ރޯދަމަހުގައި އިންތިޚާބުތައް ނުބޭއްވޭ ގޮތަށް އިންތިޚާބުތަކާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ތަސްދީގުކުރެއްވުމުގެ ވިސްނުންފުޅެއް ނެތްކަމަށް ދޭހަވާ މޭރުމަކުން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވާހަކަފުޅު ދައްކަވައިފިއެވެ.

ރައީސް އުތުރުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދުވަނީ، ހއ. ބާރަށު ދާއިރާއިން މަޖިލީހަށް ވާދަކުރައްވާ ސަރުކާރު ކެންޑިޑޭޓަށް ތާއިދު ހޯއްދެވުމަށް އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެ ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މަޖިލިސް އިންތިޚާބު އޮންނާނީ އަންނަ މާޗު މަހުގެ 17ވަނަ ދުވަހު ކަމަށެވެ. އެހެންކަމުން މިހާރު އެ އިންތިޚާބަށް މާގިނަ ދުވަހެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަންނަ މަހު 17ގައި އިރާދަކުރެއްވިއްޔާ މި އިންތިޚާބު މި އޮންނަނީ. މާގިނަ ދުވަހެއް މިހާރަކު ނެތް. މިއަދު މީ 25. އެހެންވީމަ މާގިނަ ދުވަހެއް ނެތް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު މިދަފައިން ވިދާޅުވި އިރު، އިންތިޚާބުތަކާ ބެހޭ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހު ރައީސް ތަސްދީގުކުރެއްވުން ލަސްވުމުން މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅާފައެވެ.

މި ކުއްލި މައްސަލަ ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ)އެވެ. އެ ކުއްލި މައްސަލައިގައިވަނީ ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް އިސްލާހެއް ގެނެސްފައިވަނީ އެ މަހުގައި އިންތިޚާބުތައް ބޭއްވުމުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.

މި ބިލް ރައީސް ތަސްދީގުކުރެއްވުން ލަސްވުމާ ގުޅިގެން އިދިކޮޅު އެމްޑީޕީން ދަނީ ތުހުމަތުތަކެއް ކުރަމުންނެވެ. އެގޮތުން، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މީގެ ކުރިން ވިދާޅުވެފައި ވަނީ، ރޯދަމަހު އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމީ ސަރުކާރުގެ ނުފޫޒާއި ފިއްތުންތަކުގެ ސަބަބުން ކަމަށެވެ. އަދި އީސީއަކީ މިނިވަން މުއައްސަސާއެއް ކަމަށާއި އެ ކޮމިޝަނަށް ކަންކަން މަޖުބޫރު ނުވާނެކަމަސް ޝާހިދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އޭނާ ތުހުމަތު ކުރައްވާ ގޮތުގައި ރޯދަ މަހު އިންތިޚާބު ބާއްވަން ސަރުކާރުން ބޭނުންވަނީ ގިނަ ބައެއްގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުމުގެ ބޭނުމުގައެވެ. އަދި އިންތިޚާބު ލަސްކުރާ ބިލް ފާސް ނުކޮށްފި ނަމަ އަލުން ބިލް ތަސްދީގު ކުރުމަށް ފޮނުވާނީ މެމްބަރުންގެ ސާފު އަގުލަބިއްޔަތާއެކު ކަމަށް ވެސް ޝާހިދު މީގެ ކުރިން ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހުން، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ގެންނަން ފާސްކުރި އިސްލާހުގައި ވަނީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން އިންތިޚާބު ބޭއްވޭ ގޮތަށެވެ.