ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިޚާބު ރޯދަ މަހު ނުބޭއްވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެނައި ބަދަލު ތަސްދީގުނުކުރާން ނިންމައި، އެ ބިލު އަނބުރާ މަޖިލީހަށް ފޮނުވައިލީ އިންތިޚާބުތަކުގެ ތާރީޚު ބަދަލުކުރާނަމަ އިތުބާރު ގެއްލޭނެތީ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް އިންތިޚާބުތަކައިބެހޭ އާންމު ގާނޫނަށް އިސްލާހު ގެނެސް، އެ ބިލު ތަސްދީގުކުރަން އޮތީ ފޮނުވައިފައެވެ. އިދިކޮޅު އެމްޑީޕީން ހުށަހަޅައިގެން ގެނައި ބަދަލު ތަސްދީގުނުކޮށް، އަނބުރާ މަޖިލީހަށް ފޮނުވައިލަން މިއަދު ވަނީ ނިންމައިފައެވެ.

އެ ނިންމުމާ ގުޅިގެން ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، އެ ބިލު އަނބުރާ މަޖިލީހަށް ފޮނުވައިލަން ނިންމީ މައިގަނޑު ފަސް ނުކުތާއެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެއީ:

  • މިހާރު ބިލް އޮތްގޮތުން ވޯޓުދޭ މީހުންގެ ލިސްޓް ގެޒެޓްކުރާއިރު ހުރިހާ ރައްޔިތުންގެ އައިޑީކާޑު ނަންބަރު އާއްމުކުރަން އޮތުން. މިއީ ކޮންމެހެން އާންމުކުރަން ނުޖެހޭ ވަރަށް ބޮޑު ޒާތީ މައުލޫމާތެއް

  • އިލެކްޝަންސް ކޮމިޝަނުން ކަނޑަޅާ "ފޯކަލް ޕޮއިންޓް" ތަކަކަށް ބޮޑެތި ޒިންމާތަކެއް މަތިކޮށްފައިވީއިރު، އެ ފޯކަލްޕޮއިންޓަކީ ކިހިނެއް އައްޔަންކުރާ ކާކުކަންފަދަ އެއްވެސް ތަފުސީލެއް ބިލުގައި ބަޔާންވެފައި ނެތުން
  • ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ށ) ގައި، މިހާރު އޮތް މަޖިލީހުގެ އުމުރު ހަމަވުމުގެ 30 ދުވަސްކުރީން އައު މަޖިލީހުގެ އިންތިޚާބުގެ ހުރިހާކަމެއް ނިންމަން ބުނޭ. ނަމަވެސް މި ބިލުގައިވާގޮތަށް އިންތިޚާބު ބާއްވާ ނަމަ ޤާނޫނުއަސާސީގައި ކަނޑައަޅާފައި އެވާ މުއްދަތުގެ ކުރިން އިންތިޚާބުގެ ހުރިހާ ކަންކަން ނިމާނުލެވުމުގެ އިހްތިމާލު އޮތުމުން އެފަދަ ބިލުގައިވާ ގޮތަށް ކަނޑައެޅުމަކީ ޤަނޫނުއަސާސީއާ ޚިލާފުވާނޭ ކަމެއްކަމަށްވުން
  • ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި މަޖިލީސް މެންބަރުން ޤައުމުގެ މަޞްލަޙަތާ އެއްގޮތަށް ކަންކަންކުރަން ބުނޭ. ނަމަވެސް އިންތިޚާބުގެ ތާރީޚަށް ބަދަލު ގެންނަނީ މަޖިލީހުގެ ބައެއް މެންބަރުން އިންތިޚާބުގައި ވާދަކުރާތީ އަމިއްލަ މަޞްލަޙަތަކަށްކަމަށް ބެލުމުގެ ފުރުޞަތު އެބައޮތް
  • އިންތިޚާބާ ބެހޭ ޤާނޫނާ މިގޮތަށް ކުޅެ އިންތިޚާބު ބާއްވާ ތާރީޚު ބަދަލުކުރުމަކީ އިންތިޚާބާމެދު އޮތް އިތުބާރު ގެއްލޭނެކަމެއް

ސަރުކާރުން ބުނީ އެ ފަސް ކަމުގެ މައްޗަށް އެ ބިލު ތަސްދީގުނުކުރާން ނިންމީ ކަމަށެވެ. އެހެންވެ، އެ ބިލު މިހާރު ވަނީ އަނބުރާ މަޖިލީހަށް ފޮނުވާލައިފައެވެ.

ކުރިއަށް އޮތް 20 ވަނަ މަޖިލީސް އިންތިޚާބު ބާއްވަން ނިންމާފައި އޮތީ ރޯދަ މަހާ ދިމައިވާ ގޮތަށް މި އަންނަ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ.

އެކަމަކު، އިންތިޚާބު ރޯދަ މަހާ ދިމާވާތީ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ. އެހެންވެ، އެމްޑީޕީގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ ރޯދަ މަސް ނިމި 10 ދުވަސް ފަހުން، އިންތިޚާބުތައް ބޭއްވޭ ގޮތަށް އިންތިޚާބުތަކައިބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށެވެ.

އެ އިސްލާހު ގެނެސް، ތަސްދީގުކުރަން ރައީސް އޮފީހަށް ފޮނުވީ މި މަހު 12 ގައެވެ.

އެ އިސްލާހު ތަސްދީގުކުރުން ލަސްވާތީ ވެސް މިދިޔަ ހަފުތާގައި ވަނީ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފައެވެ.

މީގެ ކުރިން، މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ބިލު އަނބުރާ ފޮނުވާލައިފި ނަމަ، ސާފު އަޣުލަބިއްޔަތު ދެވަނަ ފަހަރަށް ބިލް ފާސްކޮށް ތަސްދީގުކުރާނެ ކަމަށް ވިދާޅުވެފައެވެ.