އެމްޑީޕީގެ ޓިކެޓުގައި ކުރިއަށް އޮތް 20ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ ކެންޑިޑޭޓުންނަށް ގޮނޑި ކާމިޔާބު ވެއްޖެ ނަމަ، ދައުރު ނިމެންދެން އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ހުންނާނެ ކަމަށް ހުރިހާ ކެންޑިޑޭޓުން ﷲ ގަންދީ މިރޭ ހުވާކޮށްފިއެވެ.

އެމްޑީޕީގެ ކެންޑިޑޭޓުން ހުވާ ކޮށްފައި ވަނީ، އެމްޑީޕީގެ މަޖިލިސް ކެމްޕެއިން "މިސްރާބު ހަމަމަގަށް" ލޯންޗު ކުރުމަށް މިރޭ އުސްފަސްގަނޑުގައި ބޭއްވި ޖަލްސާގައެވެ. މި ހުވާ ކެންޑިޑޭޓުންނަށް ލައިދީފައި ވަނީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލެވެ.

ކެންޑިޑޭޓުންގެ އިގުރާރުގައި ދައުރު ނިމެންދެން ޕާޓީގައި ދެމިހުރުމުގެ އިތުރުން، ޕާޓީގެ އަސާސީ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށާއި ޕާޓީގެ އުސޫލުތަކާއި ނިންމުންތަކަށާއި ޕާލިމަންޓްރީ ގްރޫޕުގެ ހިންގާ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް ވެސް ބަޔާންކޮށްފައިވެއެވެ.

އެމްޑީޕީން މިހިނގާ 19ވަނަ މަޖިލީހުގައި 65 ގޮނޑި ކާމިޔާބު ކުރިއެވެ. ނަމަވެސް އޭގެތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ މެމްބަރުންތަކެއް އެ ޕާޓީން ވަކިވެ، އާ ޕާޓީއެއް އުފެއްދިއެވެ. އަދި 13 މެމްބަރުން ނިމިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ޕީއެންސީއަށް ސޮއި ކުރިއެވެ.

އެއާއެކު މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރާ މެމްބަރުންގެ އަދަދު 41އަށް މަދުވިއެވެ. އަދި 16 މެމްބަރުންނާ އެކު ޕީއެންސީ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ބަދަލުވިއެވެ.