މިއަހަރުގެ ކުރީކޮޅު ބ. ހިތާދޫ "ވީވަރު" ބޯޓްގައި ރޯކޮށް އަންދާލި ކަމަށް ތުހުމަތު ކުރެވޭ ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ. މި މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ ހިތާދޫ ޖަވާހިރުވާދީ، އަބްދުﷲ މުހައްމަދު 19، އިގެ އިތުރުން 17 އަހަރުގެ ކުޑަކުއްޖެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މާޗް މަހުގެ ތެރޭގައި ކަމަށެވެ.

"އެ މައްސަލައިގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މާޗް މަހުގެ ތެރޭގައި. ދައުވާ ކުރަން ފޮނުވީ ދެ މީހެއްގެ މައްޗަށް އެއީ 17 އަހަރުގެ ކުޑަކުއްޖަކާ އިތުރު މީހެއް،" އޮފިޝަލް ވިދާޅުވި އެވެ.

ވީވަރު ބޯޓުގެ ވެރިޔާ އަހުމަދު ޝަރީފް މިއަދު ބުނީ ބޯޓު އަންދާލުމުން 3.3 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު ކަމަށާއި އެ ބޯޓަކީ ތިން އަހަރުގެ މަސައްކަތުން ބަނދެފައިވާ ބޯޓެއް ކަމަށެވެ.

ވީވަރު ބޯޓު އަންދާލާފައި ވަނީ މަސައްކަތް ނިމި ޓެސްޓް ދަތުރެއް ކުރަން ތައްޔާރުވެފައި ވަނިކޮށް މިދިއަ ފެބުރުއަރީ ނުވަ ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ.