02 Jun 2012, 18:56
އުސްފަސްގަނޑު ރޫޅާލަންޖެހިއްޖެ ހާލަތެއްގައި ރޫޅާލަން ކޯޓު އަމުރެއް ހޯދަން ނުވިސްނާ ކަމަށް ފުލުހުން ބުނެފި އެވެ.
އެމްޑީޕީން ކޭމްޕް ޖަހައިގެން އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގަމުން ދިޔަ އުސްފަސްގަނޑު ރޫޅާލަން މިދިޔަ އަންގާރަ ދުވަހު ފުލުހުން ދިޔަ މައްސަލައާއި ގުޅޭގޮތުން މީޑިޔާއަށް މައުލޫމާތު ދެއްވަމުން ސްޕެޝަލިސްޓް ކޮމާންޑްގެ ޑެޕިއުޓީ ހެޑް، މުހައްމަދު ރިޔާޒް ވިދާޅުވީ އާންމުތަނެއްގައި ކުރާ ޖިނާއީ ކުށެއް، ފުލުހުން ގޮސް ހުއްޓުވަން ކޯޓު އަމުރެއް ބޭނުންނުވާ ކަމަށެވެ. އަދި އާންމުތަނެއްގައި ޖިނާއީ ކުށެއް ކުރާ ކަމުގައި ވަނީނަމަ އެތަނެއް ފާސްކޮށް އެކަމެއް ހުއްޓުވުމުގެ ބާރު ގާނޫނުން ފުލުހުންނަށް ލިބިދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ އުސްފަސްގަނޑު ސަރަހައްދު ރޫޅާލަން ކޯޓު އަމުރެއް ބޭނުންނުވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެތަން ރޫޅާލާއިރު ކޯޓު އަމުރެއް ހޯދަން ގަސްތުކޮށްފައިނުވާ ކަމަށެވެ.
"ކޯޓު އަމުރެއްގެ ދަށަކުން ނޫން ކުރިން ވެސް އަޅުގަނޑުމެން އެސަރަހައްދު (އުސްފަސްގަނޑު) ރޫޅާލަން ނިންމީ އަކީ އެއް. އަދި ކުރިއަށް އޮތް ތާންގާއި ރޫޅާލަން ވެސް ގަސްތުކޮށްފަ އެއްނެތް ކޯޓު އަމުރެއް ހޯދާކަށް،" ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އުސްފަސްގަނޑު ބަލާ ފާސްކުރަން ކޯޓު އަމުރު ނެގީ އެތަނުގެ ޚާއްސަ ހާލަތައް ބެލުމަށްފަހު އެންމެ މަސްލަހަތުބޮޑު ރަނގަޅުގޮތަކީ ކޯޓު އަމުރެއް ނަގައިގެން އެކަން ކުރުން ކަމަށް ބަލާފައި ކަމަށެވެ. އަދި އެއީ އާންމު ތަނަކަށް ވާތީ ކޯޓު އަމުރަކާ ނުލައި ވެސް އެކަން ކުރެވެން އޮތް ކަމަށް ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ އުސްފަސްގަނޑު މައްސަލަ ކޯޓުގައި އޮތް ނަމަވެސް ފުލުހުންނަށް އަދިވެސް ކޯޓުއަމުރަކާ ނުލައި އުސްފަސްގަނޑަށް އެރުމުގެ ފުރުސަތު ގެއްލިފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލައިގައި ފުލުހުން ގޮތެއް ނިންމާނީ އިތުރަށް ވިސްނުމަށް ފަހު ކަމަށެވެ.
އުސްފަސްގަނޑު ރޫޅާލުމުގައި ބަލާނީ އެ ތަނުގައި ހިންގާ ޖިނާއީ ކުށްތަކަށާއި އެ ސަރަހައްދު ބޭނުންކުރާ އެހެން މީހުންނަށް އެ ތަނުގައި ތިބޭ މީހުން އަޅާ ހުރަސްތަކަށް ކަމަށްވެސް ރިޔާޒް ވިދާޅުވި އެވެ. އަދި އެކަން އެގޮތަށް ނިންމީ އެ ތަނުގެ މައްސަލަ ސިވިލްކޯޓަށް ހުށަހަޅާފައިވާތީ އާއި ކޯޓުން ވަގުތީ އަމުރެއް ނެރެފައިވާތީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އުސްފަސްގަނޑު ސަރަހައްދަކީ ގާނޫނު ހިނގާ ސަރަހައްދެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި ފުލުހުންނަކީ ގާނޫނު ނަގަހައްޓަން ތިބޭ ބަޔަކަށްވެފައި ގާނޫނާއި ޚިލާފަށް ގާނޫނު ނުހިނގާ ގޮތަކަށް އެއްވެސް ކަމެއް ނުހިނގާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
" ކޮންމެ ބަޔަކު ކޮންމެ ތަނެއްގައި ތިބި ކަމުގައި ވިޔަސް އެބަޔަކު ކުރާ ކަމަކީ ގާނޫނީ އިމުގެ ތެރެއިން ކުރާ ކަމެއްތޯ ކަށަވަރު ކުރުމަށް ބަލަންޖެހިއްޖެ ހާލަތެއްގައި ފުލުހުން އެ ސަރަހައްދަށް ދާނެ. ދާނަން،" ރިޔާޒު ވިދާޅުވި އެވެ.
