މިދިޔަ ބުދަ ދުވަހުގެ އިރުއޮއްސުނު ވަގުތު ނ. މާފަރު ގެއެއްގެ ތެރޭގައި ދެފައި ބަނދެ މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރު ކޮށްފި އެވެ.

މާފަރު ހިތްފަސޭހަގޭ، ހަސަން އަބޫބަކުރު، 65، މަރުވެފައި އޮއްވައި ފެނުނުއިރު އޮތީ ބެޑްޝީޓަކުން ދެފައި ބަނދެފަ އެވެ. އޭރު އޭނާގެ އަނގައިންނާއި ނޭފަތުން ލޭ ވެސް ފައިބައިފައި ހުއްޓެވެ.

އޭނާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށް ސުވާލު ކުރަމުން އަންނަ ކަން ފުލުހުން ވެސް ވަނީ ސަން އަށް ކަށަވަރުކޮށްދީފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ބެލެވެނީ އަބޫބަކުރު މަރާލާފައިވާ ކަމަށެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި ރެއިން ފެށިގެން ފިރިހެނަކު ހައްޔަރުކޮށް ފުލުހުން އަންނަނީ ސުވާލު ކުރަމުން ނެވެ. ނަމަވެސް އެއީ ކޮން ރަށެއްގެ ކާކުކަމެއް ނޭނގެ އެވެ.

ފުލުހުން ބުނެފައި ވަނީ އަބޫބަކުރު މަރުވެފައި އޮންނަތާ ދެތިން ދުވަސްވާނެ ކަމަށެވެ.

އަބޫބޫކަރުގެ ހަށިގަނޑު ފެނުނީ އަވަށްޓެރިން އޭނާގެ ހަބަރެއް ނުވާތީ އެގެއަށް ވެދެ ބެލުމުންނެވެ. އޭރު އޭނާގެ އަންހެނުންނާއި ދަރިން ރަށަކު ނެތެވެ.

މާފަރުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައި ވަނީ އަބޫބަކުރު އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށާއި ރަށު ތެރޭގައި ވާހަކަ ދެކެވެނީ ބަޔަކު އަބޫބަކުރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން މަރާލީ ކަމަށެވެ. އަދި ބައެއް މީހުން ބުނީ އުމުރުން ދުވަސްވީ މީހުންނަށްދޭ ފައިސާ ދާދިފަހުން އޭނާ އަށް އެއްފަހަރާ ލިބިފައިވާ ކަމަށާއި އެ ފައިސާގެ ދަހިވެތިކަމުގައި ބަޔަކު އޭނާ މަރާލީ ކަމަށް ރަށުތެރޭގައި މީހުން ކިޔާ ކަމަށެވެ.

އަބޫބަކުރުގެ މަރާ ގުޅިގެން މީހަކު ހައްޔަރު ކުރިއިރު، މިދިޔަ ބުދަ ދުވަހުގެ ހެނދުނު މާލޭގައި ޒަޚަމްތަކާ އެކު މަރުވެފައި އޮއްވައި ފެނުނު 16 އަހަރުގެ ކުއްޖާގެ މަރާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކުރި ކަމަކަށް ފުލުހުން ނުބުނެ އެވެ.