުރި ކަންކަމެއް ނޫން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ ތިން މަސްދުވަހުން ވެސް އެ ކަން ހާމަވާ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ށ. ކަނޑިތީމުގައި -- ސަން ފޮޓޯ/ މޫސާ ނަދީމް

އެހެންކަމުން މެމްބަރުން އިންތިޚާބުކުރާއިރު، ކުރަންވީ އާއިލީ މަސްލަހަތާއި ޕާޓީގެ މަސްލަހަތަށްވުރެ ގައުމާއި ދާއިރާގެ ތަރައްގީ އިސްކުރާ މެމްބަރުންކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރު ރައީސް އަތޮޅު ތެރެއަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި ކޮންމެ ރަށެއްގައި ވެސް އަންނަނީ ސަރުކާރަށް ތާއީދުކުރާ މެމްބަރުން ހޮވުމަށް ރައްޔިތުން ގާތު އެދިވަޑައިގަންނަވަމުންނެވެ.

އެއީ ތަރައްގީ ބޭނުންނަމަ ކުރުން އެންމެ މުހިންމު އެއް ކަންތައްކަމަށް ރައީސް ފާހަގަކުރައްވައެވެ.

އަންނަ މަހުގެ 17ވަނަ ދުވަހު އިންތިޚާބު ބާއްވާއިރު، މިހާރު ޕާޓީތަކުން ވަނީ ކެމްޕޭން މަސައްކަތް ފަށައިފައެވެ.