26 Feb 2024, 13:47
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދެ މަގާމަކަށް މިއަދު ބޭފުޅުން އައްޔަނު ކޮށްފިއެވެ.
އަލަށް މީހުން އައްޔަނު ކުރި ދެ މަގާމަކީ ޔުނިވާސިޓީގެ ރަޖިސްޓަރާ އަދި ޑީން އޮފް ރިސާޗުގެ މަގާމެވެ.
އެގޮތުން ޔުނިވާސިޓީޫގެ ރެޖިސްޓަރާގެ މަގާމަށް މުހައްމަދު ޟާމިރު އައްޔަންކުރިއިރު، ޑީން އޮފް ރިސާޗްގެ މަގާމަށް އައްޔަންކުރީ ޑރ. މަރިޔަމް ޝަހްނީޒާ ނަސީރެވެ.
މި ދެ މަގާމަށް މީހުން އައްޔަނުކޮށް ވަޒީފާގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު އެ ޔުނިވާސިޓީގައި ވަނީ ޚާއްސަ ހަފްލާއެއް ވެސް ބާއްވައިފައެވެ.
ވަޒީފާގެ އެއްބަސްވުމުގައި މަގާމަށް ހޮވި ވަޑައިގެން ދެ ބޭފުޅުންނާއި އެކު އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒް އާދަމް ވަނީ ސޮއި ކުރައްވައިފައެވެ.
ޔުނިވާސިޓީގެ ރަޖިސްޓަރާގެ މަގާމަސް ހޮވި ވަޑައިގެން ޟާމިރަކީ 2011 ވަނަ އަހަރުން ފެށިގެން އެމްއެންޔޫއަށް އެކި ގޮތްގޮތުން ޚިދުމަތް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. އެގޮތުން އެންމެ ފުރަތަމަ ލެކްޗަރާއެއްގެ ހައިސިއްޔަތުން ޔުނިވާސިޓީއަށް ޚިދުމަތް ކުރެއްވިއެވެ.
މަގާމު ހަވާލު ކުރަން އެމްއެންޔޫގައ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: އަމަން ލަތީފް
އެއަށްފަހު ދެ އަހަރު ދުވަހުގެ މުއްދަތަކަށް އެސިސްޓަންޓް ރަޖިސްޓަރާގެ މަގާމުގައި ޔުނިވާސިޓީއަށް ޚިދުމަތް ކުރެއްވުމަށްފަހު، ރަޖިސްޓަރާއެއްގެ މަގާމުގައި ހުންނަވައިގެން، ދަރިވަރުންގެ އިދާރީ ޚިދުމަތްތަކާއި ބެހޭ ބައި ކުރިއެރުވުމަށް އަގުހުރި މަސައްކަތްތަކެއް ވަނީ ކުރައްވައިފައެވެ.
ޔުނިވާސިޓީން ބުނީ މިއީ އޭނާގެ ރަޖިސްޓަރާކަމުގެ ދެވަނަ ދައުރު ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެ ޔުނިވާސިޓީގައި ކިޔަވާ ދަރިވަރުން މިހާރު އުފުލަމުންދާ ތަކުލީފު ކުޑަ ކޮށްދޭނެ ކަމަށެވެ.
"އަދި މިއާ އެއްކޮށް އަޅުގަނޑުގެ ތަސައްވުރުގަ އެމްއެންޔު ސްޓޫޑެންޓް މޯބައިލް އެޕެއް ތައާރަފް ވެގެން ދިއުމަކީ ވެސް އަޅުގަނޑު ދެކޭ އެއް ހުވަފެނެއް،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑީން އޮފް ރިސާޗާގެ މަގާމަށް ހޮވިވަޑައިގެން ޑރ މަރިޔަމް ޝަހްނީޒާ ނަސީރަކީ 12 އަހަރަށް ވުރެ ގިނަ ދުވަހު ތައުލީމީ ދާއިރާގައި ޚިދުމަތްކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ރިސާޗުގެ ދާއިރާއިން ވެސް އޭނާ ވަނީ ޚިދުމަތް ކޮށްދެއްވައިފައެވެ. އަދި މިހާރުވެސް ގެންދަވަނީ އެ ދާއިރާއިން ޚިދުމަތް ކުރައްވަަމުންނެވެ.
އެގޮތުން ދިވެހިރައްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ވެސް ޑެޕިއުޓީ ވައިސް ޗާންސެލަރު ކަމުގެ މަގާމު ވެސް އޭނާ ވަނި އަދައިކުރައްވައިފައެވެ. އަދި ސިވިސް ސާވިސް ކޮމިޝަނުގެ މަގާމުތަށް ވެސް އޭނާ ވަނީ ފުރުއްވައިފައެވެ.
މަގާމު ހަވާލު ކުރަން އެމްއެންޔޫގައ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: އަމަން ލަތީފް
އެމްއެންޔޫގެ ރިސާޗް ޑިވެލޮޕްމެންޓް އޮފީހާ އޭނާ ގުޅިލެއްވީ މިދިޔަ އަހަރުގެ ތެރޭގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އޭނާގެ ތަސައްވުރަކީ ރިސާޗުގެ މަސައްކަތްތަށް ވަރުގަދަކޮށް އިތުރަށް ތަރައްގީކޮށް ޔުނިވާސިޓީގެ ރޭންކިން މަތި ކުރަން މަސައްކަތް ކުރުން ކަމަށެވެ.
"އަޅުގަނޑާ މިއަދު މި ހަވާލުކުރި، ހަވާލުކުރެވުނު މަގަމުގައި ހުރެގެން އަޅުގަނޑު އާރްޑީއޯގެ ތިން ޑިޕާޓުމަންޓުގެ މަސައްކަތް އިތުރަށް ކުރިއަރުވާނަން،" އޭނާ ވިދާޅުވިއެވެ.
ދާދި ފަހުން މީގެ އެއް މަސް ދުވަސް ކުރިން އެމްއެންޔޫގެ ތިން ފެކަލްޓީއަކަށް ޑީނުން ވެސް ވަނި އައްޔަނުކުރައްވައިފައެވެ.