26 Feb 2024, 15:25
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިޚާބު ރޯދަ މަހު ނުބޭއްވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެނައި ބަދަލު ތަސްދީގުނުކުރާން ނިންމަވައި، އެ ބިލު އަނބުރާ މަޖިލީހަށް މިއަދު ފޮނުވާލައިފިއެވެ.
ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް އިންތިޚާބުތަކައިބެހޭ އާންމު ގާނޫނަށް އިސްލާހު ގެނެސް، އެ ބިލު ތަސްދީގުކުރަން އޮތީ ފޮނުވައިފައެވެ. އިދިކޮޅު އެމްޑީޕީން ހުށަހަޅައިގެން ގެނައި ބަދަލު ތަސްދީގުނުކޮށް، އަނބުރާ މަޖިލީހަށް ފޮނުވައިލަން މިއަދު ވަނީ ނިންމައިފައެވެ.
ރައީސް އޮފީހުން ބުނީ، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން، މި ބިލު، މިއަދު އަނބުރައި ފޮނުއްވައިލެއްވީ، މި ބިލުގައި، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ތަޢާރުޟުވާ ކަންކަމާއި، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެމަތީން އިންތިޚާބުތައް ބޭއްވުމާއި އަދި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރަސްއެޅިދާނެ ފަދަ އިޖްރާއާތުތައް ކަނޑައަޅާފައިވާކަން ދައުލަތުގެ ބަންޑާރަނާއިބު ފާހަގަކުރައްވައި، އެ ކަންކަން އިޞްލާޙުކުރެއްވުމަށްޓަކައި ބިލަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ދައުލަތުގެ ބަންޑާރަނައިބު ލަފާދެއްވާފައިވާތީ ކަމަށެވެ.
ކުރިއަށް އޮތް 20 ވަނަ މަޖިލީސް އިންތިޚާބު ބާއްވަން ނިންމާފައި އޮތީ ރޯދަ މަހާ ދިމައިވާ ގޮތަށް މި އަންނަ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ.
އެކަމަކު، އިންތިޚާބު ރޯދަ މަހާ ދިމާވާތީ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ. އެހެންވެ، އެމްޑީޕީގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ ރޯދަ މަސް ނިމި 10 ދުވަސް ފަހުން، އިންތިޚާބުތައް ބޭއްވޭ ގޮތަށް އިންތިޚާބުތަކައިބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށެވެ.
އެ އިސްލާހު ތަސްދީގުކުރުން ލަސްވާތީ ވެސް މިދިޔަ ހަފުތާގައި ވަނީ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފައެވެ.
މީގެ ކުރިން، މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ބިލު އަނބުރާ ފޮނުވާލައިފި ނަމަ، ސާފު އަޣުލަބިއްޔަތު ދެވަނަ ފަހަރަށް ބިލް ފާސްކޮށް ތަސްދީގުކުރާނެ ކަމަށް ވިދާޅުވެފައެވެ.