02 Jun 2012, 15:20
އައްޑޫ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ނައިޓް މާކެޓެއް ރޭ ފަށައިފި އެވެ.
އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ އެއް ހަފުތާއަށް ކުރިޔަށް ގެންދާ ނައިޓް މާކެޓްގައި ހަތް ފަރާތަކުން ބައިވެރިވެފައިވާ ކަމަށާއި އޭގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނިތަކާއި އައްޑޫގެ ބޮޑެތި ވިޔަފާރިވެރިން ބައިވެރިވާ ކަމަށެވެ. އޭގެ ތެރޭގައި ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ ވެސް ހިމެނެ އެވެ.
"މި ނައިޓްމާކެޓްގައި އެސްޓީއޯ އާއި އައްޑޫގެ ވިޔަފާރިވެރިން ބައިވެރިވޭ،" ސޯބެ ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ ނައިޓް މާކެޓްގައި ބަދިގެއަށް ބޭނުންވާ ސާމާނާއި އަންނައުނާއި ކުޅޭ ސާމާނުގެ އިތުރުން ގޭތެރެއަށް ބޭނުންވާ ގިނަ ބާވަތުގެ މުދާ ހެޔޮ އަގުގައި ވިއްކަން ބަހައްޓާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ ބިޒްނަސް ޑިވެލޮޕްމެންޓް ސެންޓަރު ގުޅިގެން ފެށި ނައިޓް މާކެޓް ދޭތެރެ ދޭތެރެއިން ބާއްވާނެ ކަމަށެވެ.