އިންޑިއާގެ މަޝްހޫރު ޣަޒަލް ލަވަކިޔުންތެރިޔާ ޕަންކަޖް އުދާސް އިއްޔެގެ ވަގުތެއްގައި މަރުވެއްޖެއެވެ.

ޢުމުރުން 72 އަހަރުގެ ލަވަކިޔުންތެރިޔާ މަރުވެފައިވާކަން އާއިލާގެ ފަރާތުން އަންހެން ދަރިފުޅު ނަޔާބު އުދާސް އިއުލާނުކޮށްފައި ވަނީ އިންސްޓަގްރާމް މެދުވެރިކޮށެވެ.

ޕަންކަޖު މަރުވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށް ފަހު ކަމަށް އާއިލާއިން ބުނި ނަމަވެސް ޕަންކަޖުގެ ޒަމާންވީ ރަޙްމަތްތެރިޔާ އަނުޕް ޖަލޯޓާ މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ލަވަކިޔުންތެރިޔާ ވަނީ ޕެންކްރީޓިކް ކެންސަރަށް ފަރުވާ ހޯދާފައި ކަމަށެވެ.

ނުވަދިހައިގެ ތެރޭ ބޮޑު މަގުބޫލުކަމެއް ހޯދި ލަވަކިޔުންތެރިޔާ އައީ ވޭތުވެދިޔަ ހަ ވަރަކަށް މަސް ދުވަސްތެރޭ އެ ބައްޔަށް ފަރުވާ ހޯދަމުން ކަމަށް ލަވަކިޔުންތެރިޔާ އަނުޕް ޖަލޯޓާ ވަނީ ބުނެފައެވެ. އިންޑިއާގެ ގުޖްރާތަށް ނިސްބަތްވާ ޕަންކަޖް އަކީ ވަރަށް ހިތްގައިމު ޣަޒަލްތަކެއް އުފައްދާފައިވާ ލަވަކިޔުންތެރިއެކެވެ. އިންޑިއާގެ އިތުރުން ބޭރު ޤައުމުތަކުގެ ގިނަ ބައެއްގެ މެދުގައި ޕަންކަޖްގެ އަޑުން ކިޔާފައިވާ ޣަޒަލްތަކަށް ބޮޑު މަގުބޫލުކަމެއް ލިބުނުއިރު ލަވަކިޔުންތެރިޔާ ވަނީ ބޭރު ޤައުމުތަކުގައި އަމިއްލަ ކޮންސެޓް ވެސް ބާއްވާފައެވެ.

ލަވަކިޔުމުގައި ޕަންކަޖްގެ ލަވަތަކަކީ މަޑުމައިތިރި ސާދާ އެހުންތެރިން އަޑު އަހާލަން ފަސޭހަ މިއުޒިކަކަށްވުމުން އޭނާގެ އަޑުގެ ޖާދޫގައި ގިނަ ބަޔަކު ވަނީ ޖެހިފައެވެ.

ޕަންކަޖް އުދާސް ޕަދްމާޝްރީ އެވޯޑާ ހަވާލުވާ މަންޒަރުގެ ފޮޓޯއެއް-- ފޮޓޯ/އިންޓަނެޓް

ޕަންކަޖު ފިލްމުތަކަށް ކިޔާދީފައިވާ މަޝްހޫރު ލަވަތަކުގެ ތެރޭ ފިލްމު "ސާޖަން"ގެ 'ޖިޔޭތޯ ޖިޔޭ' ހިމެނެއެވެ. އަމިއްލަ ގިނަ އަލްބަމްތަކެއް ނެރުނު ޕަންކަޖް އެންމެ ފަހުން ބާޒާރަށް ނެރުނު އަލްބަމަކީ 2018ވަނަ އަހަރު ނެރުނު "ނަޔާބް ލަމްހޭ ވިތު ގުލްޒާރު"ގެ ނަމުގައި ރިލީޒްކުރި އަލްބަމެކެވެ.

ޕަންކަޖް މިއުޒިކީ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތް އަގު ވަޒަން ކުރުމުގެ ގޮތުން 2006 ވަނަ އަހަރު އިންޑިއާގެ ސަރުކާރުން ވަނީ ޕަދްމާޝްރީގެ ޝަރަފް ވެސް އަރުވައިފައެވެ.