އުސްފަސްގަނޑަށް ފުލުހުން ދިއުމާ ގުޅިގެން އެމްޑީޕީން އެދުވަހު ކުރި މުޒާހަރާގައި ފުލުހުން އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ދައްކާ ވާހަކަތަކަށް ރައްދުދެއްވާ ރިޔާޒު ވިދާޅުވީ އެދުވަހުގެ މުޒާހަރާ ރޫޅާލުމުގައި ގާނޫނާ ޚިލާފަށް ބާރުގެ ބޭނުންކޮށްފައިނުވާނެ ކަމަށެވެ. އަދި މުޒާހަރާ ރޫޅާލުމުގައި އެކި ހާލަތްތަކުގައި ބާރުގެ ބޭނުންކުރަނީ އެހާލަތަކަށް ބެލުމަށްފަހު ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ. ރިޔާޒު ވިދާޅުވީ ވަކި މީހަކަށް އަމާޒުކޮށް ވަކި މީހެއް ހައްޔަރުކުރަން ފުލުހުން މަސައްކަތްކޮށްފައިނުވާނެ ކަމަށާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ އެއްވެސް ކަމެއް ފުލުހުން ނުކުރާނެ ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން އުސްފަސްގަނޑަށް އެރި ދުވަހު ހޯދާފައިވާ ތަކެއްތީގެ ފޮޓޯ އާއި އުސްފަސްގަނޑުގައި ސިހުރު ހާހޫރަ ހަދާ ކަމަށް ތުހުމަތު ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ތަކެއް ވަނީ ދައްކާލާފަ އެވެ. އަދި ސިފައިންގެ ޕެރޭޑެއް މަގުމަތީގައި ކުރިއަށް ދިޔަވަގުތު އުސްފަސްގަނޑު ސަރަހައްދުން ސިފައިންނަށް ހުރަސް އަޅާ ހަޑިހުތުރު ބަހުން އެއްޗެހި ކިޔާ މަންޒަރު ފެންނަ ވީޑިއޯ އެއްވެސް ވަނީ ދައްކާލާފަ އެވެ. އެ ވީޑިއޯގައި އަންހެނުންނާ ފިރިހެނުން ސިފައިންގެ ޕެރޭޑް ކުރިމައްޗަށް އަރާ އެމީހުންނާ ދިމާލަށް އިނގިލިދިއްކޮށް ހަޅޭލަވާ މަންޒަރު ފެނެ އެވެ.
އުސްފަސްގަނޑުން ފުލުހުން ހޯދި ބައެއް ތަކެތީގެ ފޮޓޯ މިއަދު ދައްކާލިއިރު، ސިހުރު ހެދުމަށް ބޭނުންކުރާ ކަމަށް ތުހުމަތު ކުރާ ބައެއް އާލާތްތައް ފޮޓޯތަކުން ފެނެ އެވެ. އަދި މުޒާހަރާއެއްގެ ތެރެއިން ފުލުހުންނާ ދިމާލަށް އެއްލާލި ހާލެއްގެ ފައިގައި އަޅުވާފައި ހުރި ތަވީދު ފާޑެއްގެ އެއްޗެއްގައި އަރަބިން ފަންޑިތަ ގޮތަށް އެއްޗެއްހި ތަކެއް ލިޔެފައި ހުރި ފޮޓޯ ތަކެއް ވެސް ދައްކާލި އެވެ.
ރިޔާޒު ވިދާޅުވީ އުސްފަސްގަނޑާ ގުޅިގެން އާންމު ފަރާތްތަކުން ވަރަށް ގިނަ ޝަކުވާ ހުށަހަޅާފައި ހުރި ކަމަށާއި އޭގެ ތެރެއިން ބައެއް މައްސަލަތައް ފައިލްކޮށް ބަލަމުން އަންނަ ކަމަށެވެ.
އޭގެތެރޭ ސިހުރު ހާހުރަ ހަދާ މައްސަލައާއި ސިފައިންގެ ބަޑިޖެހުމުގެ ހަރަކާތެއް މާލޭގައި ކުރިއަށް ދަނިކޮށް ހުރަސް އެޅި މައްސަލައާއި ސިފައިންގެ ވެހިކަލެއް ދުއްވާފައިދަނިކޮށް އޭގެ ކުރިމައްޗަށް އަރާ ހުރަސްއެޅި މައްސަލަ އެއް ބަލަމުން އަންނަ ކަމަށް ރިޔާޒު ވިދާޅުވި އެވެ. އޭގެ އިތުރުން ވެސް އުސްފަސްގަނޑު ސަރަހައްދުން ބައެއް މީހުން ހުއްޓުވާ ހަމަލަދޭ މައްސަލައާއި ވީޓީވީގެ ރިޕޯޓަރުންތަކަކަށް ހަމަލަދިން މައްސަލައެއްވެސް ބަލަމުން އަންނަ ކަމަށް ރިޔާޒު ވިދާޅުވި އެވެ.