02 Jun 2012, 21:07
ބަނޑޮސް އައިލެންޑް ރިސޯޓްގައި މިއަދު ނިމުނު ތިން ދުވަހުގެ ވާހަކަތަކުން ނުކުތް ނަތީޖާއަކީ "މިވަގުތައް ކަންތައްވާނެ ގޮތް" ކަމަށް ވިލަރެސްވެރިޔާ އަހުމަދު މުޖުތަބާ މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެރޭން ފެށިގެން މިއަދުގެ ނިޔަލަށް ބަޑޮހުގައި ބޭއްވި މަޝްވަރާތަކަށް ފަހު މާލެ ވަޑައިގަތުމުން ސަން އޮންލައިން އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މުޖުތަބާ މިއަދު ވިދާޅުވީ ވާހަކަތަކުގެ ނަތީޖާއަށް ބަލާއިރު އެއީ "މި ވަގުތައް ކަންތައްވާނެ ގޮތް" ކަމަށެވެ. އެއީ ކާމިޔާބު ވާހަކަތަކެއްކަމެއްވެސް ނުވަތަ ނޫންކަމެއްވެސް ވިދާޅެއްނުވެ އެވެ.
މުޖުތަބާ ވިދާޅުވީ ވާހަކަތަކުން އެދެވޭ ނަތީޖާއެއް ނުނެރެވުނީ އެފަދަ ކަމެއްގައި ވާހަކަ ދައްކަންޖެހޭ ވަރަށް އަދިވެސް ވާހަކަ ނުދެކެވޭތީ ކަމަށެވެ.
މަޝްވަރާތަކުގައި ޖުމްލަ 15 ގަޑިއިރު ޕާޓީތަކުން ހޭދަކުރެއްވި ނަމަވެސް މަޝްވަރާކުރެވުނީ އެޖެންޑާގެ ފުރަތަމަ މައްސަލަ، ރާއްޖޭގައި ހިނގާ ހަމަނުޖެހުންތައް ހައްލުކުރުމާމެދު އެވެ. އެކަމުގައި އެއްބަސްވުމަކަށް ނާދެވުނެވެ.
މުޖުތަބާ ވިދާޅުވީ ވާހަކަތައް އަލުން ފަށާނީ ޕާޓީތަކާ އެކު މަޝްވަރާކުރެއްވުމަށް ފަހު ޕާޓީތަކަށްވެސް ފަސޭހަވަގުތެއްގައި ކަމަށެވެ. ޕާޓީތަކުން ވަނީ އަލުން މަޝްވަރާތައް ބޭއްވުމަށް މިއަދު އެއްބަސްވެފަ އެވެ. މުޖުތަބާ ވިދާޅުވީ ދެން ބާއްވާ ބައްދަލުވުމެއްގައިވެސް އޮންނާނީ ސިޔާސީ ހަމަނުޖެހުންތައް ހައްލުކުރުމާމެދު މަޝްވަރާކުރުން ކަމަށެވެ.