26 Feb 2024, 13:08
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރޯދަަމަހަށް ފަހު ބޭއްވުމަށް އަދިވެސް ފަހި ފުރުސަތު އެބަ އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަދި ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ކެމްޕޭން މެނޭޖަރު އަޙުމަދު އީސާ މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއިން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އީސާ ވިދާޅުވީ، އެމްޑީޕީން ގަބޫލުކުރާ ގޮތުގައި މަޖިލިސް އިންތިޚާބު ބާއްވަން ރައްޔިތުން ބޭނުންވަނީ ރޯދަމަހަށް ފަހުގައި ކަމަށެވެ.
"އެހެންވީމާ ރަމަޟާން މަހަކީ މި ފަދަ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ އުޅެން އުނދަގޫ، އަދި ޚާއްސަކޮށް އިންތިޚާބެއްގަ ވޯޓުލާން ރައްޔިތުން ނިކުންނަންވީ މިންވަރަށް، އަޅުގަނޑުމެން އަބަދުވެސް އަޅުގަނޑުމެންގެ ސިޔާސީ ޕާޓީތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް މި އޮންނަނީ އިންތިޚާބުތަކުގައި، އެއް އިންތިޚާބުން އަނެއް އިންތިޚާބަށް ރައްޔިތުން ވޯޓުލާން ނިކުންނަ އަދަދު ދަށްވުން އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް،" އީސަ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ މާޗު މަހުގެ 17ވަނަ ދުވަސް ކަމަށްވާ ރަމަޟާންމަހުގެ ހަތް ވަނަ ދުވަހެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)އިން މަސައްކަތް ކުރީ ރޯދަމަހުގެ ކުރިން މަޖިލިސް އިންތިޚާބު ބޭއްވޭނެ ގޮތެއް ހޯދުމަށެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ބެހޭ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ)ގައި ބަޔާން ކޮށްފައި އޮންނަނީ "ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ހަމަވުމަށް 120 ދުވަހަށްވުމާއެކު، ގިނަވަގެން 10 ދުވަހުގެ ތެރޭގައި އަލަށް އިންތިޚާބު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވިއްޖެކަން އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް އަންގައި އިއުލާން ކުރަންވާނެ," ކަމަށެވެ.
އެ ގޮތުން ގާނޫނުގައި ބަޔާންކޮށްފައި އޮންނަ މުއްދަތުގެ ކުރިން ނުވަތަ ފަހުން ވެސް އިންތިޚާބު ބޭއްވޭނީ ގާނޫނަށް އިސްލާހު ގެނެސްގެންނެވެ.
އީސީން ބޭނުންވި ގޮތަށް ރޯދަަމަހުގެ ކުރީގައި މަޖިލިސް އިންތިޚާބު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ނުދިނުމުން އެކަމާ އީސީގެ ރައީސް ފުއާދު ތައުފީގު މީގެ ކުރިން ވެސް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.
ރޯދަމަހުގެ ފަހުން މަޖިލިސް އިންތިޚާބު ބޭއްވުމަށް އީސީން ބޭނުން ނުވީ، އެކަން އެގޮތަށް ކުރާ ނަމަ، ކެމްޕޭން ކުރަން ޖެހޭނީ ރޯދަމަހުގައި ކަމަށްވާތީއެވެ.
މާޗު 17 ރޯދަމަހާ ދިމާވާތީ، އިންތިޚާބުތައް ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ބޭއްވޭ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު އިސްލާހު ކުރަން މަޖިލީހުން ފާސްކުރިއެވެ. އެހެން ނަމަވެސް އެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގެއް ނުކުރައްވައެވެ.